ޚަބަރު
ރާއްޖޭގެ ފުރަތަމަ އޭއައި ލެބް އިފްތިތާހުކޮށްފި
މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ކުރިއަށްގެންދާ "ކޯ.ލެބް 26" އިވެންޓްގެ ތެރެއިން ފޮޓޯ: މައިންޑްކޯ
ރާއްޖެއަށް ޑިޖިޓަލް އިންގިލާބެއް ގެނައުމަށް ސަރުކާރުން ގެންގުޅޭ "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން، ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރ ނުވަތަ "މޯލްޑިވްސް އޭއައި ލެބް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ކުރިއަށްގެންދާ "ކޯ.ލެބް 26" އިވެންޓް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ލެބް އިފްތިތާހުކޮށްދެއްވީ ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މިއަދު ފެށުނު "ކޯ.ލެބް 26" އަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭނެ ގައުމީ އުސޫލުތަކާއި އިސްތިރާތީޖީތައް ކަނޑައެޅުމަށްޓަކައި ބާއްވާ ހަތަރު ދުވަހުގެ ގައުމީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސަރުކާރުގެ އިސްވެރިންނާއި، އަމިއްލަ ވިޔަފާރިތަކާއި، ފަންނީ މާހިރުންގެ އިތުރުން ސޮފްޓްވެއަރ ޑިވެލޮޕަރުން ބައިވެރިވެއެވެ.
ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާތަކަށާއި، ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށެވެ. މީގެއިތުރުން ޑޭޓާގެ ތައްޔާރީތަކާއި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
ޕްރޮގްރާމުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ "ހެކަތަން" އެކެވެ. މި ހެކަތަން ކުރިއަށްދާނީ ދެ ޓްރެކަކަށް ބަހާލައިގެންނެވެ:
އެޕްލައިޑް އޭއައި ޓްރެކް: ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުން.
ފިންޓެކް އިނޮވޭޝަން ޓްރެކް: ބީއެމްއެލްގެ 'ސްވައިޕް އޭޕީއައި' ބޭނުންކޮށްގެން މާލީ ދާއިރާއަށް އާ އީޖާދުތައް ތައާރަފުކުރުން.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އޭއައިގެ ސަބަބުން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއި، ސްކޭމްތައް ހުއްޓުވުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. "ޓެކްނޮލޮޖީއަކީ މިހާރު ހަމައެކަނި މަސައްކަތްތަކަށް އެހީތެރިވެދޭ ކަމެއް ނޫން. އެއީ އިގްތިސާދީ ބައިވެރިވުން ބައްޓަންކުރަމުންދާ މުހިންމު ވަސީލަތެއް،" ޝަރީފް ވިދާޅުވިއެވެ.
މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ސަރުކާރުތައް ހިންގުމަށާއި އިގްތިސާދަށް އޭއައިގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާނެއެވެ. މި ސެންޓަރުގެ ސަބަބުން ދިވެހި ހުނަރުވެރިން ބިނާކުރުމަށާއި، ގައުމީ ފެންވަރުގައި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ އޭއައި ކޮންސެޕްޓްތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.
"މޯލްޑިވްސް އޭއައި ލެބް" ވެގެންދާނީ ރާއްޖޭގެ ޑިޖިޓަލް ބަދަލުތަކުގެ ބިންގާ ކަމުގައާއި، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މި ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރެއްވިއެވެ.