ކުޅިވަރު

ޤައުމީ ޓީމަށް މެޗެއް ނުކުޅެ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް ބްރެޒިލް ސްކޮޑަށް ނޭމާ ނެގީ ކީއްވެ؟

ޤައުމީ ޓީމަށް މެޗެއް ނުކުޅެ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް ބްރެޒިލް ސްކޮޑަށް ނޭމާ ނެގީ ކީއްވެ؟

ނޭމާ ވަނީ ބްރެޒިލް ޤައުމީ ޓީމަށް ގޯލު ކާމިޔާބުކޮށްފައި---

މި އަންނަ މަހު ދެކުނު އެމެރިކާގައި ކުޅޭ ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ ސްކޮޑުތައް މިހާރު އިޢުލާންކުރަމުންދާއިރު، ބްރެޒިލްގެ ސްކޮޑަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ އެއީ ވޯލްޑް ކަޕްގެ މަޤުބޫލު ޓީމަކަށް ވުމުން އެކަންޏެއް ނޫނެވެ. ނަމަވެސް ދެ އަހަރާ ހަމަހެއްހާ ދުވަހު ޤައުމީ ޓީމަށް އެއްވެސް މެޗެއް ކުޅެފައިނުވާ، ނޭމާ ޖޫނިއަރ ވޯލްޑް ކަޕްގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނުމަށް އެ ޓީމުގެ ކޯޗު، ކާލޯ އެންޗެލޮޓީ ނިންމުމުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ އެއްވެސް މެޗެއް ކުޅެފައިނުވާ، އުމުރުން 34 އަހަރުގެ ނޭމާ ވޯލްޑް ކަޕަށް ގެންދިއުމަށް ނިންމީ މިހާރު އޭނާގެ ފިޓްނަސް ރަނގަޅުވަމުން އަންނާތީކަމަށް އެންޗެލޮޓީ ވަނީ ބުނެފައެވެ. އަދި މި އަހަރު ފެށުނު ފަހުން ނޭމާ އާދަކޮށް ކުޅެމުން އަންނަ ކަމަށާއި، އެހެންކަމުން އެ ޓީމަށް ނެގި 9 ފޯވަޑުންގެ ތެރޭގައި ހިމެނުމަށް ނިންމީކަމަށް ނޫސްވެރިންނަށް މަޢުލޫމާތު ދެމުން އެންޗެލޮޓީ ވަނީ ބުނެފައެވެ. 

ނޭމާ ޤައުމީ ޓީމަށް ކުޅެފައި ނުވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭނާގެ ކަކުލަށް ލިބުނު ސީރިއަށް އަނިޔާއަކާ ގުޅިގެންނެވެ. އެ އަނިޔާގެ ސަބަބުން ސައުދީ އަރަބިއްޔާގެ އަލްހިލާލްއާއެކު ހޭދަކުރި މުއްދަތުގައި އެންމެ އެދެވޭ ގޮތަށް ކަންކަން ގޮސްފައެއް ވެސް ނުވެއެވެ. އެހެންކަމުން، އިތުރު ސީޒަނަކަށް އެއްބަސްވުން އައުނުކޮށް ނޭމާ ނިންމީ އޭނާގެ އެންމެ ފުރަތަމަ ކްލަބް، ބްރެޒިލްގެ ސަންތޯސްއަށް ބަދަލުވުމަށެވެ. އަދި އޭގެ ފަހުން އޭނާ ކުޅެމުން އަންނަނީ ބްރެޒިލް ލީގުގައެވެ.

ނޭމާ ޤައުމީ ޓީމުގައި ހިމެނުމަށް ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެންޗެލޮޓީއަށް ފާޑުކިޔާފައެވެ. ނަމަވެސް އޭނާ ހިމެނުމަކީ މުޅި ސްކޮޑަށް ފައިދާކުރާނެކަމެއްކަމަށް ބެލެވެއެވެ. އެއީ ބޮޑެތި މުބާރާތްތަކުގައި ނޭމާގެ ތަޖުރިބާ އިތުރުވުމެވެ. 

މި އަހަރު ނޭމާ ކުޅޭނީ އޭނާގެ 4ވަނަ ވޯލްޑް ކަޕެވެ. އެންމެ ފުރަތަމަ އޭނާ ކުޅުނީ 2014ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް މުބާރާތެވެ. އޭގެ ފަހުން 2018ގައި ރަޝިޔާ ވޯލްޑް ކަޕާއި އަދި އެންމެ ފަހުން ޤަތަރުގައި އޮތް ވޯލްޑް ކަޕް ވެސް ނޭމާ ވަނީ ކުޅެފައެވެ. އެގޮތުން މިހާތަނަށް ވޯލްޑް ކަޕްގައި އޭނާ ކުޅުނު 13 މެޗުގައި 8 ގޯލު ކާމިޔާބުކޮށް 4 ގޯލަށް އެސިސްޓްކޮށްދީފައި ވެއެވެ. 

މީގެ އިތުރުން ބްރެޒިލްއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިއަކީ ވެސް ނޭމާއެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޖާޒީގައި 79 ގޯލު ކާމިޔާބުކޮށްފައެވެ. ނޭމާގެ މި ރެކޯޑަކީ، ޕެލޭގެ އަތުގައި 60 އަހަރު އޮތް ރެކޯޑެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450