ޚަބަރު
ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލޭންޑުގެ ތަޖުރިބާކާރުން މިއަދު ރާއްޖެ އަންނަނީ
ކުރީގެ ޑައިވިންގ ފޮޓޯއެއް: ޑައިވަރނެޓް
ވ. އަތޮޅަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދާ ރެސްކިއު އޮޕަރޭޝަނާއި ގުޅުމަށް ފިންލޭންޑްގެ ތަޖުރިބާކާރުންތަކެއް މިއަދު ރާއްޖެ އަންނަން ދަތުރު ފަށައިފިއެވެ.
ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަޙައްދަކަށް ޑައިވްކުރުމަށް މިމަހުގެ 14 ވަނަ ދުވަހު ފައިބާފައިވަނީ އިޓަލީއަށް ނިސްބަތްވާ 5 ފަތުރުވެރިންނެވެ. މި ޙާދިސާގައި ގެއްލުނު އިޓަލީވިލާތުގެ 5 ރައްޔިތުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ހަމަ އެދުވަހުގެ އިރުއޮއްސި 18:13 ހާއިރު ވަނީ މޫދު އަޑިން ފެނިފައެވެ. އަދި ބާކީތިބި 4 މީހުން ހޯދުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން ހައި-ރިސްކް އޮޕަރޭޝަނެއް ފަށާފައިވާއިރު، އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި، ބާކީތިބި މީހުން ވީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ ކޭވްއެއްގައި ތާށިވެފައެވެ.
މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނެއްކަން އެމްއެންޑީއެފްއިން ފާހަގަކުރައްވާފައިވާއިރު، މި އޮޕަރޭޝަން ހިނގާ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދިޔަ ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ އިއްޔެގެ ވަޤުތެއްގައި ވަނީ ނިޔާވެފައެވެ. ހަމަ އެއާއެކު، އެމްއެންޑީއެފުން ވަނީ މި އޮޕަރޭޝަން ވަޤުތުން ސަސްޕެންޑުކޮށްފައެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، އެ އޮޕަރޭޝަނާއި ގުޅުމަށް ފިންލޭންޑުގެ 3 މެންބަރުންގެ ޓީމެއް ރާއްޖެ އައުމަށް ފުރާފައިވާ ކަމަށެވެ. އަދި މިއީ އިޓަލީ ސަރުކާރުން ހޯދި ބައެއްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، އެއީ "ބޭން" ކިޔާ ކުންފުންޏެއްގެ ބައެއް ކަމަށާއި، އެއީ ވަރަށް މަޝްހޫރު، އަދި މިކަހަލަ ޑައިވްތަކަށް ވަަރަށް ތަޖުރިބާހުރި ބައެއް ކަަމަށެވެ.
މިކަހަލަ ޑީޕް ޑައިވްސް، ޑީޕް ކޭވް ޑައިވްސްއަށްވެސް ދުނިޔޭގެ މަޝްހޫރު ބޭފުޅުންކޮޅެއް އެއީ، މިއީ ފިންލޭންޑްގެ ތިން ރައްޔިތުން. މިކަމުގައި ޓެކްނިކަލް ސަޕޯޓް ރާއްޖެއަށް އަތްދިއްކޮށްލީ އިޓަލީގެ އިތުރަށް، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އެމެރިކާ، އެފަރާތްތަކާއި މަޝްވަރާ ކުރެވިގެން، ޚާއްޞަކޮށް އަޅުގަނޑުމެންނަށް އެނގުނު އެއްޗަކީ، އިޓަލީ އާއި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުން މަޝްވަރާކޮށްފައި، އެ ހުރިހާ އެންމެންނަށް އެއްބަސްވެވިގެން އައިޑެންޓިފައި ކުރި ކުންފުންޏެއްކަން މިއީ. މިއީ އިޓަލީ ކުންފުންޏެއް.
މުންދު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމީހުން މިއަދު ރާއްޖެ އައިސް، ކޯސްޓްގާޑުގެ ޑައިވަރުންނާއި ގުޅޭނެކަމަށް މުންދު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މިވަގުތު ދިމާވި ހާދިސާއާއި ގުޅިގެން، އިތުރު ރިސްކެއްވެސް އޮތް ކަަމަކަށް ވުމާއެކު، މިވަގުތުން މިވަގުތަށް އެމްއެންޑީއެފްއިން އޮޕަރޭޝަން ސަސްޕެންޑުކޮށްފައިވާއިރު، މިއަދު ފިންލޭންޑުގެ ބޭފުޅުން އައުމާއެކު، އެ ބޭފުޅުން ތިއްބަވައިގެން ކުރިއަށްދާނެ މަގެއް ކަނޑައަޅުއްވާނެކަން މުންދު ފާހަގަކުރެއްވިއެވެ.
އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވީ، ގެއްލުނު ފަތުރުވެރިން ހޯދަން މަސައްކަތް ކުރަނިކޮށް ހާލުދެރަވެގެން މާލެ ގެނަސް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށެވެ.