ކުޅިވަރު

ސާފް ވިމެންސް ޗެމްޕިއަންޝިޕް: ބަނގުލަދޭޝް މެޗު ވެސް ގެއްލުމުން، ރާއްޖެއަށް މުބާރާތް ނިމިއްޖެ

ސާފް ވިމެންސް ޗެމްޕިއަންޝިޕް: ބަނގުލަދޭޝް މެޗު ވެސް ގެއްލުމުން، ރާއްޖެއަށް މުބާރާތް ނިމިއްޖެ

ބަނގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިއަކު ބޯޅަ ހޯދަން މަސައްކަތް ކުރަނީ / ފޮޓޯ: ސާފް

މިހާރު އިންޑިއާގެ ގޯއާގައި ކުރިޔަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕް 2026ގައި ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ، ދިވެހި ޓީމަށް މުބާރާތް ނިމިއްޖެއެވެ.

މިރޭ ބަނގުލަދޭޝްއާ ބައްދަލުކޮށް 4-2އިން ބަލިވި ނަމަވެސް، މި މެޗުގައި ދިވެހި ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ބަނގުލަދޭޝްއިން ދެ ގޯލު ޖަހާފައި ވަނިކޮށް ރާއްޖޭގެ ޓީމުން ވަނީ ފަހަތުން އަރާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ މަރިޔަމް ނޫރާގެ ގޯލަކުންނާއި އައިމިނަތު ފަޒްލާގެ ގޯލަކުންނެވެ. ނަމަވެސް ބަނގުލަދޭޝްއިން ވަނީ ފަހުން ދެ ގޯލު ޖަހައި މެޗުން މޮޅުވެފައެވެ.

މިއީ 2022 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ބަނގުލަދޭޝްއާ ދެކޮޅަށް ކުޅެ ހޯދި ނަތީޖާއަށް ވުރެ އަނގަޅު ނަތީޖާއެކެވެ. އެ ފަހަރު ބަނގުލަދޭޝް މޮޅުވީ 3-0އިންނެވެ. ނަމަވެސް މި އަހަރު މިވަނީ އެ ޓީމުގެ ކޮޅަށް ދެ ގޯލު ކާމިޔާބުކޮށްފައެވެ.

ބަނގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިން / ފޮޓޯ: ސާފް

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭއަށް ކުރިމަތިވީ ބޮޑު ބައްޔެކެވެ. އެ މެޗުގައި އިންޑިއާއާ ދެކޮޅަށް ކުޅެން ޖެހުނުއިރު އެ މެޗުން އިންޑިއާ މޮޅުވީ 11-0 އިންނެވެ.

އެންމެ ފަހުން 2024ގައި ކުޅުނު ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗެއް ރާއްޖެއަށް ކާމިޔާބެއް ނުކުރެވުނެވެ. އެގޮތުން ފުރަތަމަ މެޗުގައި ބޫޓާން އަތުން 13-0އިން ބަލިވިއިރު، ދެވަނަ މެޗުގައި ނޭޕާލް އަތުން ބަލިވީ 11-0އިންނެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ސްރީލަންކާއާ ބައްދަލުކުރި މެޗު ނިމުނީ 1-0އިން ސްރީލަންކާ ކުރި ހޯދައިގެންނެވެ.

ދިވެހި އަންހެން ޓީމަށް ކުރިޔަށް ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ޤައުމީ ލެވެލެގައި ކުޅެން ލިބޭ މެޗުތައް މަދުވުމާއި، ވާދަވެރި ލީގެއް ނެތުމެވެ. ނަމަވެސް އަންހެނުންގެ ލީގެއް މިދިޔަ އަހަރު ފަށާފައިވުމާއެކީ މިއީ ކުޅުންތެރިންގެ ޤާބިލްކަން ކުރިއެރުވުމަށް ލިބޭ ފުރުސަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450