Ads by Farudhun

ޚަބަރު

މި އަހަރުގެ އަޟްޙާ ޢީދު ވެސް 3 ދުވަހު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފި

މި އަހަރުގެ އަޟްޙާ ޢީދު ވެސް 3 ދުވަހު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފި

1446 ވަނަ އަހަރުގެ ޢީދު ހަވީރު، ފޮޓޯ: އެމްއެންޑީއެފް

މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގައި، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، "ޢީދު ހަވީރު 1447" ގްރޭޓާ މާލެ ސަރަޙައްދުގައި 3 ދުވަހު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކުރިއަށްގެންދަން ނިންމާފައިވާ "ޢީދު ހަވީރު 1447" ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 އެސްއޯއީއަކުން ބައިވެރިވުމަށް ވަނީ ނިންމައިފައެވެ.

މި އަހަރުގެ ޢީދު ހަވީރުގެ މަޢުލޫމާތުތައް ޙިއްސާކުރަމުން އެމްއެންޑީއެފުން ބުނީ، ކުރީ އަހަރެކޭ ވެސް އެއްފަދައިން މި އަހަރު ވެސް މާލޭގައި ޢީދު ހަވީރުގެ ޙަރަކާތްތައް އޮންނާނީ މޭ 27 އިން 29އަށް، ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަޙައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަޙައްދުގައި ކަމަށެވެ. އެގޮތުން، މި ސަރަޙައްދުގައި ވޯޓަރ ފައުންޓެއިން، ފޯމް ބާތު ޕޫލް، ރެޕަލިންގ ކުރުން ފަދަ ހަރަކާތްތައް ހުންނާނެކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޤައުމީ ދިފާޢީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެއެވެ. ހަމަ އެއާއެކު، މާލޭގައި މޭ 28 ވަނަ ދުވަހު، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ހަމަޖެހިފައިވާއިރު، ބޭނުންފުޅުވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ވެސް މި އަހަރު ލިބެން ހުންނާނެއެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، ހުޅުމާލޭގައި ވެސް ޢީދު ހަވީރުގެ ހަރަކާތްތައް އެ 3 ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2ގެ ހިޔާ ޕާކް ސަރަހަޙައްދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި، ރެޕަލިންގ ކުރުމާއި، ވޯޓަރ ސްލައިޑިންގއާއި، ފޯމް ބާތް ޕޫލްގެ އިތުރުން، ބޭނުންފުޅުވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

އަދި ފޭސް2 ގެ ހިޔާޕާކުގައި އޮންނަ ޙަރަކާތްތަކުގެ ތެރޭގައި ރެޕަލިންގ ކުރުމާއި، ފަޔަރ އިކުއިޕްމަންޓްސް ދައްކާލުމާއި، ޓޭބަލް ލެޑަރއަށް އެރުން ފަދަ ހަރަކާތްތައް ހިމެނޭކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ހަމަ އެއާއެކު، ހުޅުމޭލެ ސެންޓްރަލް ޕާކުގައި މޭ 27 އަދި 29 ވަނަ ދުވަހު އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި، މޭ 27 އިން 30 އަށް، ހަތަރު ދުވަހަށް ބަހާލައިގެން ބާއްވާ "ޢީދު ހަވީރު" ގައި ރެޕަލިންގ ކުރުމުގެ ފުރުޞަތާއި، އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ޙަރަކާތްތައް އިންތިޒާމް ކުރެވޭނެކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އަދި ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށްދާނީ، ޢީދު ހަވީރު އޮންނަ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއޭސީއެލް، މިފްކޯ، އާރުޑީސީ، އެޗްޑީސީ، އަދި އެފްޑީސީ ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450