ކުޅިވަރު
ސައުދީގެ އަލް ނަސްރާއެކު ރޮނާލްޑޯ ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކޮށްފި
ސައުދީ ޕްރޯ ލީގުގެ ތަށި އަލް ނަސްރުން އުފުލާލުން / ފޮޓޯ: ގެޓީ
ސައުދީ އަރައްބިއްޔާގެ އަލް ނަސްރަށް ބަދަލުވިފަހުން އެ ޓީމާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ ފަހަރަށް ލީގު ތަށި އުފުލާލައިފިއެވެ. މިއީ 2022 ވަނަ އަހަރު ރޮނާލްޑޯ އެ ޓީމާއި ގުޅުނު ފަހުން އެ ޓީމަށް ކާމިޔާބުކުރެވުނު ދެވަނަ ތައްޓެވެ.
އަލް ނަސްރުން ސައުދީ ޕްރޯ ލީގު ކާމިޔާބުކުރީ، ލީގު ފަހު މެޗުގައި 4-1އިން ދަމަކް ބަލިކުރުމަށްފަހުއެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ.
ސައުދީ ލީގު ޔަޤީން ކުރުމުގެ ފުރުސަތު އަލް ނަސްރަށް މި މަހުގެ 12ވަނަ ދުވަހު، އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޮތެވެ. ނަމަވެސް އެ މެޗުން 3 ޕޮއިންޓު ނުލިބުމުން އެ ޓީމަށް ކުރަން ޖެހުނު އިންތިޒާރު ދިގުވީއެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެނެވެ.
އަލް ނަސްރަށް ވަނީ ލީގުގައި ކުޅުނު 34 މެޗުން 86 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތް އަލް ހިލާލްއަށް ލިބިފައިވަނީ 84 ޕޮއިންޓެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޒާއޯ ފެލިކްސްގެ ކޯނަރަކުން ސަޑިއޯ މާނޭ ލީޑު ނަގައިދިންއިރު، ދެވަނަ ހާފުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ކިންގްސްލީ ކޯމަންއެވެ.
އަލްނަސްރުން ދެ ގޯލު ޖަހާފައި ވަނީކޮށް، ދަމަކްއިން އެ ޓީމުގެ ލީޑު ހަނިކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މޯލައެ ސިލާއެވެ.
އޭގެ 5 މިނެޓު ފަހުން، އަލް ނަސްރަށް ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯގެ ފުރަތަމަ ގޯލު ކާމިޔާބުކުރިއިރު، އެ ޓީމުގެ ފަހު ގޯލު އޭނާ ކާމިޔާބުކޮށްދިނީ 81 ވަނަ މިނެޓުގައެވެ.
ރޮނާލްޑޯ ވަނީ މި ސީޒަންގައި 28 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ރޭ ޖެހި ދެ ގޯލާއެކީ، އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި މިހާތަނަށް 973 ގޯލު ވަނީ ހަމަކޮށްފައެވެ.
މި ސީޒަނުގެ ވަކި ހިސާބަކުން އަލް ނަސްރުގެ މެނޭޖްމަންޓާއި ރޮނާލްޑޯ އާއި ދެމެދު މައްސަލަތަކެއް ޖެހި އޭނާ ފަރިތަކުރުންތަކުގައި ބައިވެރިނުވެ ދިޔައެވެ. ނަމަވެސް ފަހުން އެކަންތައް ހައްލު ކުރުމަށްފަހު ރޮނާލްޑޯ ވަނީ ޓީމާއި ގުޅިފައެވެ.
މުހައްމަދު ސައީދު
22/05/2026 11:02
ޢަލްހިލާލް އެއްނޫނޭ އަލް ނަސްރު