ކުޅިވަރު

ޑައިމަންޑް ޖުބިލީ: ފުރަތަމަ މެޗުގައި ރާއްޖެއިން ނިކުންނާނީ އަފްޣާނިސްތާންއާ ދެކޮޅަށް

ޑައިމަންޑް ޖުބިލީ: ފުރަތަމަ މެޗުގައި ރާއްޖެއިން ނިކުންނާނީ އަފްޣާނިސްތާންއާ ދެކޮޅަށް

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގެ ގުރުއަތު ނެގުން / ފޮޓޯ: ޕީއެސްއެމް

ދިވެހިރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ އެންމެ ބޮޑު ހަރަކާތްކަމުގައިވާ، ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ދިވެހި ފުޓުބޯޅަ ޓީމުން އެންމެ ފުރަތަމަ ކުޅެން ޖެހޭނީ އަފްޣާނިސްތާންއާ ދެކޮޅަށެވެ.

މިއަންނަ ޖޫން މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރާނެއެވެ. އެއީ ދިވެހިރާއްޖޭގެ އިތުރުން، އަފްޣާނިސްތާން، ބަނގުލަދޭޝް އަދި ޕާކިސްތާންއެވެ.

މި މުބާރާތުގެ ޤުރުއަތުނެގުމުގެ ރަސްމިއްޔާތު ވަނީ އާދީއްތަ ދުވަހުގެރޭ ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބާއްވާފައެވެ.

އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން 1ވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝްއެވެ. އަދި ރާއްޖެއާ އަފްޣާނިސްތާން ބައްދަލުކުރާ މެޗު ކުޅޭނީ އެ ރޭ 9 ޖަހާއިރުއެވެ. މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ ރާއްޖެ ކުޅޭ މެޗުގެ ކުރިންނެވެ.

ރާއްޖެއިން ފުރަތަމަ މެޗުގައި އަފްޣާނިސްތާންއާ ދެކޮޅަށް ނިކުންނައިރު، މި ދެ ޓީމު ވާދަވެރި މެޗެއްގައި ގަލޮޅު ދަނޑުގައި އެންމެ ފަހުން ކުޅުނީ 2014ވަނަ އަހަރެވެ. އޭއެފްސީ ޗެލެންޖު ކަޕްގައި މި ދެ ޓީމު ބައްދަލުކުރި އެ މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ ރާއްޖެއެވެ.

އޭގެފަހުން އެކުވެރިކަމުގެ މެޗެއްގައި މި ދެ ޓީމު ވަނީ 2017ވަނަ އަހަރު ދުބާއީގައި މެޗެއް ކުޅެފައެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްއިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450