ކުޅިވަރު

ނެގޭނެ ޒިންމާއެއްތޯ ބެލުމަށް ޤައުމީ ކެޕްޓަން ބޭންޑު ހަމްޒާއަށް

ނެގޭނެ ޒިންމާއެއްތޯ ބެލުމަށް ޤައުމީ ކެޕްޓަން ބޭންޑު ހަމްޒާއަށް

ޤައުމީ ޓީމުގެ ފޯވާޑް ޙަމްޒާ މުޙައްމަދު / ފޮޓޯ: އެފްއޭއެމް

ޤައުމީ ކެޕްޓަނެއްގެ ޒިންމާ އަދާކުރެވޭނެތޯ ބެލުމަށް، ޑައިމަންޑް ޖުބިލީ އިނޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޓީމުގެ ކެޕްޓަން ބޭންޑު ހަމްޒާ މުޙައްމަދުއާ ހަވާލުކޮށްފިއެވެ.

ހަމްޒާއާ މި ޒިންމާ ހަވާލުކުރީ، އެ ޒިންމާ ނަގަމުން އައި ސަމޫޙު ޢަލީ (ސަމުއްޓޭ) ޤައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ހިމަނާފައި ނުވުމުންނެވެ. ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި ޤައުމީ ޓީމުގެ ފައިނަލް ސްކޮޑަށް ސަމޫޙު ނުނެގީ އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ފަރިތަކުރުންތަކުގައި ވެސް ބައިވެރިނުވެވުމުންނެވެ.

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޤައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ބުނީ، ހަމްޒާއަކީ ދަނޑުމަތީގައި ޓީމު ލީޑު ކުރާނެ ކުޅުންތެރިޔާކަމަށެވެ. އެހެން ނަމަވެސް ހަމްޒާއަކީ މިހާރު ޤައުމީ ކެޕްޓަނެކޭ އަދި ނުބުނެވޭނެކަމަށް އުރުބާނީ ވަނީ ބުނެފައެވެ.

"ހަމްޒާ މަސައްކަތްކުރާނީ ދަނޑުމަތީގައި ޓީމުގެ ލީޑަރެއްގެ ގޮތުގައި. އޭގެ މާނައެއް ނޫން އެއީ ހަމްޒާ އަކީ މިހާރު ޤައުމީ ކެޕްޓަން އެކޭ. ކެޕްޓަން ކަމަކީ ވަރަށް މަސައްކަތްކޮށްގެން ހައްގުވާ ޝަރަފެއް. ހަމްޒާގެ ހުނަރުވެރިކަމާއި އޭނާ ކުރާ މަސައްކަތުން ސާބިތުވޭ އޭނަ ގައިގައި އެކަން ކުރުމުގެ ޤާބިލުކަން ހުރިކަން. އޭނައަށް ހައްގު ކަމެއްކަން އެއީ. މާދަމާގެ މެޗުގައި އަހަރެން ބަލަން ބޭނުންވަނީ އެވަރުގެ ލީޑަރަކަށް އޭނާއަށް ވެވިދާނެތޯ." ކޯޗު އިސްޓަވާން އުރުބާނީ ބުންޏެވެ.

އެހެންކަމުން ހޯމަ ދުވަހުގެރޭ ދިވެހިރާއްޖެއާ އަފްޤާނިސްތާން ބައްދަލުކުރާ މެޗު ވެގެންދާނީ ހަމްޒާއަށް ޚާއްޞަ މެޗަކަށެވެ. 

މިކަމާ ގުޅިގެން ހަމްޒާ ބުނީ، ޤައުމީ ޓިމުގެ ކެޕްޓަން ބޭންޑު އެޅުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. ނަމަވެސް ދަނޑުމަތީގައި ހުރިހާ ކުޅުންތެރިންނަކީ ވެސް ކެޕްޓަނުންކަމަށް ބުނެ، އެގޮތަށް ކުޅުންތެރިންނަށް ވިސްނާދީފައިވާނެކަމަށް އޭނާ ހާމަކުރިއެވެ.

މުބާރާތަށް އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑު މިހާރު ފައިނަލްކޮށްފައިވާއިރު، ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. އޭގެއިތުރުން އަލީ ފާސިރު (ސެންޓޭ) އަދި އަމްދާން އަލީ (އޭންޑީ) އާއި އަޙްމަދު އަބްދުﷲ (ލިލީ) ފާޙަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450