ރިޕޯޓް
ބަކުން ކާންދިނުމަށްފަހު މިއަދު ކުރީގެ ރައީސް ނަޝީދު ހުންނެވީ ކުޅިރޮށި ދަމަން
ކުރީގެ ރައީސް ނަޝީދު ކުޅިރޮށި ދަމަނީ
ތެދަށް ބުނަމާ ހިނގާށެވެ. ރ. އަތޮޅުގެ ރަށެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުށްގަނޑަކާ ހަނގުރާމަކުރައްވައި، ރޮށިދަމަން ހުންނެވި މަންޒަރަކީ ބައެއް މީހުންނަށް "ސިޔާސީ ކުޅަދާނަކަން" ކަމަށް ފެނިދާނެއެވެ. އަތުގައި ފުށް ހޭކިފައި، އަތްމަތި އަވަސްކޮށްލަން އުޅޭ މަންޒަރާއެކު، "އަހަރެމެންނަށް މީގެ އާދަ ނެތީމާ ދަމަން ނޭނގިގެން މިއުޅެނީ" ފަދަ ސަމާސާ ބަސްތަކުން ދައްކައިދޭން އެ އުޅުއްވަނީ އާންމު ރައްޔިތުންނާ ގުޅޭ "ބޮޑުބޭބެ" އެއްގެ ސޫރައެވެ. ނަމަވެސް ސުވާލަކީ، މި ފުށްގަނޑު މިއަދު ފަތުރާލެވޭނެ ބާވައެވެ؟
މީގެ އަހަރުތަކެއް ކުރިން ނަމަ، މިފަދަ "ރީޓެއިލް ޕޮލިޓިކްސް" އަކީ ވަރަށް ވަރުގަދަ އުކުޅެކެވެ. ގެއަކަށް ވަދެލާފައި ކުޑަކުއްޖަކަށް ބަކުން ކާންދިނުން، މަގުމަތިން ބައްދަލުވާ ތުއްތު ކުއްޖަކާ ވާހަކަދައްކާލުން، ނުވަތަ ކުރީގެ ސިޔާސީ ވާދަވެރިޔާއާއެކު އެއް ތަށިން ކެއުން ފަދަ ކަންކަމަކީ އޭރު ރައްޔިތުންގެ ހިތްތަކާ ކުޅެލާ ކަންކަމެވެ. އޭރުން އެއީ "އިލީޓް" ނުވަތަ މަތީ ފަންތީގެ ސިޔާސީ ބޭފުޅެއްގެ ބަދަލުގައި، ރައްޔިތުންގެ ތެރެއިންވާ މީހެއްގެ ގޮތުގައި އިހުސާސް ކުރެވެއެވެ. ނަމަވެސް އެއީ އޭރުއެވެ. މިއަދު ދިވެހިން މިވަނީ ކުރިއަށް ޖެހިލާފައެވެ.
ދިވެހި ރައްޔިތުންނަކީ މިއަދު ގަމާރު ބައެއް ނޫނެވެ. ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވާ ފަދައިން، "ޝައިޠާނާގެ ނުބައި ރޭވުން" ކިޔާ ފޮތެއްގައި އޮންނަނީ، އަޅުވެރިއަކު މަގުފުރެއްދުމަށްޓަކައި ޝައިޠާނާ ވެސް މިސްކިތަށް އަރައި ނަމާދުގެ ޙަރަކާތްތައް ދެއްކި ވާހަކައެވެ. ސިޔާސީ މައިދާނުގައި ވެސް ކަން ހިނގަނީ މިކަހަލަ ގޮތަކަށެވެ. ގޭގޭގައި ކޮންމެ ދުވަހަކު ރޮށިދަމަނީ ވޯޓު ހޯދާކަށް ނޫނެވެ. އަވަށްޓެރި ދައްތަ އެތައް އަހަރެއް ވަންދެން ފިހާރަ ހިންގަމުން، ކުދިން ބަލަމުން، ދަލާއި ފުށާ ތެޅެމުން ކުޅި ރޮށިދަމާއިރު އެކަން "ވައިރަލް" ކުރާކަށް ސޯޝަލް މީޑިއާ ޓީމެއް ނުގެންގުޅެއެވެ.
މިއީ މިފަދަ ސިޔާސީ އުކުޅުތަކުގެ ސިހުރު ކެނޑެން ފެށި ސަބަބެވެ. ދިވެހިން މިހާރު މި "ޝޯ" ގެ މަންޒަރުތައް ބަލައި ފޫހިވެއްޖެއެވެ. މިހާރު ރައްޔިތުން ބޭނުންވަނީ މި ޑްރާމާ ސިލްސިލާ ނިންމާލައި، ޗެނަލް ބަދަލުކޮށްލާށެވެ. ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ވިސްނުން ތޫނު، މަންޒަރުތައް ކުރަހަން ދަންނަ ބޭފުޅެކެވެ. ނަމަވެސް ހަގީގަތަކީ މިއަދުގެ ދިވެހިން ބޭނުންވަނީ "ދެއްކުންތެރިކަމުގެ" ބަދަލުގައި "މައުޟޫއީ" ވާހަކަތަކެވެ. ފުށްގަނޑު ރީއްޗަށް ފަތުރާލަން އެނގޭ މިންވަރަށްވުރެ ބޮޑަށް، ގައުމުގެ އިގްތިސާދީ ޕްލޭން އެނގެން ރައްޔިތުން ބޭނުންވެއެވެ. ބަދިގޭގައި "އަތްގާތް" ކޮށްދިނުމަށްވުރެ، ގައުމުގެ ދަރަނި ސަލާމަތްކުރާނެ ގޮތާއި، ޒުވާނުންނަށް އޮތް ފުރުސަތުތަކުގެ ވާހަކަ އަޑުއަހަން ބޭނުންވެއެވެ.
