ޚަބަރު
މަސްވެރިކަން ތަރައްޤީކުރުމަށް ކުރީ ސަރުކާރުތަކުން ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި: ވަޒީރު ޝިޔާމް
ވަޒީރު ޝިޔާމް / ފޮޓޯ: ވުޒާރާ
މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިކަމުގެ ސިނާޢަތަކީ ބޮޑެތި އިންވެސްޓްމަންޓު އަންނަން ޖެހޭ ސިނާޢަތެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ސިނާޢަތް މިހާ ބޮޑަށް ބޮއްސުންލައިގެން ދިޔައީ މި ސިނާޢަތަށް ކުރީ ސަރުކާރުތަކުން އިންވެސްޓު ނުކުރުމުން ކަމަށެވެ. އަދި އެއީ ކުރަންޖެހޭ ކަމެއްކަންވެސް އެބޭފުޅުން ޤަބޫލުނުކުރައްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ސިނާޢަތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އާމްދަނީ އިތުރުކުރެވޭނީ ފެލިވަރުގޮތަށް އަގު އެއް ކުރެވޭނެ ތަންތަން ހެދިގެން ކަމަށެވެ. އެހެންކަމުން، އެކަންކަން ހައްލުކުރުމުގެ މަޤްޞަދުގައި ރާއްޖޭގެ ދެ ސަރަޙައްދެއްގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ އަޅަން ބޭނުންވާ ބިމާ ބަނދަރުގެ މަސައްކަތް ކުރަމުންދާކަމަށާ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސް ތެރޭ އެ މަޝްރޫޢުތައް ނިންމާ ޚިދުމަތް ދޭން ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަގު އެއް ކޮށްގެން މަހަށް ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މަސްވެރި ސިނާޢަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވޭތުވެދިޔަ ސަރުކާރުތަކުން މި ސިނާޢަތް ތަރައްޤީކުރުމަށް އިންވެސްޓު ނުކޮށް އޮތް އޮތުން. މި ސިނާޢަތަށް ކުރަންޖެހޭ ހޭދަ ނުކުރެވި ހުރީމަ ޤައުމަށް ވަންނަން ޖެހޭ އާމްދަނީ ނުވަދެ ދިޔައީ، މަސްވެރި ސިނާޢަތަށްވެސް ބޮޑެތި އިންވެސްޓްމަންޓް އަންނަން ޖެހޭ. މި ސަރުކާރުން ބޭނުންވަނީ މަސްވެރި ސިނާޢަތް ތަރައްޤީކޮށް މަސްވެރިންގެ ޖީބުތައް ތަނަވަސްކުރަން.
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މަސްވެރިކަމަށް މިކުރެވޭ އިންވެސްޓްތަކަކީ މުސްތަޤަބަލަށް ކުރެވޭ މަސައްކަތްތަކެއް ކަމަށާއި، މަސްވެރިންގެ ދިރިއުޅުން ތަނަވަސްވާނެ ގޮތްތަކަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި މި ފެކްޓްރީތަކާއި އެކު އިތުރު ވަޒީފާތައް އުފެދިގެންދާނެ ކަމަށާއި، މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރި ޢާއިލާތަކަށް ލުއިފަސޭހަ ގޮތްތައް ހޯއްދަވައިދެއްވުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.