ރިޕޯޓް
ދިވެހީންގެ އަމިއްލަ އެއަރލައިންގައި އޮސްޓްރޭލިއާއަށް، ދިވެހިރާއްޖޭގެ އޭވިއޭޝަން ތާރީޚުގައި އައު ބާބެއް
މޯލްޑިވިއަން އޭ330 ފޮޓޯ: މޯލްޑިވިއަން
ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް، ފަތުރުވެރިކަމަކީ ހަމައެކަނި ސިނާޢަތެއް ނޫނެވެ. އެއީ އިޤްތިޞާދުގެ މައިބަދައެވެ. އަދި ވައިގެ ދަތުރުފަތުރުގެ ޚިދުމަތަކީ ހަމައެކަނި އެއްތަނުން އަނެއްތަނަށް މީހުން އުފުލައިދޭ ވަސީލަތެއް ނޫނެވެ. އެއީ ޤައުމުގެ ކުރިމަގާ ގުޅިފައިވާ އިޤްތިޞާދީ ބުރިޖެކެވެ. ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއަކީ ވައިގެ މަގުން އަންނަ މީހެކެވެ. ހުޅުވޭ ކޮންމެ އާ ރޫޓަކީ އިޤްތިޞާދީ އާ ދިރުމެކެވެ. އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އަންނަ ކޮންމެ ކުރިއެރުމަކީ ޤައުމުގެ ކުރިމަގު ބައްޓަންކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
މި ސަބަބަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން "މޯލްޑިވިއަން" އިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމަކީ ހަމައެކަނި އާންމު އިޢުލާނެއް ނޫނެވެ. އެއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ތަރައްޤީއަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކޮށް، ބޭރުގެ އެއާލައިންތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ޤައުމީ އެއާލައިން ދުރު ރާސްތާގެ ދަތުރުތަކަށް ފުޅާކުރުމަކީ ޤައުމީ ތަރައްޤީއަށްޓަކައި ނިންމެވި ޖެހިލުންކުޑަ، ދުރުވިސްނޭ ނިންމުމެކެވެ.
އެތައް އަހަރެއްގެ ވަންދެން ރާއްޖެއިން ވަނީ ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ ބްރޭންޑް ބިނާކޮށްފައެވެ. ނަމަވެސް، ފަތުރުވެރިކަން އިޤްތިޞާދުގެ މައިބަދައަށް ވީއިރުވެސް، ފަތުރުވެރިން ރާއްޖެ ގެނައުމުގައި އަޅުގަނޑުމެން ބަރޯސާވާން ޖެހިފައި އޮތީ ބޭރުގެ އެއާލައިންތަކަށެވެ. މޯލްޑިވިއަންގެ ފްލީޓަށް އެއާބަސް A330-200 މަރުކާގެ ބޮޑު މަތިންދާބޯޓެއް އިތުރުކުރުމަކީ މި ހާލަތު ބަދަލުކޮށްލި ތާރީޚީ ނިންމުމެކެވެ. އެއީ ހަމައެކަނި ބޯޓެއް އިތުރުކުރުމެއް ނޫނެވެ. އެއީ ޤައުމީ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރެވުނު އިންވެސްޓްމަންޓެކެވެ.
މިއަދު މާލެއާއި އޮސްޓްރޭލިއާގެ މެލްބަންއާ ދެމެދު ފެށުނު ސީދާ ދަތުރުތަކަކީ މި ތަޞައްވުރުގެ ފޮނި މޭވާއެވެ. އޮސްޓްރޭލިއާއަކީ ރާއްޖެއަށް އެންމެ ހަލުވިކަމާއެކު ފަތުރުވެރިން އިތުރުވަމުން އަންނަ އެއް މާކެޓެވެ. އަންދާޒާކުރެވޭ ގޮތުގައި މި ދަތުރުތަކުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 40,000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެއެވެ. މީގެ ތެރެއިން 11,000 ފަތުރުވެރިންނަކީ ސީދާ މޯލްޑިވިއަންގެ ދަތުރުތަކުގައި އަންނާނެ މީހުން ކަމަށްވާއިރު، މިއީ ދައުލަތަށް ޓެކުހުގެ ގޮތުގައި އެކަނިވެސް އަހަރަކު 10 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް އިތުރުކޮށްދޭނެ ކަމެކެވެ.
