Ads by Farudhun

ޚަބަރު

ހަނގުރާމައާ ގުޅިގެން ޑީސަލަށް ކުރާ ޚަރަދު 132 އިންސައްތަ އިތުރުވެއްޖެ

ހަނގުރާމައާ ގުޅިގެން ޑީސަލަށް ކުރާ ޚަރަދު 132 އިންސައްތަ އިތުރުވެއްޖެ

ސްޓެލްކޯގެ ޖަނަރޭޓަރުތަކެއް---

19 މޭ 2026، 09:35

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޑީސަލަށް ކުރާ ޚަރަދު 132 އިންސައްތަ އިތުރުވެފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް އެ ވުޒާރާއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، މެދުއިރުމަތީގައި ހަމަނުޖެހުން އުފެދުމުގެ ކުރިން ހަކަތަ އުފެއްދުމަށް ބޭނުންކުރާ ޑީސަލް އެތެރެކުރަމަށް ދިވެހިރާއްޖެއިން ހޭދަކުރަނީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ޑީސަލަށް ކުރަންޖެހޭ ޚަރަދު ދެގުނައިން މައްޗަށް ގޮސް، މިހާރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 116 މިލިއަން ޑޮލަރު ހޭދަކުރަންޖެހޭކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ދިވެހިރާއްޖެއަކީ ހަކަތަ އުފެއްދުމަށް މުޅިންހެން އިމްޕޯޓުކުރާ ތެލަށް ބަރޯސާވާ ޤައުމަކަށްވީއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ދުވާލަކަށް 8،000 ފީފާ ޑީސަލް ބޭނުންވެއެވެ. އެއީ އަހަރަކަށް 2.9 މިލިއަން ފީފާ ޑީސަލްއެވެ. އެހެންކަމުން މިދިޔަ އަހަރު އެކަނިވެސް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހޭދަވެފައިވާކަމަށް ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. 

ރާއްޖެއިން ތެލަށްކުރާ ޚަރަދު ކުޑަ ކުރުމަށް ސަރުކާރުން އަންނަނީ ވަރަށް ފުޅާދާއިރާއެއްގައި މަސައްކަތްކުރަމުންނެވެ. ސަރުކާރުން އަމާޒުހިފާފައި ވަނީ 2029 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއިން ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓަށް ހެދުމަށެވެ. 

މި މަސައްކަތުގެ ތެރެއިން ފާއިތުވި ދެ އަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ މިންވަރު ވަނީ 53 މެގަވޮޓުން 110 މެގަވޮޓަށް އިތުރުކޮށްފައެވެ. މީގެ އިތުރުން 110 ރަށެއްގައި ޖުމްލަ 164 މެގަވޮޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާކަމަށް ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450