ޚަބަރު
ރިލްވާންގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ދޫކޮށްލީ މިދިޔަ ސަރުކާރުން: ޕީޖީ
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް
ފަރުދުން
16 މޭ 2026، 08:03
16 މޭ 2026، 08:03
ގެއްލުނު ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުاللهގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ބަންދުކޮށްފައި ތިއްބާ އެ މީހުން ދޫކޮށްލީ މިދިޔަ ސަރުކާރުންކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ، ނޫސްވެރިންގެ މިނިވަންކަން ކަށަވަރުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ނިންމި ކުރީގެ ތިން ރައީސުން، ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވި ބުނުމަކަށް ރައްދުދެއްވަމުންނެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބަންޑާރަނައިބު ވިދާޅުވީ، ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުންކަމަށެވެ. އެހެންކަމުން ރައީސް ޞާލިހު ހެއްދެވީ އިތުރުފުޅެއް ކަމަށް ޕީޖީ ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަމަށެވެ. އެގޮތުން، އެ މީހުންގެ ތެރެއިން އެންމެ ފަހުން ބަންދުގައި ހުރި މީހާ ދޫކޮށްލީ 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.
2018ވަނަ އަހަރު ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެންނެވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބައްލަވައި، އެ ފަރާތްތަކުގެ އާއިލާތަކަށް އިންސާފު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ވެރިކަން ނިންމާލީ މަރުތަކުގެ އެއްވެސް މައްސަލައަކަށް އިންސާފެއް ނުލިބިއެވެ.