ދީން

މުސްލިމް އަންހެނަކީ މީސްތަކުންގެ ކުރިމަތީގައި ނަށާ، މުނިފޫހިފިލުވައިދޭން ހުންނަ މުދަލެއް ނޫނެ

މުސްލިމް އަންހެނަކީ މީސްތަކުންގެ ކުރިމަތީގައި ނަށާ، މުނިފޫހިފިލުވައިދޭން ހުންނަ މުދަލެއް ނޫނެ

އިސްލާމީ ރިވެތި އުސޫލުގެ ތެރެއިން ޢީދު ފާހަގަކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2026، 11:10

27 މޭ 2026، 11:10

މާތްވެގެންވާ އިސްލާމްދީނުގައި ޢީދަކީ އަޅުކަމާއި، ޝުކުރުވެރިވުމާއި، އުފާފާޅުކުރުމުގެ މަތިވެރި މުނާސަބަތެކެވެ. މިއީ މުސްލިމުންގެ އީމާންތެރިކަމާ ގުޅިފައިވާ، އިލާހީ ހަދިޔާއެކެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޢީދު ފާހަގަކުރުމުގެ ނަމުގައި ހިންގޭ ބައެއް އަމަލުތަކަކީ، އިސްލާމީ ރިވެތި އަޚްލާޤާއި ލަދުވެތިކަމުގެ އިންތަކުން ބޭރުވެފައިވާ ކަންކަމެވެ. ޢީދަކީ އިސްލާމީ އުޞޫލުތަކާއި ދުރުވުމަށް ދެއްކޭ އުޒުރަކަށް ވެގެންނުވާނެއެވެ.

އިސްލާމްދީން އަންހެނުންނަށް ދީފައިވަނީ މަތިވެރި ޤަދަރަކާއި ރައްކާތެރިކަމެކެވެ. ކީރިތި ޤުރްއާނާއި ސުންނަތުން އެނގެން އޮތް ގޮތުގައި، އަންހެނާގެ ޢިއްފަތްތެރިކަމާއި އަބުރަކީ އެންމެ މަތީ ދަރަޖައަށް ޙިމާޔަތްކުރެވިގެންވާ އެއްޗެކެވެ. މުސްލިމް އަންހެނަކީ މީސްތަކުންގެ ކުރިމަތީގައި ނަށާ، މުނިފޫހިފިލުވައިދޭން ހުންނަ މުދަލެއް ނޫނެވެ. އަދި އޭނާއަކީ ސޯޝަލް މީޑިއާގެ ލައިކްތަކާއި ސަމާލުކަން ހޯދުމަށް އިސްލާމީ އިންތައް މުގުރާލަންޖެހޭ މީހެއްވެސް ނޫނެވެ.

މިއަދު ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގައި ޢީދު ފާހަގަކުރާއިރު، މަގުމަތީގައާއި ސްޓޭޖްތަކުގައި ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނުން ނެށުމާއި، މިފަދަ މަންޒަރުތައް ވީޑިއޯކޮށް އާންމުކުރުމަކީ "ސަގާފަތުގެ" ނަމުގައި ދިފާޢުކުރެވޭ ކަންކަމަށް ވަނީ ވެފައެވެ. ނަމަވެސް، މުޖުތަމަޢުގައި ކަމެއް އާންމުވުމަކީ އެކަމެއް އިސްލާމީ ގޮތުން ހުއްދަވާނެ ސަބަބެއް ނޫނެވެ.

މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ:
"وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ" (އަލްއަޙްޒާބު: 33)
މާނައީ: "އަދި ތިޔަބައިމީހުންގެ ގޭގޭގައި ތިޔަބައިމީހުން މަޑުވެތިވެ ތިބޭށެވެ! އަދި ކުރީގެ ޖާހިލިއްޔަ ޒަމާނުގެ އަންހެނުން ޒީނަތްތެރިކަން ފާޅުކޮށް އުޅުނު ފަދައިން ތިޔަބައިމީހުން ޒީނަތްތެރިކަން ފާޅުނުކުރާށެވެ!"

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މި އާޔަތުން ދޭހަވަނީ، މުސްލިމް އަންހެނުންގެ ޢިއްފަތްތެރިކަން ދެމެހެއްޓުމަށްޓަކައި ބޭކާރު ގޮތުގައި ޒީނަތްތެރިކަން ފާޅުކޮށް އުޅުން މަނާކުރައްވާފައިވާ ކަމެވެ. އިސްލާމްދީން އުފާފާޅުކުރުމާއި މުޖުތަމަޢުގައި ބައިވެރިވުން މަނައެއް ނުކުރެއެވެ. ނަމަވެސް އެކަން އޮންނަންވާނީ އަޚްލާޤީ މިންގަނޑުތަކުގެ ތެރޭގައެވެ.

