ކުޅިވަރު

އިނގިރޭސި ލީގުގެ ފަހު ދުވަހު ބްރޫނޯ ރެކޯޑެއް ހަދައިފި

އިނގިރޭސި ލީގުގެ ފަހު ދުވަހު ބްރޫނޯ ރެކޯޑެއް ހަދައިފި

މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް / ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއަރ ލީގުގެ މި ސީޒަންގެ އެންމެ ފަހު މެޗުތައް އާދީއްތަ ދުވަހު ކުޅެފައިވާއިރު، މެންޗެސްޓަރ ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭޒް އެ ދުވަހު ލީގުގެ ރެކޯޑެއް ހަދައިފިއެވެ.

މި ސީޒަންގައި އިނގިރޭސީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދާފައިވާ ޕޯޗުގަލްގެ ބްރޫނޯ ހަދާފައި ވަނީ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓުކޮށްދިން ކުޅުންތެރިޔާގެ ރެކޯޑެވެ.

ފަހު މެޗަށް ނިކުތްއިރު 20 އެސިސްޓާއެކު ބްރޫނޯ އޮތީ މެންޗެސްޓަރ ސިޓީއަށް ކުޅުނު ކެވިން ޑި ބްރޫނޭ އާއި އާސެނަލްގެ ލެޖެންޑު، ތިއެރީ އޮންރީއާ އެއް ހަމައެއްގައެވެ. ނަމަވެސް ފަހު މެޗުގައި ބްރައިޓަން އެންޑް ހޯވްސްކޮޅަށް ޕެޓްރިކް ޑޯރްގޫ ޖެހި ގޯލަށް އެސިސްޓުކޮށްދީގެން، އެ މެޗުގެ 33ވަނަ މިނެޓުގައި ބްރޫނޯ ވަނީ ޕްރިމިއަރ ލީގުގެ ތާރީޙުން ޚާއްޞަ މަޤާމެއް ހޯދާފައެވެ.

އޭނާ އެ މެޗުގައި ގޯލެއް ވެސް ކާމިޔާބުކުރިއެވެ. އެ ގޯލާއެކު އޭނާ ވަނީ މި ސީޒަންގައި ޔުނައިޓެޑުން ކާމިޔާބުކުރި 30 ގޯލުގައި ޝާމިލުވެފައެވެ. އެއީ 9 ގޯލާއި 21 އެސިސްޓުކޮށްގެންނެވެ.

ފެނާންޑޭޒް ވަނީ މުޅި ސީޒަންގައި ވެސް ރަނގަޅު ފޯމެއްގައި ކުޅެ، މެންޗެސްޓަރ ޔުނައިޓެޑުން މި ސީޒަންގައި ހޯދި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ޔުނައިޓެޑުން ވަނީ ދެ ސީޒަނަށް ފަހު ލީގުގެ ތިންވަނަ ޔަޤީންކޮށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައެވެ. މި ކާމިޔާބީގައޮ ބްރޫނޯގެ ޙިއްޞާ ބޮޑެވެ.

ބްރޫނޯއަކީ މިހާރު ޔުނައިޓެޑުގެ ތާރީޙުގައި ވެސް އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓުކޮށްދިން ކުޅުންތެރިޔާއެވެ. މިއީ މި ސީޒަންގެ ކުރިން 15 އެސިސްޓާއެކު ޔުނައިޓެޑަށް ކުޅުނު ޑޭވިޑް ބެކަމްގެ އަތުގައި އޮތް ޝަރަފެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450