ދީން
ތައުހީދުގެ އަސާސްތަކާއި އާޚިރަތަށް ތައްޔާރުވުމަށް ހައްޖު ހުތުބާގައި ގޮވާލައްވައިފި
ހައްހުގެ އަޅުކަން - ފޮޓޯ : އޭޕީ
މިއަހަރުގެ ހައްޖުގެ ދުވަހު މަތިވެރި އަޅުކަމުގެ ޚުތުބާގައި، މާތްﷲއަށް ތަގުވާވެރިވެ، އާޚިރަތް ދުވަހަށް ތައްޔާރުވުމަށާއި، އިސްލާމްދީނުގެ އެންމެ ބޮޑު އަސާސް ކަމުގައިވާ ތައުހީދު ނުވަތަ މާތްﷲ އެއްކައުވަންތަކުރުމުގެ މަތީ ދެމިހުރުމަށް ގޮވާލައްވައިފިއެވެ.
މިއަދު އަރަފާތް ބިމުގައި ދެއްވި ޚުތުބާގައި ވިދާޅުވީ، ގިޔާމަތް ދުވަހުގެ ބިރުވެރިކަން ފެނި، އެ ދުވަހުގެ ގަދަފަދަ ހާލަތުގެ ސަބަބުން މީސްތަކުން ތިބޭނީ މަސްތުގެ ހާލަތުގައި ތިބޭ ފަދަ ގޮތަކަށް ކަމަށެވެ. އެހެންކަމުން، އެ ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ވަސީލަތަކީ މާތްﷲއަށް ތަގުވާވެރިވުން ކަމުގައި ފާހަގަކުރެއްވިއެވެ.
ތަގުވާވެރިވުމުގެ އެންމެ މުހިންމު ބަޔަކީ ގިޔާމަތް ދުވަހަށް ތައްޔާރުވުން ކަމުގައާއި، މާތްﷲއީ މަރުވެފައިވާ މީސްތަކުން އަލުން ދިރުއްވައި، ކުޅަދުންވަންތަ ރަސްކަލާނގެކަން ހަނދުމަކޮށްދެއްވިއެވެ. އަދި އާޚިރަތަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މާތްﷲ އެއްކައުވަންތަކުރުމާއި، ޝިރުކުގެ އެންމެހާ އަމަލުތަކުން ދުރުހެލިވުން ކަމަށް ވިދާޅުވިއެވެ. ޝިރުކުކުރުމަކީ އެންމެ ބޮޑު މަގުފުރެދުން ކަމުގައިވެސް ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.
ދީނުގެ ފުރަތަމަ ރުކުނަކީ "ލާއިލާހަ އިއްލައްﷲ މުހައްމަދުއް ރަސޫލުﷲ" މި މަތިވެރި ކަލިމަ ކަމަށްވާއިރު، މި އަސާސްގެ މައްޗަށް މުޅި ދީން ގާއިމުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ނަމާދު ގާއިމުކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާން މަހު ރޯދަހިފުމުގެ އިތުރުން ކުޅަދާނަކަން ލިބިގެންވާ މީހާ ހައްޖުގެ އަޅުކަން އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މާތްﷲއަށް ބިރުވެތިވެ، ކެތްތެރިވާ މީހުންނަށް ދެއްވާނެ މަތިވެރި ނިއުމަތްތަކާއި ސަވާބުގެ ވާހަކަ ދައްކަވަމުން، ޚުތުބާގައި ވިދާޅުވީ މުއުމިނުންނަކީ ﷲއަށް ޒިކުރު ކުރެވޭ ހިނދު ހިތްތައް މަޑުމޮޅިވާ މީހުން ކަމަށެވެ. އަދި އިލާހީ ސުންނަތްތަކުން އިބުރަތް ހާސިލްކުރުމަށާއި، ކުރީގެ އުންމަތްތަކުގެ މީހުން އުރެދުމުގެ ސަބަބުން އެމީހުންގެ ރަށްތަކާއި ގަނޑުވަރުތައް ވީރާނާވެދިޔަ ގޮތުން ފިލާވަޅު ލިބިގަތުމަށް ގޮވާލެއްވިއެވެ.
ހައްޖުގެ އަޅުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އިބްރާހީމްގެފާނުގެ ގޮވާލެއްވުމަށް އިޖާބަދީ މިއަދު މުޅި ދުނިޔެއިން އެތައް މިލިއަން ބަޔަކު ޖަމާވެފައިވަނީ ﷲގެ މަތިވެރިކަން ގަބޫލުކޮށް ތަކުބީރު ކިޔުމަށް ކަމަށް ވިދާޅުވިއެވެ. ގެފުޅާއި އެ ސަރަހައްދަކީ ޝިރުކާއި، ފާސިގު ކަންކަމާއި، ހިއްސީ ނަޖިސްތަކުން ތާހިރުކުރެވިފައިވާ އަމާންތަނެއްގެ ގޮތުގައި ބެލެހެއްޓުމަށް މާތްﷲ އަމުރުކުރައްވާފައިވާކަން ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.
މާތް ނަބިއްޔާ ހައްޖުގެ އަޅުކަން އަދާކުރެއްވި ނަމޫނާއަށް ތަބާވުމަށް ގޮވާލައްވަމުން، މެންދުރު ނަމާދާއި އަސުރު ނަމާދު ގަސުރުކޮށް ޖަމްއުކޮށް ކުރެއްވުމާއި، މުޒްދަލިފާގައި ރޭކުރެއްވުމާއި، ޖަމްރާތަކަށް ހިލައުކުމާއި، ހަދްޔު ކަތިލުމާއި ބޯބޭލުމުގެ ކަންކަން ރަސޫލާ ކުރެއްވި ގޮތް ތަފްސީލުކޮށްދެއްވިއެވެ. އަދި މިނާގައި ތިބޭ ދުވަސްތަކުގައި ވީހާވެސް ގިނައިން ދުއާކޮށް، ތަކުބީރު ކިޔުމުގައި ވަގުތު ހޭދަކުރުމަށް ހައްޖުވެރިންނަށް އިލްތިމާސްކުރެއްވިއެވެ.
ޚުތުބާ ނިންމަވާލައްވަމުން، ހައްޖުވެރިންނަށް ބޭނުންވާ އިންތިޒާމުތައް ފުރިހަމަކޮށްދެއްވުމުގައި ސައުދީ ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.