ކުޅިވަރު
ނޭމާއަށް އަނެއްކާ ވެސް އަނިޔާވެއްޖެ: ވޯލްޑް ކަޕްގެ ފުރަތަމަ މެޗު އޭނާއަށް ގެއްލޭނެ
ބްރެޒިލްގެ ނޭމާ---
ބްރެޒިލްގެ ތަރި ނޭމާ ޖޫނިއަރއަށް ލިބުނު އަނިޔާއަކާ ގުޅިގެން ވޯލްޑް ކަޕްގެ ފުރަތަމަ މެޗު އޭނާއަށް ގެއްލޭނެކަމަށް ބްރެޒިލް ޓީމްގެ ޑޮކްޓަރ ރޮޑްރީގޯ ލަސްމާ ބުނެފިއެވެ.
ބްރެޒިލްގެ ކޯޗު، ކާލޯ އެންޗެލޮޓީ ވަނީ ބްރެޒިލްގެ ވޯލްޑް ކަޕްގެ ސްކޮޑުގައި ނޭމާ ހިމެނުމަށް ނިންމާފައެވެ. ނަމަވެސް އޭނާއަށް އަނިޔާވުމާ ގުޅިގެން ފަރުވާގައި 3 ހަފްތާ ހޭދަވާނެތީ މިއީ މުޅި ޓީމަށް ލިބުނު ނުތަނަވަސް ކަމެކެވެ.
އެންޗެލޮޓީ ބްރެޒިލްގެ ސްކޮޑު އެކުލަވާލިއިރު ގިނަ ބަޔަކަށް ހައިރާންކަން ގެނުވީ ޗެލްސީއަށް ކުޅެމުން އަންނަ ޒާއޯ ޕެޑްރީ ބާކީކޮށްލުމުންނެވެ. އޭނާ ޗެލްސީގައި ރަނގަޅުކުޅުމެއް ދައްކާފައިވާއިރު، ފާއިތުވި 2 އަހަރައްހާ ދުވަހުގެ ތެރޭގައި ނޭމާ ޤައުމީ ޓީމު މެޗެއް ކުޅެފައެއް ނުވެއެވެ.
އުމުރުން 34 އަހަރުގެ ނޭމާއަށް އަނިޔާވެފައި ވަނީ މި މަހުގެ 17ވަނަ ދުވަހު ބްރެޒިލް ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިންނެވެ.
މި އަނިޔާއާ ގުޅިގެން ވޯލްޑް ކަޕްގެ އިތުރުން، ވޯލްޑް ކަޕްގެ ކުރިން ކުޅޭ އެކުވެރިކަމުގެ ދެ މެޗު ވެސް އޭނާއަށް ގެއްލޭނެއެވެ.
މި އަހަރު ނޭމާ ކުޅޭނީ އޭނާގެ 4ވަނަ ވޯލްޑް ކަޕެވެ. އެންމެ ފުރަތަމަ އޭނާ ކުޅުނީ 2014ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް މުބާރާތެވެ. އޭގެ ފަހުން 2018ގައި ރަޝިޔާ ވޯލްޑް ކަޕާއި އަދި އެންމެ ފަހުން ޤަތަރުގައި އޮތް ވޯލްޑް ކަޕް ވެސް ނޭމާ ވަނީ ކުޅެފައެވެ. އެގޮތުން މިހާތަނަށް ވޯލްޑް ކަޕްގައި އޭނާ ކުޅުނު 13 މެޗުގައި 8 ގޯލު ކާމިޔާބުކޮށް 4 ގޯލަށް އެސިސްޓްކޮށްދީފައި ވެއެވެ.
މީގެ އިތުރުން ބްރެޒިލްއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިއަކީ ވެސް ނޭމާއެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޖާޒީގައި 79 ގޯލު ކާމިޔާބުކޮށްފައެވެ. ނޭމާގެ މި ރެކޯޑަކީ، ޕެލޭގެ އަތުގައި 60 އަހަރު އޮތް ރެކޯޑެކެވެ.