ކޮލަމް
"ތްރީ ސްޓޫޖަސް" ގެ ކޮމެޑީ އާއި މިއަދުގެ މަސްރަހު: އެއް މަންޒަރެއް، ތަފާތު ސިފައެއް؟
ތްރީ ސްޓޫޖަސް
ފަރުދުން
17 މޭ 2026، 10:30
17 މޭ 2026، 10:30
ދުނިޔޭގެ މަޝްހޫރު ކޮމެޑީ ސިލްސިލާ "ތްރީ ސްޓޫޖަސް" އަކީ މީގެ އަހަރުތަކެއް ކުރިން ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފަންނާނުންތަކެކެވެ. ނަމަވެސް، މިއަދުގެ އާންމު ދިރިއުޅުމާއި، ޚާއްޞަކޮށް މުޖުތަމައުގެ ބައެއް ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، އެ ކޮމެޑީގެ ހަނދާންއާވެއެވެ.
ކޮމެޑީގެ ތަރުތީބު: ހައިޖާނާއި އިނގިލި ދިއްކުރުން
"ތްރީ ސްޓޫޖަސް" އިން ފެނިގެންދާ ތިން މީހުންނަކީ ކޮންމެ ކަމެއްގެ ތެރެއަށް ވެސް ފުރިހަމަ އިތުބާރާއެކު ވަދެގަންނަ ބައެކެވެ. ނަމަވެސް އެމީހުން ދާ ކޮންމެ ތަނެއްގައި އުފެދެނީ ބޮޑު ހައިޖާނެކެވެ. މީގެ ތެރެއިން އެކަކު މީހެއްގެ ލޮލަށް އިނގިލި ކޮއްޕާލާއިރު، އަނެކަކު އަތުން އެތަނުގެ ފަރުނީޗަރުތައް ހަލާކުވެގެންދެއެވެ. ތިންވަނަ މީހާ ކަންކަން ހަމަޖައްސަން މަސައްކަތް ކުރާ ކަމަށް ދެއްކި ނަމަވެސް، އޭނާގެ އަމަލުތަކުން ކަންކަން އިތުރަށް ގޯސްވެގެންދެއެވެ.
އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މުޅި މަންޒަރު ހަލާކުވެ، ކަންކަން ބޮއްސުންލައިގެން ދާއިރު، އެކަކު އަނެކަކުގެ ބޮލުގައި އިލްޒާމް އެޅުވުމަށްފަހު، ޖެހިގެން އަންނަ މަންޒަރުގައި އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން އެންމެން އެކުގައި ފެނިގެންދާ ކަމެވެ.
މިއަދުގެ ބައެއް ޢާންމު ހަރަކާތްތަކާއި ކަންކަމަށް ބަލާއިރު، މި ދެންނެވި ކޮމެޑީގެ އުސޫލުތައް ފެންނަ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ފުރަތަމަ ފެނިގެންދަނީ ފޯރިގަދަ ތަގުރީރުތަކެވެ. އެއަށްފަހު އޮޅުންބޮޅުންތަކާއި، ހަޅޭކުގެ އަޑުތައް އިވިގެންދެއެވެ. އެންމެ ފަހުން، ކުރިން ސަލާމަތް ކުރެވެން އޮތް ކަމެއް ހަލާކުވުމުން، އެކަން ރަނގަޅު ކުރަން ދުވާ މަންޒަރުތައް ފެނެއެވެ.
މިއަދުގެ ދުނިޔޭގައި މިފަދަ "ކެރެކްޓަރ" ތަކެއް އުޅޭނަމަ، އެމީހުން ފެންނާނީ ބޮޑެތި ނޫސްވެރިންގެ ބައްދަލުވުންތަކުގައެވެ. އަމިއްލައަށް ހަލާކުކޮށްލި ކަންކަމާ މެދު ނުހަނު ކަންބޮޑުވާކަން ހާމަކޮށް، ޒިންމާދާރުކަމާއި، އިންސާފާއި، ހަމަހަމަކަމާ ބެހޭ ގޮތުން ފޯރިގަދަ ވާހަކަތައް ދައްކާނެއެވެ. ބަލަން ތިބޭ މީހުންގެ ހިތުގައި އުފެދޭނެ ސުވާލަކީ "މިއީ ހަމަ މިދިޔަ ހަފުތާގައި އެކަކު އަނެކަކަށް ހަމަލާދީ، ކަންކަން ގޯސްކުރަން އުޅުނު މީހުން ހެއްޔެވެ؟" މިއީއެވެ.
ސްޓޭޖު ބަދަލުވިޔަސް ސްކްރިޕްޓް އޮތީ ހަމަ އެގޮތަށް
"ތްރީ ސްޓޫޖަސް" ގެ ކޮމެޑީ ކާމިޔާބުވީ އޭގެ ކެރެކްޓަރުން ބަދަލުނުވާތީއެވެ. ބަދަލުވަނީ ހަމައެކަނި ސްޓޭޖެވެ. އެއްފަހަރު ޖަލެއްގައެވެ. އަނެއްފަހަރު ކޯޓެއްގައެވެ. ނުވަތަ ބޮޑު އޮފީހެއްގައެވެ. ނަމަވެސް އުސޫލަކީ ހަމަ އެކި ކަންކަމެވެ: ވަދެގަތުން، ދެބަސްވުން، ހައިޖާނު، އަދި އެންމެ ފަހުން އަސަރުގަދަ ވާހަކަތަކަކަށްފަހު އެންމެން ގުޅިގެން އަނެއްކާވެސް ފެނިލުމެވެ.
ގިނަ އަހަރުތަކެއް ފަހުންވެސް މި ހަނދާންތައް އާވަނީ، މިއަދުގެ ބައެއް ޢާންމު ހަރަކާތްތަކުން އެ މަންޒަރުތައް ސިފަވާތީއެވެ. ތަފާތީ ހަމައެކަނި ލައިގެން ތިބި ސޫޓާއި، ކުރިމަތީގައި ހުރި މައިކްރޯފޯނުތަކެވެ. ނަމަވެސް ކުޅެވެމުންދަނީ ހަމަ އެއް "އެޕިސޯޑެއް" ނޫންބާއެވެ.