ރިޕޯޓް

ވަގު އައިޑީތަކުގެ ނިވާފަތްގަނޑުގައި ތިބެ، މި ހިންގަނީ ކޮން ޖަރީމާއެއް؟

ވަގު އައިޑީތަކުގެ ނިވާފަތްގަނޑުގައި ތިބެ، މި ހިންގަނީ ކޮން ޖަރީމާއެއް؟

އެނިމޭޓެޑް ފޮޓޯ: ފަރުދުން

މިއަދުގެ ދިވެހި މުޖުތަމަޢުން ފެންނަމުންދާ އެންމެ ހިތާމަވެރި އެއް މަންޒަރަކީ، މީސްމީޑިއާގެ އެކި މަންސަތަކުގައި ވަގު އެކައުންޓުތައް ނުވަތަ 'ފޭކް އައިޑީ' ތައް ހަދައިގެން، އެހެން މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަންނަ މަންޒަރެވެ. އިއްޔެ ހަނގާކުރުމާ ދެކޮޅަށް އަޑުއުފުލައި، އެއީ ކިހާ ދެރަ ކަމެއްކަން ބަޔާންކުރި މީހާ، މިއަދު އަމިއްލަ ސިއްރު އައިޑީއެއްގެ ފަހަތުގައި ހުރެ އެހެން މީހެއްގެ ނަފްސިއްޔާތު ކުދިކުދި ކުރަމުންދަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. މިއީ ހަމައެކަނި ފަރުދަކަށް ދެވޭ އަނިޔާއެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު މުލުން ބުރިކޮށްލާ ނުރައްކާތެރި ޢަމަލެކެވެ.

މިފަދަ ވަގު އައިޑީތަކުގެ ނިވާފަތްގަނޑުގައި ތިބެގެން ކުރާ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • މީހުންގެ ހަށިގަނޑުގެ ބައްޓަމަށާއި، ސޫރައަށާއި، އުޅުމަށް މަލާމާތްކޮށް 'ބޮޑީ ޝޭމް' ކުރުން.
  • މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ހޯދައި، އެކަންކަން ޢާންމުންގެ ތެރޭގައި ފަލީހަތްކޮށް ހަޖޫޖެހުން.
  • ދޮގު ފޮޓޯތަކާއި ވީޑިއޯތައް އެޑިޓްކޮށްގެން ފެތުރުމާއި، އަބުރު ކިލަނބުކޮށްލުމަށް މަސައްކަތްކުރުން.
  • މީހުންގެ ވަޒީފާއަށާއި، ޢާއިލީ ގުޅުންތަކަށް ބުރޫއަރާ ފަދަ ދޮގު މަޢުލޫމާތު ފެތުރުން.

އިންސާނީ ޙައްޤުތަކާއި އިސްލާމީ އުޞޫލުތައް

ކޮންމެ އިންސާނަކީވެސް އަމިއްލަ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ ޙައްޤު ލިބިގެންވާ މީހެކެވެ. އެމީހަކު އަމިއްލަ ދިރިއުޅުމުގައި އުޅޭނެ ގޮތާއި، ކުރާނެ ކަންކަމަކީ އެހެން މީހަކު ހަޖޫޖަހައި މަލާމާތްކުރަން އޮތް ފުރުޞަތެއް ނޫނެވެ. އިސްލާމްދީނުގައި އެހެން މީހުންނަށް އުނދަގޫކުރުމާއި، މަލާމާތްކުރުމަކީ ހަރުކަށިކޮށް މަނާކުރައްވާފައިވާ ކަމެކެވެ. ކީރިތި ޤުރުއާނުގެ އަލްޙުޖުރާތު ސޫރަތުގައި މާތްﷲ ވަނީ އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކޮށް ހަޖޫޖެހުން ނަހީކުރައްވާފައެވެ.

މީސްމީޑިއާގައި ވަގު އައިޑީއެއްގެ ފަހަތުގައި ހުރެގެން ކުރާ ކަންކަން ދުނިޔޭގެ ލޮލަށް ސިއްރު ކުރެވުނު ކަމުގައިވިޔަސް، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ބާރެއްވާކަން ހަނދާންކުރަންޖެހެއެވެ. "ޒައްރެއްގެ މިންވަރުގެ ހެޔޮކަމެއް ކުރި މީހަކަށްވެސް އެކަން ފެންނާނެއެވެ. އަދި ޒައްރެއްގެ މިންވަރުގެ ނުބައިކަމެއް ކުރި މީހަކަށްވެސް އެކަން ފެންނާނެއެވެ." މިއީ އިލާހީ ޤާނޫނެވެ. މީސްމީޑިއާގެ ކޮމެންޓަކުން ނުވަތަ ޕޯސްޓަކުން އަނެކާގެ ހިތުގައި ޖެއްސުމަކީ އަޅުތަކުންގެ ޙައްޤުތަކާ ގުޅިފައިވާ ކަމެކެވެ. އެމީހަކު މަޢާފް ނުކުރިހާ ހިނދަކު، އެ ފާފައަކީ ފޮހެވިގެންދާނެ އެއްޗެއް ނޫނެވެ.