މި ހިސާބުތަކަކީ ރާއްޖެ ފަދަ ކުޑަ އިޤްތިޞާދަކަށް ނުހަނު މުހިންމު ހިސާބުތަކެކެވެ. ކޮންމެ އިތުރު ފަތުރުވެރިއަކީ ރިސޯޓް މުވައްޒަފުންނާއި، ލޯންޗް ދުއްވާ މީހުންނާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ކުދި ވިޔަފާރިތަކުގެ އާމްދަނީއާ ގުޅިފައިވާ މީހެކެވެ. އެހެންކަމުން، ޤައުމީ އެއާލައިން ވަރުގަދަކުރުމަކީ ހަމައެކަނި ވައިގެ ދަތުރުފަތުރު ކުރިއެރުވުމެއް ނޫނެވެ. އެއީ މުޅި ޤައުމުގެ އިޤްތިޞާދީ ބާރުވެރިކަން އިތުރުކުރުމެވެ. ފަތުރުވެރިކަމުން ލިބޭ މަންފާގެ ބޮޑު ބައެއް ރާއްޖޭގައި ހިފެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، މިއީ ޤައުމީ އިތުބާރާ ގުޅިފައިވާ ކަމެކެވެ. 'އެއާ މޯލްޑިވްސް' ހުއްޓުމަކަށް އައުމަށްފަހު، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް އަލުން ބިނާކުރަން ޖެހުނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައެވެ. ރަށްތައް ގުޅުވައިދޭ ކުޑަ އެއާލައިނަކުން ފެށި ދަތުރު، މިއަދު ކަނޑުތައް ހުރަސްކޮށް ބޮޑެތި ބައްރުތަކަށް ފުޅާވުމަކީ ދިވެހިންގެ ހިތްވަރާއި ފަންވަރު ދައްކުވައިދޭ ކަމެކެވެ.
ކުދި ޤައުމުތަކުން އަބަދުވެސް އުޅެންޖެހޭނީ ބޮޑެތި ބާރުތަކަށް ބަރޯސާވެގެން ކަމަށް ބުނާ ބުނުމަކީ ކުށް ހީއެއްކަން މިއަދު މިވަނީ ސާބިތުވެފައެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން މި ދައްކައިދެނީ، ދުނިޔޭގެ ފުރުޞަތުތަކަށް އެދި އިންތިޒާރު ކުރުމުގެ ބަދަލުގައި، އެ ފުރުޞަތުތައް އަމިއްލައަށް ހޯދުމުގެ ހިތްވަރެވެ.
މިއަދު، ދިވެހި ދިދަ ޖަހާފައިވާ މަތިންދާބޯޓެއް އިންޑިއާ ކަނޑު ހުރަސްކޮށް އޮސްޓްރޭލިއާއަށް ދަތުރުކުރާއިރު، އެއީ ހަމައެކަނި ފަސިންޖަރުން އުފުލުމެއް ކުރެވޭދަތުރެއްނޫނެވެ. އެއީ ދުނިޔެއަށް ދެވޭ ވަރުގަދަ މެސެޖެކެވެ. ދިވެހިރާއްޖެއަކީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއް ނޫން ކަމާއި، މިއީ އަމިއްލަ ފިޔަގަނޑުގައި އުދުހި، އަމިއްލަ މުސްތަޤްބަލު ބައްޓަންކުރުމުގެ ޤާބިލިއްޔަތުކަން ހުރި ފަޚުރުވެރި ޤައުމެއްކަން އެ އުދުހުންތަކުން ސާބިތުކޮށްދެއެވެ.