Ads by Farudhun

ޚަބަރު

މައްކާ ރޫޓު އިނީޝިއޭޓީވްގެ ވަފުދުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށްފި

މައްކާ ރޫޓު އިނީޝިއޭޓީވްގެ ވަފުދުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށްފި

ހަނދާނީ ލިޔުން ދިނުން / ފޮޓޯ: ވުޒާރާ

20 މޭ 2026، 12:23

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހިރާއްޖެއަށް ވަޑައިގެންފައިވާ ސަޢުދީ ޢަރަބިއްޔާގެ ވަފުދުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، ވަފުދުގެ މެމްބަރުންނަށް ހަނދާނީ ލިޔުން ދެއްވައިފިއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދުގެ މެމްބަރުންނަށް ހަނދާނީ ލިޔުން ދެއްވާފައިވަނީ އެ ބޭފުޅުންގެ ޝަރަފުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި ޚާއްޞަ ފަރިއްކޮޅެއްގެ ތެރެއިންނެވެ. މި ޙަފްލާގައި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވަމުން ގެންދަވާ މުއައްސަސާތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ. އެގޮތުން، ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީއާއި، ޙައްޖު ކޯޕަރޭޝަނާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކޮއްކޮމެން ޕްރީ ސްކޫލް، ބާސެލޯ ނަސަންދުރާ އަށް ހަނދާނީ ލިޔުން ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ވުޒާރާއިން އުފައްދަވާފައިވާ މައްކާ ރޫޓު އިނީޝިއޭޓިވް ޓާސްކް ފޯސްގެ މެމްބަރުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވެސް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ.

1447 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންނަށް ލިބޭނެ އެންމެ ބޮޑު ލުއިފަސޭހައަކީ "މައްކާ ރޫޓް އިނިޝިއޭޓިވް" އެވެ. މިދިޔަ އަހަރު ރާއްޖެއަށް އަލަށް ތަޢާރަފްކުރި މި ޚިދުމަތް މިއަހަރުވެސް ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާއިރު، މިއީ ސައުދީ ވިޝަން 2030 ގެ ދަށުން 2018 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ހައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ކާމިޔާބު މަޝްރޫޢެކެވެ.

މި އިނިޝިއޭޓިވްގެ ސަބަބުން ޙައްޖުވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ތަކުލީފު ކަމުގައިވާ، އެއަރޕޯޓުގައި ލަގެޖް ނުލިބިގެން ގިނަ ވަގުތު ހޭދަކުރަންޖެހުމަށް ބޮޑު ހައްލެއް ވަނީ ލިބިފައެވެ. މީގެ ކުރިން ދިގު ދަތުރަކަށްފަހު ޖިއްދާ އެއަރޕޯޓަށް ފައިބައި، އިމިގްރޭޝަން ކިއޫގައި މަޑުކޮށް، އަދި ލަގެޖް ހޯދުމުގައި ޙައްޖުވެރިން އިންތިހާއަށް ވަރުބަލިކަން ތަހައްމަލު ކުރަންޖެހުނު ނަމަވެސް، މައްކާ ރޫޓްގެ ދަށުން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަން ކަންކަން ރާއްޖޭގެ އެއަރޕޯޓުން ފުރިހަމަކުރެވެއެވެ.

މިއަހަރުގެ ޙައްޖުގެ ހުރިހާ އިންތިޒާމުތަކެއް ސަރުކާރުން ކުރިއަށް ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ޙައްޖުވެރިންނަށް އެންމެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450