ފަރުދީ އަސަރުތަކުން ޤައުމު ހަލާކަށް

ސައިބަރ ބުލީންގ ނުވަތަ މީސްމީޑިއާގައި ހަނގާކުރުމުގެ ސަބަބުން ވަކިވަކި ފަރުދުންނަށް ކުރާ އަސަރުތަކަކީ އާދައިގެ ކަންކަމެއް ނޫނެވެ. މީގެ ސަބަބުން ޒުވާނުންނާއި ކުޑަކުދިން ބޮޑެތި ނަފްސާނީ ބަލިތަކަށް ހުށަހެޅި، މުޅި ދިރިއުޅުން އަނދިރިވެގެންދެއެވެ. މިކަމުގެ އާހިރު ނަތީޖާވެސް ބައެއް ބަހަރު އެހާ ރަނގަޅު ނުވެ، ވަރަށް ހިތާމަވެރި ހާލަތަކަށް ގޮސްފައިވެސް އެބަހުއްޓެވެ.

މީގެ ސަބަބުން ކުރާ ބައެއް ނޭދެވޭ އަސަރުތަކަށް ބަލާއިރު:

  • ނަފްސާނީ ދުޅަހެޔޮކަން ގެއްލުން: ހަނގާކުރުމުގެ ޝިކާރައަކަށްވާ މީހާއަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި، (ސެލްފް އެސްޓީމް) ޑިޕްރެޝަން ފަދަ ނުރައްކާތެރި ބަލިތަކާ ކުރިމަތިލާންޖެހެއެވެ. މިއީ އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް އުފަންކުރުވާ ކަމެކެވެ.
  • އިޖުތިމާޢީ ގުޅުންތައް ކެނޑުން: މީހުންނާ ބައްދަލުކޮށް އުޅެން ބިރުގަތުމާއި، މުޖުތަމަޢުން އެކަހެރިވުން އިތުރުވެއެވެ.
  • ދެފުށްކެހެރިކަން އާންމުވުން: މޫނުމަތީގައި ރަނގަޅު މީހަކަށް ހެދިގެން ހުރެ، ފަހަތުން ހަނގާކުރުމުގެ ސަބަބުން މުޖުތަމަޢުގައި އޮންނަންޖެހޭ އިތުބާރު ގެއްލިގެންދެއެވެ.
  • ނުރަނގަޅު ނަމޫނާ: ބޮޑެތި މީހުން މިފަދަ ކަންކަން ކުރުމުން، ކުޑަކުދިންނަށް ދަސްވަނީ އަނެކާއަށް އިޙްތިރާމް ކުރުމުގެ ބަދަލުގައި މަލާމާތްކުރުމުގެ ހުތުރު ސިފައެވެ.

ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢެކެވެ. އެހެންކަމުން، އެކަކު އަނެކަކަށް ހަޖޫޖެހުމާއި، ވަގު އައިޑީތަކުން މީހުންގެ އަބުރު ކަތިލުން ފަދަ  ހުތުރު ޢަމަލު ވަގުތުން ހުއްޓާލަންޖެހެއެވެ. ކޮންމެ މީހަކީވެސް ތަފާތު މިޒާޖެއްގެ، ތަފާތު ސިފަތަކެއް ހުންނާނެ މީހެކެވެ. އެ ތަފާތުތަކަށް އިޙްތިރާމްކުރުމަކީ ތަހުޒީބީ މުޖުތަމަޢެއްގެ ސިފައެވެ. އެމީހެއްގެ ގޮތުގައި އެމީހަކު ބަލައިގަންނަން ދަސްކުރާން އެބަޖެހެއެވެ.

ހަނގާކުރުމަކީ ބަލިކަށި، އަމިއްލަ ނަފަސަށް އިތުބާރު ނުކުރެވޭ (ސެލްފް އެސްޓީމް ލޯ ) ވިސްނުން ކޮށި މީހުންގެ ޢަމަލެކެވެ. ސިއްރު އައިޑީތަކުގެ ފަހަތުގައި ތިބެގެން އެހެން މީހުންގެ ދިރިއުޅުން ބަރުބާދުކުރުމަކީ ފިނޑިކަމުގެ އިންތިހާއެވެ. މިއަދު އަނެކާއަށް ކުރާ މަލާމާތަކީ މާދަމާ ތިމާގެ އަމިއްލަ ނަފްސަށް ނުވަތަ ތިމާގެ ދަރިއަކަށް ކުރިމަތިވެދާނެ ކަމެއްކަން ހަނދާންކުރާށެވެ.

ދިވެހީންގެ ތެރޭގައި މާސްކު އަޅައިގެން މި ހިންގާ އިޖުތިމާޢީ ޖަރީމާ ހުއްޓާލައި، އަނެކާގެ އަބުރާއި ޢިއްޒަތަށް އިޙްތިރާމްކުރާ ބަޔަކަށް ވަމާ ހިނގާށެވެ. ހަނގާކުރުން ހުއްޓާލާށެވެ. އަދި ކޮންމެ ފިޠުރީ ޢަމަލަކަށް މާތްﷲ ގެ ކުރިފުޅުމަތީގައި ޖަވާބުދާރީވާން ޖެހޭނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450