ދީން / ރިޕޯޓް
ޒަމްޒަމް ފެނުގެ ނުހިކޭ އާރަކީ، އަންތަރީސްކޮށްލާ އިލާހީ ނިޢުމަތެއް
ޒަމްޒަމް ވަޅު
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މިލިއަނުން ގުނާލެވޭ މުސްލިމުންނަށް ، ޒަމްޒަމް ވަޅަކީ ހަމައެކަނި ފެން ބޯން ބޭނުންކުރާ ވަސީލަތެއް ނޫނެވެ. މާތްވެގެންވާ މައްކާގެ މަސްޖިދުލް ޙަރާމްގައި، ކައުބަތުﷲ ގެފުޅުގެ އަރިހުގައި ހުންނަ މި ވަޅަކީ އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ އިތުރުން، އެތައް ޤަރުނެއް ވަންދެން ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ކަރުހިއްކުން ފިލުވައިދެމުން އަންނަ މަތިވެރި އިލާހީ ނިޢުމަތެކެވެ.
އިސްލާމީ ތާރީޚުގެ ރިވާޔަތްތަކުން އެނގޭ ގޮތުގައި، މި ވަޅު ފުރަތަމަ ފާޅުވީ ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރިކުރައްވައި މައްކާގެ ހަނަފަސް ސަހަރާގެ ތެރެއިންނެވެ. އެއީ ހާޖަރު އަދި އެކަމަނާގެ ދަރިކަލުން އިސްމާޢީލްގެފާނަށްޓަކައެވެ. އެ ހަނަފަސް ބިމަށް ދިރުން ގެނުވި މި ފެންއާރަކީ މިއަދުވެސް ޙައްޖާއި ޢުމްރާގެ އަޅުކަމާ ނުހަނު ބޮޑަށް ގުޅިފައިވާ މުހިންމު ބައެކެވެ. ތާރީޚީ ލިޔުންތަކުން ސާބިތުވާ ގޮތުގައި، ޒަމާންތަކެއް ވަންދެން މި ވަޅު ފޮރުވިފައި އޮތުމަށްފަހު، އަލުން މި ވަޅު ހޯއްދެވީ ކައުސާހިބާ މުޙައްމަދު ނަބީކަލޭގެފާނު ﷺ ގެ ކާފާފުޅު ޢަބްދުލްމުއްޠަލިބެވެ.

ޖީލުތަކަށް ރައްކާތެރިކުރެވިފައިވާ ވަޅެއް
ޒަމްޒަމް ވަޅު ބެލެހެއްޓުމާއި ތަރައްޤީކުރުމުގައި ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ސައުދީ ސަރުކާރުގެ ބެލުމުގެ ދަށުން މި ވަޅަށް ގެނެވުނު ބައެއް މުހިންމު ބަދަލުތަކަށް ބަލާއިރު:
1926 ވަނަ އަހަރު: ފުރަތަމަ ފަހަރަށް ޢާންމުކޮށް ފެން ބޯނެ އިސްކުރުބާރިތަކެއް (ސަބީލުލް މަލިކް) އަމީރު ޢަބްދުލްޢަޒީޒްގެ އަމުރުފުޅަށް ބިނާކުރެވުނެވެ. މީގެ ސަބަބުން ޒިޔާރަތްކުރާ މީހުންނަށް ފަސޭހައިން ފެން ލިބޭނެ މަގު ތަނަވަސްވިއެވެ.
1953 ވަނަ އަހަރު: އަތުން ފެން ނެގުމުގެ ބަދަލުގައި، މެކޭނިކަލް ޕަންޕުތައް ބޭނުންކޮށްގެން ފެން ނެގޭނެ ނިޒާމެއް ޤާއިމުކުރެވުނެވެ.
1962 ވަނަ އަހަރު: މަސްޖިދުލް ޙަރާމް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ތަވާފުކުރާ ސަރަޙައްދު (މަޠާފު) ތަނަވަސްކުރުމަށްޓަކައި ވަޅުގެ މަތީބައި ބިމުގެ އަޑިއަށް ބަދަލުކުރެވުނެވެ.
1979 އާއި 2018 ވަނަ އަހަރު: ވަޅު ސާފުކުރުމާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފެން ތަޣައްޔަރުވިޔަނުދީ ރައްކާތެރިކުރުމުގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުނެވެ. މިހާރުވެސް ދަނީ އެންމެ ފަހުގެ ލެބޯޓްރީތަކުން ފެނުގެ ފެންވަރު ގަވާއިދުން ބަލައި ޓެސްޓުކުރަމުންނެވެ.
