ޚަބަރު
މިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއް ކުރީ ފަޤީރުންނަށް އެހީވުމަށާއި ތަޢުލީމީ ދާއިރާއަށް
ޒަކާތު ހައުސް ލޯގޯ / ފޮޓޯ: ޒަކާތު ހައުސް
މިދިޔަ އޭޕްރީލް މަހު ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއް ކުރީ ފަޤީރުންނަށް އެހީވުމަށާއި ތަޢުލީމީ ދާއިރާއަށްކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް ވަނީ އިތުރުވެފައެވެ. އެގޮތުން، 2025 ވަނަ އަހަރުގެ އެޕްރީލު މަހު ހޭދަކުރި 2،828،118.28 ރުފިޔާއާ އަޅާބަލާއިރު، 2026 ވަނަ އަހަރުގެ އެޕްރީލު މަހު ޖުމްލަ 3،811،259.91 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، މިދިޔަ އޭޕްރީލް މަހުގެ ހޭދަތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ފަޤީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތަޢުލީމީ ދާއިރާއަށާއި، ކީރިތި ޤުރުއާނާ ގުޅުންހުރި ޕުރޮގުރާމުތަކުގެ އިތުރުން އިޖުތިމާޢީ ފައިދާއަށް ހިންގާ ހަރަކާތްތަކަށްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ފަޤީރުންނާއި މިސްކީނުންގެ ބައިން ކުރި ހޭދަ މިދިޔަ އަހަރުގެ އެޕްރީލު މަހު 1،179،397.99 ރުފިޔާގައި ހުރިއިރު، މިއަހަރު މަހު މި ޢަދަދު ވަނީ 1،449،239.39 ރުފިޔާއަށް އިތުރުވެފައެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަތައް ހިމެނޭ "ޢާމިލުން"ގެ ބައިން ކުރި ހޭދަ މިއަހަރު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ އެޕްރީލު މަހު މި ބައިން 483،077.82 ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރުގެ އެޕްރީލު މަހު މި އަދަދު ވަނީ 195،003.79 ރުފިޔާއަށް ތިރިވެފައެވެ. މިއީ ގާތްގަނޑަކަށް %60 ދަށްވުމެކެވެ.
މީގެ އިތުރުން، ފާއިތުވީ އެޕްރީލު މަހު "ފީސަބީލިﷲ" ބައިން ކުރި ހޭދަތަކަށް ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ވަނީ އައިސްފައެވެ. އެގޮތުން، މި ދާއިރާއަށް ކުރި ހޭދަ 2025 ވަނަ އަހަރުގެ އެޕްރީލު މަހު 1،103،590.47 ރުފިޔާގައި ހުރިއިރު، މި އަހަރުގެ އެޕްރީލު މަހު މި ޢަދަދު ވަނީ 2،167،016.73 ރުފިޔާއަށް އިތުރުވެފައެވެ. މިބައިން މަތީ ތަޢުލީމު ފުރިހަމަކުރުމަށް 290،274.76 ރުފިޔާ، ޙާފިޛުން އުފެއްދުމުގެ ޕްރޮގްރާމްތަކާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށް 1،093،749.47 ރުފިޔާ އަދި އަތޮޅު ތެރޭގައި ޤުރުއާން ސެންޓަރުތައް ބިނާކުރުމަށް 782،992.50 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން މުދަލު ޒަކާތުގެ ތަފާސްހިސާބުތައް ވެސް މިހާރު ޢާންމުކޮށްފައިވާއިރު، 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މުދަލުޒަކާތުގެ ގޮތުގައި ޖުމްލަ 5،434،893 ދިވެހި ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު %53.8 ގެ ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއީ %8.9 ގެ ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.