މީގެ އިތުރުން، މާތްﷲ ވަނީ ފިރިހެނުންނާއި އަންހެނުންނަށްވެސް އެބައިމީހުންގެ ބެލުންތައް ތިރިކުރުމަށް އަމުރުކުރައްވާފައެވެ. ސޫރަތުއްނޫރުގެ 30 އަދި 31 ވަނަ އާޔަތުގައި މިކަން ވަރަށް ސަރީޙަކޮށް ބަޔާންވެގެންވެއެވެ. މިއީ ސަގާފީ ރައުޔުތަކެއް ނޫނެވެ. މިއީ ސީދާ އިލާހީ އަމުރުފުޅުތަކެވެ.

ވިސްނާލުން ހުއްޓެވެ. ހިލޭ ފިރިހެނުންގެ ކުރިމަތީގައި ނައިޓް ކްލަބެއްގެ ތެރޭގައި ތިމާގެ އަންހެން ދަރިފުޅު ނުވަތަ އަނބިމީހާ ނަށަން ހުރުމަކީ އެއްވެސް މުސްލިމް ބަަފަޔަކު ނުވަތަ ފިރިއަކު ރުހޭނެ ކަމެއް ނޫނެވެ. އެއީ ހުތުރު، ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި މުޖުތަމަޢު ބަލައިގަނެއެވެ. އެހެންކަމަށްވާނަމަ، ޢީދުގެ ނަމުގައި މުޅި ރަށުގެ ރައްޔިތުންގެ ކުރިމަތީގައި އެފަދަ އަމަލުތައް ހިންގުން ހުއްދަވާނީ ކިހިނެއްތޯއެވެ؟ އިސްލާމްދީނުގެ އުޞޫލުތަކަކީ މުނާސަބަތަކަށް ބަދަލުވާ އެއްޗެއް ނޫނެވެ.

ކީރިތި ރަސޫލާ ﷺ ޢީދު ދުވަހު އުފާފާޅުކުރުމުގެ ހުއްދަ ދެއްވިއެވެ. ނަމަވެސް، ހިލޭ ފިރިހެނުންނާއި އަންހެނުން މަސްހުނިވެ، ލަދުވެތިކަމެއް ނެތި ނަށާ ސުންޕާ ސަގާފަތްތަކަކަށް އެކަލޭގެފާނުގެ ސުންނަތުން އެއްވެސް ބާރެއް ނުލިބެއެވެ. ޢިލްމުވެރިން ވަނީ ޢީދުގެ ނަމުގައި ހިންގޭ މިފަދަ "ކާފަރުންގެ ސަގާފަތްތަކަށް" ތަކުރާރުކޮށް އިންޒާރު ދެއްވާފައެވެ.

މިއީ ހަމައެކަނި އަންހެނުންނަށް އަމާޒުކުރެވޭ ފާޑުކިޔުމެއް ނޫނެވެ. ފިރިހެނުންގެ މައްޗަށްވެސް ބޮޑު މަސްއޫލިއްޔަތެއް އެބައޮތެވެ. ބަަފައިންނާއި، ފިރިންނާއި، ބެލެނިވެރިންނާއި ކޮމިއުނިޓީ ލީޑަރުންނަކީ މުޖުތަމަޢުގެ އަޚްލާޤީ ފޭރާން ހިފަހައްޓަންޖެހޭ މީހުންނެވެ.

ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބަލަދުވެރިއެކެވެ. އަދި ކޮންމެ މީހަކާވެސް އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނާ ބެހޭގޮތުން ސުވާލުވެވޭނެއެވެ." (ބުޚާރީ އަދި މުސްލިމް).

ދިވެހިރާއްޖެއަކީ ސައްތައަކުން ސައްތަ މުސްލިމް ޤައުމެކެވެ. މި ފަޚުރުވެރި ނަން ދެމެހެއްޓޭނީ ހަމައެކަނި ޤާނޫނުއަސާސީގައި އެހެން ލިޔެގެންނެއް ނޫނެވެ. އެކަން ސާބިތުކޮށްދޭންޖެހޭނީ އަޅުގަނޑުމެންގެ ޢަމަލުތަކުންނާއި، ލަދުވެތިކަމާއި، އިސްލާމީ އުޞޫލުތަކަށް ދޭ އިސްކަމުންނެވެ. ސަގާފަތަކީ އިސްލާމްދީނުގައި އިޙްތިރާމްކުރެވޭ އެއްޗެކެވެ. ނަމަވެސް، އެއްވެސް ސަގާފަތަކަށް ﷲ ގެ ދީނުގެ އިންތަކަށްވުރެ ކުރިއެއް ނުއެރުވޭނެއެވެ.

ޢީދަކީ އުފާވެރި، ހަނދާންތަކުން ފުރިގެންވާ ދުވަހަކަށް ހަދަމާ ހިނގާށެވެ. ނަމަވެސް އެއީ މާތްﷲ ރުހިވޮޑިގަންނަވާ، ޢިއްފަތްތެރިކަމާއި ޤަދަރުވެރިކަމާ އެކުގައެވެ. ހަގީގީ އުފަލަކީ ދީނުގެ އިންތަކުގެ ތެރޭގައި ލިބޭ ހިތްހަމަޖެހުމެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450