މިލިއަނުން މީހުންނަށް ޚިދުމަތްދޭ ޒަމާނީ ނިޒާމެއް
މިއަދު ޒަމްޒަމް ފެން ނަގަނީ ކަރަންޓު ޕަންޕުތައް ބޭނުންކޮށްގެންނެވެ. އެއަށްފަހު، ޚާއްޞަ ފިލްޓަރުތަކާއި އަލްޓްރާވައިލެޓް ދޯދި ބޭނުންކޮށްގެން ފެން ސާފުކޮށް، ޖަރާސީމުން ރައްކާތެރިކުރެވެއެވެ. ޙައްޖު މޫސުމާއި ރަމަޟާން މަހު މިލިއަނުން ލީޓަރުގެ ފެން ހަރަމްފުޅާއި އެހެނިހެން މުޤައްދަސް ބިނާތަކަށް ފޯރުކޮށްދެވެއެވެ.
އާދަޔާ ޚިލާފު ބޮޑު ބޭނުމެއް ހިފަމުންދާއިރުވެސް، މި ވަޅުގެ ފެން ހުސްނުވެ ދެމިއޮތުމަކީ ދުނިޔޭގެ އެންމެ އާދަޔާ ޚިލާފު އެއް މުޢުޖިޒާތެވެ. މުއުމިނުންނަށް ޒަމްޒަމް ވަޅަކީ އިލާހީ ރަޙްމަތާއި، އީމާންތެރިކަމުގެ ރަމްޒެކެވެ. އަދި އެއީ މީގެ އެތައް ހާސް އަހަރެއް ކުރިން އިސްމާޢިލުގެފާނުގެ ލޮބުވެތި މަންމާފުޅު ހާޖަރު ދެއްކެވި ސާބިތުކަމާއި ކެތްތެރިކަމުގެ ދެމިގެންވާ ހަނދާނެކެވެ.
"ކިންގް ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް ޒަމްޒަމް ވޯޓަރ ޕްރޮޖެކްޓް"
ޒަމްޒަމް ފެނާ ގުޅޭގޮތުން ފަހުގެ ތާރީޚެއްގައި ހިނގާފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ތަރައްޤީއަކީ، މައްކާގައި ގާއިމުކޮށްފައިވާ "ކިންގް ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް ޒަމްޒަމް ވޯޓަރ ޕްރޮޖެކްޓް" އެވެ. މިއީ މިލިއަން ޙައްޖުވެރިންނާއި އުމްރާވެރިންނަށް ރައްކާތެރިކަމާއެކު ޒަމްޒަމް ފެން ފޯރުކޮށްދިނުމަށްޓަކައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ބިނާކޮށްފައިވާ، ފެން ސާފުކޮށް ފުޅީގައި ބަންދުކުރާ މަރުކަޒެކެވެ. މެދުކެނޑުމެއްނެތި ޚިދުމަތްދޭ މި މަރުކަޒުގައި ބޭނުންކުރަނީ އޮޓޮމޭޓެޑް ނިޒާމުތަކެކެވެ. މި ނިޒާމުގެ ދަށުން، އެއްވެސް އިންސާނެއްގެ އަތްލުމަކާ ނުލައި، ދަގަނޑު ހޮޅިތަކެއް މެދުވެރިކޮށް ޒަމްޒަމް ވަޅުން ސީދާ ފެން ގެންގޮސް ސާފުކޮށް ފުޅިތަކަށް އަޅައެވެ. ސައުދީ ސަރުކާރުން ހާމަކުރާ ގޮތުގައި، މި މަރުކަޒުން ދުވާލަކު 200,000 އަށްވުރެ ގިނަ ފުޅި ތައްޔާރުކުރެއެވެ. އަދި ފެނުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ޓެސްޓުތަކެއް ލެބޯޓްރީތަކުގައި ހަދަމުންދެއެވެ.

މީގެ އިތުރުން، މަސްޖިދުލް ޙަރާމްގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައި ހުންނަ ޒަމްޒަމް ފެން ކޮންޓޭނަރުތައް ސާފުކޮށް ސްޓެރިލައިޒް ކުރުމަށް ކުރެވޭ މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭ ފަދަ މުހިންމު ކަމެކެވެ. ކިންގް ޢަބްދުﷲ ގެ ޒައާމަތުގައި ފެށުނު ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، މި ކޮންޓޭނަރުތައް ދޮވެ ސާފުކުރުމަށް ޚާއްޞަ އޮޓޮމޭޓެޑް ނިޒާމެއް ވަނީ ތައާރަފުކޮށްފައެވެ. މި ނިޒާމުގެ ސަބަބުން، އަޅުވެރިންނަށް ފެން ލިބެނީ ސާފުތާހިރު އަދި ރައްކާތެރި ގޮތެއްގައެވެ. ފެން ރައްކާތެރިކުރުމަށާއި ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި ކޮންޓޭނަރުތަކުގެ ފަރުމާއަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިއީ ހަމައެކަނި ޒަމްޒަމް ވަޅު ރައްކާތެރިކުރުމުގެ ބަދަލުގައި، އެ ފެން ބޭނުންކުރާ އެތައް މިލިއަން މީހުންނަށް އޭގެ އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދިނުމަށް ސައުދީ ސަރުކާރުން ކުރާ އިޚްލާޞްތެރި މަސައްކަތްތަކެކެވެ.
