ޚަބަރު
ރާއްޖެއަށް އެބޯލާ ބަލި އައުމުގެ ފުރުޞަތު ކުޑަ: އެޗްޕީއޭ
ކޮވިޑް ދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި/ފޮޓޯ: ސަންގު
ރާއްޖެއަށް އެބޯލާ ބަލި އައުމުގެ ފުރުޞަތު ކުޑަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގެ އިޓޫރީ ޕްރޮވިންސްގައި އެބޯލާ ފެތުރެމުންދާތީ ދުނިޔޭ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި އެވެ. އެބޯލާ ބައްޔަށް 246 މީހުން ފައްސިވެފައިވާއިރު، ބަލި ޖެހުމުގެ ސަބަބުން މިހާތަނަށް އެ ސަރަޙައްދުގެ 80 މީހުން މަރުވެއްޖެކަން އެފްރިކާ ސީޑީސީ އާއި ޑީއާރުސީގެ ޞިއްޙީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭއިން ބުނީ، މި ބަލީގެ ހާލަތު ކަމާގުޅުން ހުރި ފަރާތްތަކާއެކު މިހާރު ދިރާސާކުރަމުންދާ ކަމަށެވެ. ހަމަ އެހެންމެ، އެޗްޕީއޭއިން ރޭގެ ވަޤުތެއްގައި މީޑިއާތަކަށް ފޮނުވި މެސެޖުގައި އިތުރަށް ބުނެފައި ވަނީ، މި ބަލި ރާއްޖެއަށް އައުމުގެ ފުރުޞަތު އޮތް މިންވަރު ކުޑަ ކަމަށެވެ. އެހެންނަމަވެސް، މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ބަލި ފެތުރެމުންދާ ސަރަޙައްދުތަކަށް މިވަޤުތު ދަތުރުނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ވައިރަސް ކޮންގޯ އިން ބޭރުން ވެސް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އަވަށްޓެރި ޔޫގެންޑާ އިން ދެ މީހަކު އެ ބައްޔަށް ފައްސިވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން މަޢުލޫމާތުދެއެވެ.
އެބޯލާ އަކީ ލޭ އަދި ހަށިގަނޑުން ބޭރުވާ އެހެނިހެން ދިޔައިގެ ޒަރީއާއިން ފެތުރޭ، އިންސާނާގެ ފުރާނައަށް ވަރަށް ނުރައްކާތެރި ބައްޔެކެވެ.