ޚަބަރު
އައި.އޯ.ޓީ.ސީ ގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އައި.އޯ.ޓީ.ސީ ގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކާއި، މި ސަރަޙައްދުގައި މަސްވެރިކަން ކުރާ އެހެނިހެން ސަރަޙައްދުގެ ޤައުމުތައް އަދި ކަމާ ގުޅުންހުރި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ފަރާތުން 225 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ. އައިއޯޓީސީގެ ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކަށް އަމާޒުކޮށްގެން ކުރާ މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމާއި އަދި އެބާވަތްތައް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ.
މި މަޝްވަރާތަކުގައި ކޮމިޝަންގެ 29 މެންބަރު ޤައުމަކާއި، ކޮމިޝަނާ ގުޅިގެން މަސައްކަތްކުރާ 2 ޤައުމަކާއި، އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ 2 ޤައުމަކުން ބައިވެރިވެފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ 26 ޖަމްއިއްޔާއަކުންވެސް ބައިވެރިވެފައިވާއިރު، މި ފަހަރުގެ ބައްދަލުވުމުގައި ޖުމްލަ 7 ޤަރާރެއް ފާސްކޮށްފައިވެއެވެ.

މިގޮތުން، މި ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ތިން ޤަރާރެއް ހުށަހަޅައި، އެ ޤަރާރުތައް ވަނީ ކާމިޔާބުކަމާއެކު ފާސްކޮށްފައެވެ. އެއީ މަޑި (މޮބިޔުލިޑް) އާއިލާގެ ބާވަތްތައް ހިމާޔަތްކުރުމާ ގުޅޭ ޤަރާރަކާއި، މަސްވެރިކަމުގެ ތަފާސްހިސާބުތައް ހުށަހެޅުމުގެ ކަންކަން ހަރުދަނާކުރުމާ ބެހޭ ޤަރާރެއްގެ އިތުރުން، ބީ.ބީ.އެން.ޖޭ މުއާހަދާއާ ގުޅިގެން މަސައްކަތް ކުރުމަށް މިދިޔަ އަހަރު ހުށަހެޅި ހުށަހެޅުން އަމަލުކުރުން ލާޒިމުކުރާ ޤަރާރަކަށް ބަދަލުކުރުމާ ގުޅޭ ޤަރާރެކެވެ.
މީގެ އިތުރުން، ރީނދޫއުރަހަ ކަންނެއްޔާއި ތުންގަނޑު ހިބަރު އެކި ޤައުމުތަކަށް ބޭނޭނެ މިންވަރު ކަނޑައަޅައި، އެކަން ތަންފީޒުކުރުމަށްޓަކައި އެޅޭނެ ހަރުދަނާ ފިޔަވަޅުތައް ބަޔާންކޮށްފައިވާ ދެ ޤަރާރެއް ފާސްކުރުމުގައިވެސް ދިވެހި ރާއްޖެއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މި ބައްދަލުވުން ދިވެހި ދައުލަތުން އިސްނަގައިގެން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ އިންޑިއާ ކަނޑުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމުގައި ސައިންޓިފިކް ހޯދުންތަކާއި، ދެމެހެއްޓެނިވި އަދި ހަމަހަމަ އުސޫލުތަކުގެ މަށްޗަށް ބިނާކޮން މަސްވެރިކަން މެނޭޖްކުރުމުގެ ކަންކަން ހިންގުމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދިން ކަމެކެވެ.

މި ބައްދަލުވުން ދިވެހި ދައުލަތުން އިސްނަގައިގެން ދިވެހި ރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ އިންޑިއާ ކަނޑުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމުގައި ސައިންޓިފިކް ހޯދުންތަކާއި، ދެމެހެއްޓެނިވި އަދި ހަމަހަމަ އުސޫލުތަކުގެ މަށްޗަށް ބިނާކޮން މަސްވެރިކަން މެނޭޖްކުރުމުގެ ކަންކަން ހިންގުމަށް ދިވެހި ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދިން ކަމެކެވެ. އަދި ބައްދަލުވުމުގެ ޒަރިއްޔާއިން ކަނޑުގެ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ސަރަހައްދީ ގައުމުތަކާއެކު ގާތުން މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.
އައިއޯޓީސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވިގެން މިދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުންނެވެ.
މިފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިކަމުގެ ސަބަބުން މަސްވެރި ސިނާއަތަށް މިކަމުން ކުރާނެ ފައިދާއާއި މިކަމުގެ މުހިންމު ކަމުންނެވެ.