ޚަބަރު
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
ފަތުރުވެރިންތަކެއް/ފޮޓޯ: ޑީސީ
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 871،550 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 920،572 ފަތުރުވެރިންކަމަށް ވެސް އެ ވުޒާރާގެ ތަފާސްހިސާބުތަކުން މަޢުލޫމާތުލިބެއެވެ. އެހެންކަމުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %5.3 ގެ ދައްވުމެއްކަން ފާހަގަކޮށްލެވެއެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:
- ޗައިނާ: 133،724 ފަތުރުވެރިން
- ރަޝިއާ: 114،719 ފަތުރުވެރިން
- އިނގިރޭސިވިލާތް: 75،487 ފަތުރުވެރިން
- އިޓަލީވިލާތް: 67،451 ފަތުރުވެރިން
- ޖަރުމަނުވިލާތް: 56،554 ފަތުރުވެރިން
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައި ވަނީ ރާއްޖޭގެ އެކި ރިސޯޓްތަކުގައި ކަމަށެވެ. ހަމަ އެހެންމެ، ގެސްޓްހައުސްތަކުކާއި، ހޮޓަލްތަކުގެ އިތުރުން ސަފާރީތަކުގައި ވެސް ގިނަ ޢަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި މުއްދަތުގައި ކޮންމެވެސް ވަރަކަށް ދަށްވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކަމަށް ބެލެވެއެވެ.