ޚަބަރު
ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެކޮށް ވިއްކަމުންދިޔަ ސިނގިރޭޓްތަކެއް ހޯދައިފި
ހޯދި ސިނގިރޭޓްތައް/ފޮޓޯ: ފުލުހުން
ޤާނޫނާއި ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ސިނގިރޭޓްތަކެއް ހޯދައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
އެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެކި ބުރޭންޑްތަކުގެ ސިނގިރޭޓް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކާކަމަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިހިނގާ މޭ މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަންގައި މާލެ، ގަލޮޅު ގެއަކާއި ހުޅުމާލެ ފޭސް 2 އަމާން ދޯދި އެޕާޓްމަންޓަކާއި، ވޭންއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލައިފާސްކުރިއިރު 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލާގައި ހިމެނޭ ވޭން ޓޯކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.