ދުނިޔެ
ފްލޮޓިލާގެ 41 ބޯޓެއް އިސްރާއީލުން ހިފަހައްޓައިފި
އިސްރާއިލް ސިފައިން ކަނޑުމަތީގައި. ފޮޓޯ: ޤުދުސް ނެޓްވޯކް
ޣައްޒާގެ ބަންދު އުވާލުމަށް ގޮވާލައި އެހީގެ ސާމާނާއެކު ދަތުރުކުރަމުންދިޔަ ފްލޮޓިލާގެ 41 ބޯޓެއް އިސްރާއީލުގެ ސިފައިން ހިފަހައްޓާފައިވާ ކަމަށް އެ ދަތުރު އިންތިޒާމުކުރި ފަރާތްތަކުން ބުނެފިއެވެ.
ނަމަވެސް، މި ފްލޮޓިލާގައި ހިމެނޭ 10 ބޯޓެއް އަދިވެސް ދަނީ ޣައްޒާއާ ދިމާލަށް ދަތުރުކުރަމުންނެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާއިން އަންގާރަ ދުވަހުގެ ހެނދުނު ހާމަކުރި ގޮތުގައި، ދަތުރު ކުރަމުންދާ ބޯޓުތައް މިހާރު ހުރީ ޣައްޒާއާ ގާތްގަނޑަކަށް 121 ނޯޓިކަލް މޭލު (224 ކިލޯމީޓަރު) ބޭރުގައެވެ. ތުރުކީގެ މާމަރިސް ބަނދަރުން މިދިޔަ ހަފްތާގައި 50 އަށްވުރެ ގިނަ އުޅަނދު ފުރާފައިވަނީ އިސްރާއީލުން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުމާ ދެކޮޅަށް އަޑުއުފުލުމުގެ އެންމެ ފަހު މަރުހަލާގެ ގޮތުގައެވެ.
އިންތިޒާމުކުރާ ފަރާތްތަކުން ބުނި ގޮތުގައި، ސައިޕްރަސްގެ އައްސޭރިފަށުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އުޅަނދުތަކަށް އިސްރާއީލު ސިފައިން ހަމަލާދީ، އޭގައި ތިބި އެކްޓިވިސްޓުން ވަނީ ހައްޔަރުކޮށްފައެވެ. މި އަމަލު ދިވެހިރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކަކުން ވަނީ ކުށްވެރިކޮށްފައެވެ. ތުރުކީ، ސްޕެއިން، އުރުދުން، ޕާކިސްތާން، ބަންގްލަދޭޝް، ބްރެޒިލް، އިންޑޮނޭޝިއާ، ކޮލަމްބިއާ، ލީބިޔާ އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި، އިސްރާއީލުގެ މި އަމަލަކީ "ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް" ކަމަށް ސިފަކުރައްވާފައިވެއެވެ.
މި ބަޔާނުގައި މިނިސްޓަރުން ވަނީ ފްލޮޓިލާގައި ބައިވެރިވާ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހައްޔަރުކޮށްފައިވާ އެކްޓިވިސްޓުން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާފައެވެ. އަލްޖަޒީރާގެ ރިޕޯޓަރު ތާރިގު އަބޫ އަޒޫމް ބުނި ގޮތުގައި، އިސްރާއީލުގެ މީޑިއާތަކުން މި އޮޕަރޭޝަން ސިފަކޮށްފައިވަނީ ފަހުގެ ތާރީޚެއްގައި ޣައްޒާއަށް ދަތުރުކުރި ފްލޮޓިލާއަކާ ދެކޮޅަށް ހިންގި އެންމެ ބޮޑު ކަނޑުގެ އޮޕަރޭޝަންގެ ގޮތުގައެވެ.
އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ކުރިން ވަނީ މި ދަތުރު ހުއްޓާލުމަށް އަންގާފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އަޔަލޭންޑުގެ ޑޮކްޓަރެއް ކަމަށްވާ މާގްރެޓް ކޮނޮލީ ހިމެނޭއިރު، އޭނާގެ ދައްތަ އަދި އަޔަލޭންޑުގެ ރައީސާ ކެތަރިން ކޮނޮލީ ވަނީ މިކަމާ ގުޅިގެން ނުހަނު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "އަޅުގަނޑު އޭނާއާ މެދު ވަރަށް ބޮޑަށް ކަންބޮޑުވޭ، އަދި ބޯޓުގައި ތިބި އޭނާގެ އެކުވެރިންނާ މެދުވެސް ކަންބޮޑުވުން އެބައޮތް،" ރައީސާ ކޮނޮލީ ވިދާޅުވިއެވެ.
2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ޣައްޒާ ބަންދުކޮށްފައި އޮންނައިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަމުންދަނީ މިއީ ޣައްޒާގެ ރައްޔިތުންނަށް ދެވޭ ޖަމާއީ އަދަބެއް ކަމަށެވެ. ނަމަވެސް އިސްރާއީލުން ބުނަނީ މިއީ ހަމާސް ފަދަ ޖަމާއަތްތަކަށް ހަތިޔާރު ލިބުން ހުއްޓުވުމަށް ކުރާ ކަމެއް ކަމަށެވެ.