ސީރިއަސް ސިޔާސީ ބަހުސްތަކުގެ ބަދަލުގައި، ރޮށިދެމުމާއި ފުށްގަނޑަކާ ކުޅުމަކީ ގައުމުގެ މައިގަނޑު އިސްތިރާތީޖިއްޔާ ކަމަށް ވާނަމަ އެއީ ނުރައްކާތެރި ސިގްނަލެކެވެ. ކެމްޕޭން ދަތުރުތަކާ ދިމާކޮށް، ޕާޓީގެ އެކްޓިވިސްޓުން މެދުވެރިކޮށް މިފަދަ މަންޒަރުތައް ސޯޝަލް މީޑިއާގައި ފެތުރުމުން، އޭގެ އިޚުލާޞްތެރިކަމާމެދު ސުވާލު އުފެދެއެވެ. ކުރީގެ ރައީސް ޞާލިޙާއި ރައީސް ނަޝީދު އެއް ތަށިން ފަރިއްކުޅުއްވި މަންޒަރަކީވެސް، ހަގީގީ އެކުވެރިކަމަށްވުރެ ބޮޑަށް ސިޔާސީ މަސްލަހަތަށްޓަކައި ކުޅުނު "ޑްރާމާ" އެއްގެ ގޮތުގައި ގިނަ ބަޔަކަށް އިހުސާސް ކުރެވުނެވެ. އެކަން ހިނގައިދިޔައީ ވެސް ހަމައެހެންނެވެ. އަނެއްދުވަހު ދެރައީސުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ބަހުގެ ހަމަލާ ރައްދުކުރެއްވީ ވަކި ސުމާރެއް ބައްލަވައިގެން ނޫނެވެ.
ދިވެހި ރައްޔިތުން މިއަދު ތިބީ ހޭލައެވެ. ޚާއްޞަކޮށް، އަތޮޅުތެރޭގެ ރަށްރަށުގައި ތިބެގެން ފޯނުން ދުނިޔެ ބަލަމުންދާ އާ ޖީލުގެ ޒުވާނުންނަށް، ދެއްކުންތެރި ސިޔާސަތުތައް ވަރަށް ފަސޭހައިން ވަކިކުރަން އެނގެއެވެ. އެމީހުން ބޭނުންވަނީ ދަރަނި މެނޭޖުކުރާނެ ގޮތުގެ ތަފްސީލެވެ. މަސްވެރިންނަށް ހަމަ އަގު ހޯދައިދޭނެ ގޮތުގެ ޕްލޭނެވެ.
މި އުކުޅުތަކަކީ ކުރިން މަސައްކަތްކުރިހާ ބާރުގަދަ އެއްޗެއް ނޫންކަން ސިޔާސީ ބޭފުޅުންނަށް މިއަދު ނޭނގެނީ ބާވައެވެ؟ ކެމެރާގެ ކުރިމަތީގައި ދައްކާ "ވިޝުއަލް ބްރޭންޑިންގް" އާއި، އަމަލީ ގޮތުން ކުރާ މަސައްކަތުގެ ތަފާތު މިއަދު ރައްޔިތުންނަށް އެނގެއެވެ. ކުޑަކުއްޖަކު އުރާލުމަކީ މާދަމާގެ ޖީލަށްޓަކައި ކުރާ މަސައްކަތެއް ނޫންކަމާއި، ބަދިގޭގައި ފިޔާނޮޅުމަކީ ވޭތުވެދިޔަ އަހަރުތަކުގެ ސިޔާސީ ކޯޅުންތައް ފޮހެވޭނެ ކަމެއް ނޫންކަން ރައްޔިތުންނަށް ވިސްނެއެވެ.
މިދިޔަ ދުވަސްތަކުގައި އެމް.ޑީ.ޕީ ދެބައިވެ، 'ޑިމޮކްރެޓްސް' އުފެދި، އިންތިޚާބުގެ ތެރޭގައި އެކަކު އަނެކަކަށް ބަހުގެ ހަމަލާދީ، އެތައް ބަޔަކު ސިޔާސީ ގޮތުން ބާކީވި މަންޒަރު ރައްޔިތުންގެ ހަނދާނަކުން ނުފޮހެވޭނެއެވެ. އެހެންކަމުން، ކުއްލިއަކަށް ހިތްގައިމު މިއުޒިކަކާއެކު "އެއްބައިވަންތަކަމުގެ" މަންޒަރުތައް ދެއްކުމަކުން އެ ތާރީޚެއް ބަދަލެއް ނުކުރެވޭނެއެވެ.
ދިވެހި ސިޔާސީ ލީޑަރުންނަށް މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ރައްޔިތުން މިއަދު ތިބީ މިފަދަ "ސިޔާސީ ޝޯތަކަށް" ފޫހިވެފައި ކަމެވެ. ރައްޔިތުން ބޭނުންވަނީ ވައިރަލްވާ ވީޑިއޯއެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ހަމަޖެހުމެވެ، ގާބިލުކަމެވެ، އަދި ހަގީގީ ނަތީޖާއެވެ. ރޮށިދަމައިގެން، ނުވަތަ ބަކުން ކާންދީގެން ވޯޓު ފޮށި ފުރާލެވޭނެ ކަމަށް ހީކުރުމަކީ މިއަދު ބޮޑު ކުށްހީއެކެވެ. މިވަރުން ދަންޏާ މިސްކިތު ވަޅު ދާނި ގެއްލިގެން ބަލާއިރު އެވެސް އޮންނާނީ ކެމްޕޭން ވީޑިއޯއެއްނަގަން ގެންގޮސްފައެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި