ކުޅިވަރު

ވާދަވެރި ރޭހަކަށްފަހު އާސެނަލް ލީގު ޔަޤީންކޮށްފި

ވާދަވެރި ރޭހަކަށްފަހު އާސެނަލް ލީގު ޔަޤީންކޮށްފި

ގޯލެއް ކާމިޔާބުކުރުމަށްފަހު އާސެނަލް އުފާފާޅުކުރަނީ---

20 މޭ 2026، 01:47

އިނގިރޭސި ޕްރިމިއަރ ލީގުގެ ތައްޓާއި އެންމެ ކައިރިން ވާދަކުރި މެންޗެސްޓަރ ސިޓީއަށް މިރޭ ކުޅުނު މެޗުން އޭއެފްސީ ބޯނެމައުތު ބަލިނުކުރެވުމުން، 22 އަހަރަށްފަހު އާސެނަލްއިން ލީގު ޔަޤީންކޮށްފިއެވެ.

ހޯމަ ދުވަހުގެރޭ ބާރންލޭއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-0އިން ކާމިޔާބުކުރުމަށްފަހު، އެ ޓީމުން ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ ދެމެދު އޮތް ފަރަގު 5 ޕޮއިންޓަށް ބޮޑުކުރިއެވެ. އެހެންކަމުން ލީގު ފަހު މެޗަށްދާއިރު ލީގު ރޭހުގައި އޮތުމަށް މިރޭ ކުޅުނު މެޗު ކާމިޔާބުކުރުމަށް މެންޗެސްޓަރ ސިޓީއަށް މަޖުބޫރެވެ. ނަމަވެސް އެ މެޗު 1-1 އެއްވަރުވުމުން، 22 އަހަރަށްފަހު އާސެނަލް މިވަނީ ލީގު ޔަޤީންކޮށްފައެވެ.

މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުތް އޭއެފްސީ ބޯނެމައުތަށް ވެސް މިރޭގެ މެޗު ވަރަށް މުހިންމެވެ. އެއީ ރަނގަޅު ނަތީޖާއަކާއެކު އެ ޓީމަށް ޔޫރޮޕާ ލީގުން ޖާގަ ލިބޭނެތީއެވެ. އެ އުއްމީދުގައި ނިކުތް ބޯނެމައުތުން ވަނީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކްރޫޕީގެ ގޯލަކުން ލީޑު ނަގާފައެވެ. އޭގެ ފަހުން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. 

އަދި މެޗުގެ އިތުރު ވަގުތުގައި އާރލިން ހާލަންޑު ކާމިޔާބުކުރި ގޯލަކުން މެންޗެސްޓަރ ސިޓީއަށް މެޗުން ބަލިނުވެ ފަރުޖައްސާލެވުނަސް، މި މެޗުން 3 ޕޮއިންޓު ނުލިބުމުން ލީގު ކާމިޔާބުކުރުމަށް ހުރި ހުރިހާ ދޮރެއް އެ ޓީމަށް ބަންދުވީއެވެ. 

އާސެނަލްއިން ލީގު ޔަޤީން މިކުރީ، ފާއިތުވި 3 ސީޒަން ވެސް ލީގުގެ ދެވެނައިގައި އޮވެ ހިތްދަތިކަމާއެކު ލީގު ނިންމާލަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450