ޙައްޖު މޫސުމާއި ރަމަޟާން މަހުގެ އެންމެ ބާރުބޮޑު ދުވަސްވަރު، މަސްޖިދުލް ޙަރާމަށާއި މަސްޖިދުއް ނަބަވިއްޔާއަށް ދުވާލަކު އެތައް މިލިއަން ލިޓަރެއްގެ ޒަމްޒަމް ފެން ފޯރުކޮށްދެވެއެވެ. މިއީ ދުނިޔޭގައިވެސް ދީނީ ކަމަކާ ގުޅިގެން މިހާ ގިނަ މީހުންނަށް ފެން ފޯރުކޮށްދޭ އެންމެ ބޮޑު އެއް ނިޒާމެވެ. އަހަރަކު މިލިއަނުން މީހުން މި ފެން ބޭނުންކުރި ނަމަވެސް، އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ތިމާވެށި ބަލަހައްޓާ ނިޒާމުތަކުގެ އެހީގައި ޒަމްޒަމް ވަޅުގެ ޙާލަތު އަބަދުވެސް ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

ޒަމްޒަމް ފެނުގެ ނުހިކޭ އާރަކީ، ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ، ޙައްޖާއި ޢުމްރާގެ އަޅުކަމަށް ވަޑައިގަންނަވާ މީހުން އަބަދުވެސް އަންތަރީސްކޮށްލާ މުޢުޖިޒާތެކެވެ. ސައިންޓިފިކް ދިރާސާތަކުން ހާމަވާ ގޮތުގައި، މި ވަޅަށް ފެން ލިބެނީ ވަށައިގެންވާ ވާދީ އިބްރާހީމްގެ ބިމުގެ އަޑީގެ ފެން ފަށަލަތަކުންނެވެ. ކޮންމެ އަހަރަކު އެތައް މިލިއަން ޙައްޖާޖީންނަކަށް މި ފެން ބޭނުންކުރި ނަމަވެސް، އެއްވެސް މެދުކެނޑުމެއް ނެތި މި އާރު އަމިއްލައަށް އާލާވަމުންދެއެވެ. މިހާރުގެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފެން ހުރި މިންވަރު 24 ގަޑިއިރު މޮނިޓަރު ކުރެވެމުންދާއިރު، ފެނުގެ ފެންވަރު ދެމެހެއްޓުމަށްޓަކައި ގަވާއިދުން ލެބޯޓްރީތަކުގައި ތަހުލީލުކޮށް، ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރެވެއެވެ. މިފަދަ ތާރީޚީ އަދި ސައިންޓިފިކް ސަބަބުތަކަށްޓަކައި، ޒަމްޒަމް ވަޅަކީ މިއަދު ދުނިޔޭގައި އެންމެ ބޮޑު ސަމާލުކަމެއް ދީގެން ބަލަހައްޓަމުންދާ އެއް ވަޅެވެ.

މީގެ އިތުރުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ޒަމްޒަމް ފެން މިހާރު ވަޅު ހުރި ސަރަހައްދުން ބޭރަށް، މާ ދުރު ހިސާބުތަކަށްވެސް ފޯރުކޮށްދެވޭ ކަމެވެ. ކުރިއަރާފައިވާ ޒަމާނީ ޕަންޕުތަކާއި، ފެން ރައްކާކުރާ ނިޒާމުތަކުގެ އިތުރުން، އަލްޓްރާވައިލެޓް ސްޓެރިލައިޒޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން، އަހަރަކު އެތައް މިލިއަން ލިޓަރެއްގެ ފެން މަސްޖިދުލް ޙަރާމްގައި އަޅުކަންކުރާ މީހުންނަށް ފޯރުކޮށްދެއެވެ. އަދި ޚާއްޞަ އިންތިޒާމެއްގެ ދަށުން، ޙައްޖާޖީންނަށް އެބައިމީހުންގެ ރަށްރަށަށް ގެންދިއުމަށްޓަކައި ޒަމްޒަމް ފެން ފުޅީގައި ބަންދުކޮށްގެން ދޫކުރެވެއެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް، އެތައް ހާސް އަހަރެއްވީ މި މަތިވެރި ސުންނަތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދެއެވެ. ޒަމާނީ ވަސީލަތްތަކާއެކު އިންތިޒާމުތަކަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވީ ނަމަވެސް، މި ވަޅަކީ މިއަދުވެސް އީމާންތެރިކަމުގެ މަތިވެރި ރަމްޒެކެވެ. އަދި މިއީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ދަތި ވަގުތުގައިވެސް، ހާޖަރުގެފާނު ﷲ އަށް ކުރެއްވި ފުރިހަމަ އިތުބާރާއި ވަކީލުކުރުމުގެ މަތިވެރި ޒިކުރާ އާކޮށްދޭ ދިރިހުރި މިސާލެކެވެ.