ކުޅިވަރު
ސާފް ވިމެންސް ޗެމްޕިއަންޝިޕް: ރާއްޖޭގެ ފުރަތަމަ މެޗުގައި މިރޭ އިންޑިއާއާ ދެކޮޅަށް
ސާފް ވިމެންސް ޗެމްޕިއަންޝިޕް 2026ގައި ވާދަކުރާ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން / ފޮޓޯ: ސާފް
މިއަދު ފަށާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަންހެން ޤައުމީ ފުޓުބޯޅަ ޓީމުގެ ފުރަތަމަ މެޗުގައި މިރޭ ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.
އިންޑިއާގެ ގޯއާގައި ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ބޫޓާން އާއި ނޭޕާލްއެވެ.
އިންޑިއާއަށް ފުރުމުގެ ކުރިން ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ޤައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗު ޞަބާހު މުޙައްމަދު ބުނީ، މިފަދަ މުބާރާތަކަށް ޓީމު ތައްޔާރުކުރުމަށް ލިބުނު ވަގުތުކޮޅު މަދުކަމަށެވެ. އެހެންނަމަވެސް ޓީމުގެ ފަރާތުން ދެއްކި ހިތްވަރާމެދު އުފާކުރާކަމަށާ، ކުޅުންތެރިންގެ ފަރާތުން ކުރިއެރުންތަކެއް ފެނިފައިވާކަމަށް އޭނާ ބުނެފައި ވެއެވެ.
ރާއްޖެއިން ގްރޫޕް ސްޓޭޖުގައި ކުޅޭ ދެ މެޗަށް އިޝާރާތް ކުރަމުން ކޯޗު ބުނީ، މި ދެ މެޗަކީވެސް އުނދަގޫ ދެ މެޗަށްވާނެކަމަށެވެ. ނަމަވެސް އުއްމީދަކީ ކުރިޔަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށް ޞަބާޙް ވަނީ ބުނެފައެވެ.
އެންމެ ފަހުން 2024ގައި ކުޅުނު ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން ރާއްޖެ މޮޅުވެފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބޫޓާން އަތުން 13-0އިން ބަލިވިއިރު، ދެވަނަ މެޗުގައި ނޭޕާލް އަތުން ބަލިވީ 11-0އިންނެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ސްރީލަންކާއާ ބައްދަލުކުރި މެޗު ނިމުނީ 1-0އިން ސްރީލަންކާ ކުރި ހޯދައިގެންނެވެ.
އޭގެ ކުރިން 2022 ވަނަ އަހަރު ކުޅުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުން ވެސް ރާއްޖޭގެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި ބަނގުލަދޭޝް އަތުން 3-0އިން ބަލިވިއިރު، ދެވަނަ މެޗުގައި އިންޑިއާ އަތުން ބަލިވީ 9-0އިންނެވެ. އަދި ފަހު މެޗުގައި ޕާކިސްތާން އަތުން ބަލިވީ 7-0 އިންނެވެ.
މިމަހުގެ 25 އިން ޖޫން 7 ވަނަ ދުވަހުގެ ނިޔަލަށް ގޯއާގެ ފަޓޯޑާ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ވަރުގަދަ ގްރޫޕެއްގައެވެ. އެގޮތުން ރާއްޖެ ހިމެނޭ ގްރޫޕް ބީގައި އޮތް ބަންގްލަދޭޝްއިން ވަނީ އެންމެ ފަހުން ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ހޯދާފައެވެ. އޭގެ އިތުރުން މި ގްރޫޕްގައި ހިމެނޭ އިންޑިއާ އިން ވަނީ މިމުބާރާތުގެ ތަށި ފަސް ފަހަރު އުފުލާލާފައެވެ.