ދުނިޔެ
ފްލޮޓިލާގެ އެކްޓިވިސްޓުން ޑީޕޯޓްކުރަން ފަށައިފި
އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ދާރިއޯ ކަރޮޓެނޫޓޯ ފިއުމިސީނޯ އިޓަލީއަށް ދިއުން. ފޮޓޯ: ރޮއިޓާސް
ޣައްޒާގެ ބަންދު އުވާލުމަށް އެހީގެ ސާމާނާއެކު ދަތުރުކުރަނިކޮށް އިސްރާއީލު ސިފައިން ހިފެހެއްޓި 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ގައި ހިމެނޭ ސަތޭކައަށްވުރެ ގިނަ އެކްޓިވިސްޓުން އިސްރާއީލުން ޑީޕޯޓްކުރަން ފަށައިފިއެވެ.
އިސްރާއީލުގައި ހުންނަ އަދާލާ ލީގަލް ސެންޓަރ ފޯ އަރަބް މައިނޯރިޓީ ރައިޓްސްއިން ބުނި ގޮތުގައި، ހައްޔަރުކުރި 430 އެކްޓިވިސްޓުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ޑީޕޯޓްކުރުމަށްޓަކައި އިސްރާއީލުގެ ދެކުނުގައިވާ ރާމޯން އެއާޕޯޓަށް ގެންގޮސްފައެވެ.
ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުން ދަތުރުކުރަނިކޮށް އިސްރާއީލު ސިފައިން މި އުޅަނދުތައް ހިފެހެއްޓީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ޢަމަލަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްކަމަށް ބުނެ، ސްޕެއިން، ބްރެޒިލް އަދި އިންޑިއާ ހިމެނޭހެން 10 ޤައުމެއްގެ ފޮރިން މިނިސްޓަރުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.
ބެން-ގްވީރުގެ ވީޑިއޯއާއެކު ބައިނަލްއަގުވާމީ ނުރުހުން އިތުރުވުން
އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު، އެކްޓިވިސްޓުންގެ އަތް ފަހަތަށް ބަނދެ ކަކޫ މައްޗަށް ޖައްސާފައި ތިއްބާ އެމީހުންނަށް މަލާމާތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން ދުނިޔޭގެ ޤައުމުތަކުގެ ނުރުހުން ވަނީ އިތުރުވެފައެވެ. "މިއީ ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ވިދާޅުވެ ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ހާދިސާއާ ގުޅިގެން ފްރާންސް، ކެނެޑާ، ޕޯޗުގަލް އަދި ނެދަލޭންޑްސް ފަދަ ގައުމުތަކުން ވަނީ އެ ޤައުމުތަކުގައި ތިއްބަވާ އިސްރާއީލުގެ ސަފީރުން ހާޒިރުކޮށް އިހުތިޖާޖު ރެކޯޑުކޮށްފައެވެ. އަދާލާގެ އިންޓަނޭޝަނަލް އެޑްވޮކަސީ ކޯޑިނޭޓަރު މީރިއަމް އާޒެމް ވިދާޅުވީ، މިއީ ފަލަސްޠީނު މީހުންނާ މެދު އިސްރާއީލުން އަމަލުކުރާ އިހާނެތި ގޮތުގެ އިތުރުވުމެއް ކަމަށެވެ.
ޑީޕޯޓްކުރުމުގެ މަސައްކަތް އަވަސްކުރުން
އިސްރާއީލުން މިފަހަރު އެކްޓިވިސްޓުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށްވުރެ އަވަސްކޮށްފައިވަނީ، ބެން-ގްވީރުގެ ވީޑިއޯގެ ސަބަބުން އިސްރާއީލުގެ އަބުރަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ތުރުކީވިލާތުން ވަނީ އެ ޤައުމުގެ ރައްޔިތުންނާއި އެހެން ޤައުމުތަކުގެ މީހުން ބަލާ ޚާއްޞަ ފްލައިޓްތަކެއް ފޮނުވާފައެވެ. އަދި އުރުދުންގެ ދެ ރައްޔިތަކު މިހާރު ވަނީ އެނބުރި ޤައުމަށް ގޮސްފައެވެ.
މި ހަރަކާތުގައި ބައިވެރިވި އިސްރާއީލުގެ ރައްޔިތެއް ކަމަށްވާ ޒޯހަރު ރެގޭވްގެ މައްޗަށް ވަނީ ޤަވާއިދާ ޚިލާފަށް އިސްރާއީލަށް އެތެރެވި ކަމުގެ ދައުވާ އުފުލައި އަޝްކޭލޯންގެ ކޯޓަކަށް ހާޒިރުކޮށްފައެވެ. މިއީ މިފަދަ އެހީގެ ޤާފިލާތަކުގެ ސަބަބުން އިސްރާއީލުގެ ތަސައްވުރަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު އެ ގައުމުން އިންތިހާއަށް ކަންބޮޑުވާކަން ހާމަކޮށްދޭ ކަމެއްކަމަށް މުހައްލިލުން ފާހަގަކުރެއެވެ.