ކުޅިވަރު

އާރނޯލްޑާއި މަޝްހޫރު އިތުރު ދެ ނަމެއް ނުހިމަނައި އިންގްލެންޑް ސްކޮޑް އިޢުލާންކޮށްފި

އާރނޯލްޑާއި މަޝްހޫރު އިތުރު ދެ ނަމެއް ނުހިމަނައި އިންގްލެންޑް ސްކޮޑް އިޢުލާންކޮށްފި

އާރނޯލްޑް އިންގްލެންޑުގެ ޖާޒީގައި---

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެލެކްސެންޑަރ އާރނޯލްޑާއި، މެންޗެސްޓަރ ސިޓީގެ ފިލް ފޮޑެންގެ އިތުރުން ޗެލްސީގެ ކޯލް ޕާމާ ނުހިމަނައި، އިންގްލެންޑުން ވޯލްޑް ކަޕަށްދާ ސްކޮޑު މިއަދު އިޢުލާންކޮށްފިއެވެ.

ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ތޯމަސް ޓުޗެލް އެކުލަވާލި ވޯލްޑް ކަޕް ސްކޮޑުން، މުހިންމު ކުޅުންތެރިންތަކެއް އުނިކޮށްފައިވާއިރު، އޭނާ އެ މަޤާމަށް އައްޔަންކުރީ އިނގިރޭސި ޤައުމީ ޓީމަށް ތައްޓެއް ނުލިބި ހޭދަވެފައިވާ 60 އަހަރު ނިމުމަކަށް ގެނައުމަށެވެ.

ވޯލްޑް ކަޕް ސްކޮޑުން ބާކީކުރި ފޮޑަން އާއި ޕާމާއަކީ 2024ގައި އޮތް ޔޫރޯގައި އިންގްލެންޑު ފައިނަލުގައި ކުޅުނުއިރު، އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ. ނަމަވެސް އެ ދެ ކުޅުންތެރިންނަށް ވެސް މި ސީޒަންގައި މޮޅު ކުޅުމެއް ދެއްކިފައި ނުވުމުން، ޓުޗެލް މިވަނީ އެ ކުޅުންތެރިން ބާކީކޮށްފައެވެ.

ޓުޗެލް ބުނީ، އިންގްލެންޑު ސްކޮޑު އެކުލަވާލުމަކީ އުނދަގޫ ކަމެއްކަމަށާއި، މުހިންމު ބައެއް ކުޅުންތެރިން ބާކީކޮށް ވޯލްޑްކަޕަށް ނުގެންދަން ނިންމިނިންމުމަކީ އޭނާ ވަރަށް ވިސްނާފައި ނިންމިނިންމުމެއް ކަމަށެވެ.

އަދި ކުރިން އިނގިރޭސި ޤައުމީ ޓީމަށް ކުޅުމަށްފަހު މި ފަހަރުގެ ސްކޮޑަށް ނުނަގާ ކުޅުންތެރިންނަށް އެކަން އެންގުމަށް އޭނާ ފޯނުން ގުޅި ކަމަށާއި، އެއީ ވަރަށް ޖަޒުބާތީ ކޯލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. 

ވޯލްޑް ކަޕަށް ނުގެންދާކަން އެނގުމުން މެންޗެސްޓަރ ޔުނައިޓެޑުގެ ޑިފެންޑަރ، ހެރީ މެގުއާރ ބުނީ، މިހާރު ކުރިއަށްދާ ސީޒަންގައި އޭނާ ދައްކަމުންދާ ކުޅުމަށް ބަލާފައި، މި ސްކޮޑުގައި އޭނާ ނުހިމަނާނެކަމަށް ހީނުކުރާ ކަމަށެވެ. އެހެންކަމުން، އެ ޚަބަރަކީ އޭނާއަށް ވަރަށް ބޮޑު "ޝޮކެއް" ލިބުނު ޚަބަރެއްކަމަށް ވަނީ ބުނެފައެވެ.

ވޯލްޑް ކަޕްގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗު އޮންނާނީ ކޮރޭޝިއާއާ ދެކޮޅަށް ޖޫން 17ގައެވެ. އަދި އެ ޓީމުގެ ދެވަނަ މެޗު ޖޫން 23ގައި ގާނާއާ ދެކޮޅަށް އޮތްއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޭގެ ހަތަރު ދުވަސް ފަހުން ކުޅޭނީ ޕެނާމާއާ ދެކޮޅަށެވެ.

އިންގްލެންޑުގެ ވޯލްޑް ކަޕް ސްކޮޑް:

ގޯލްކީޕަރުން: ޖޯޑަން ޕިކްފޯޑް، ޑީން ހެންޑަސަން، ޖޭމްސް ޓްރެފޯޑް

ޑިފެންޑަރުން: ރީސް ޖޭމްސް، ޓީނޯ ލިވްރަމެންޓޯ، ޑޭން ބާރން، މާރކް ގުއޭހީ، ޖޯން ސްޓޯންސް، ނިކޯ އޯ'ރެއިލީ، އެޒްރީ ކޮންސާ، ޖެރެލް ކުއަންސާހް، ޖެޑް ސްޕެންސް

މިޑްފީލްޑަރުން: ޑެކްލަން ރައިސް، އެލިއޮޓް އެންޑަސަން، ޖޫޑް ބެލިންގްހަމް، ޖޯޑަން ހެންޑަސަން، ކޮބީ މައިނޫ، މޯގަން ރޮޖާސް، އެބެރެޗީ އެޒޭ

ފޯވާޑުން: ހެރީ ކޭން، އިވާން ޓޮނޭ، އޮލީ ވޮޓްކިންސް، ބުކާޔޯ ސަކާ، ނޮނީ މަޑުއެކޭ، މާކަސް ރަޝްފޯޑު، އެންތޮނީ ގޯޑަން

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450