ކުޅިވަރު

އަންހެނުންގެ 200 މީޓަރު ދުވުމުގެ ޤައުމީ ރެކޯޑު އަހްނާ އައުކޮށްފި

އަންހެނުންގެ 200 މީޓަރު ދުވުމުގެ ޤައުމީ ރެކޯޑު އަހްނާ އައުކޮށްފި

ދުވުންތެރިޔާ އަހްނާ ނިޒާރު / ފޮޓޯ: ޝަރީފް ސްޕޯޓްސް

01 ޖޫން 2026، 03:08

އަންހެނުންގެ 200 މީޓަރު ދުވުމުގެ ޤައުމީ ރެކޯޑު އަހްނާ ނިޒާރު އައުކޮށްފިއެވެ.

އަހްނާ މި ރެކޯޑު އައުކުރީ ޗައިނާގެ ހޮންގކޮންގުގައި މިދިޔަ މަހުގެ 28އިން 31އަށް ކުރިއަށްދިޔަ 20 އަހަރުންދަށުގެ އޭޝިއަން ޗެންޕިއަންޝިޕްގައެވެ. 

މި ރެކޯޑު ކުރިން ވެސް އޮތީ އޭނާގެ އަތުގައެވެ. އެއީ ގައުމީ ޗެންޕިއަންޝިޕުގައި 2024ވަނަ އަހަރު، 25.10 ސިކުންތުން ނިންމައިގެން އޭނާ ހެދި ރެކޯޑެވެ. އަދި އެ ރެކޯޑު އައުކޮށްފައި ވަނީ 25 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި މުބާރާތުގައި އަހްނާ ވަނީ 100 މީޓަރު ދުވުމުގައި ވެސް ވާދަކޮށްފައެވެ. އޭނާ 100 މީޓަރުގެ ރޭސް ނިންމީ 12.27 ސިކުންތުންނެވެ.

މީގެއިތުރުން އަހްނާ ވަނީ 2023ވަނަ އަހަރު 19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކޮށް 200 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑު ވެސް އައުކޮށްފައެވެ. އެ ފަހަރު އޭނާ ރޭސް ނިންމީ 25.66 ސިކުންތުންނެވެ. 

ހޮންގކޮންގުގެ ޔޫތު ސްޕޯޓްސް ގްރައުންޑްގެ ކައި ޓަކް ސްޕޯޓްސް ޕާކްގައި ކުރިޔަށްދިޔަ މި މުބާރާތުގައި އަހްނާގެ އިތުރުން، އަހްމަދު ރައްޔާން ފަހްމީ، ޒުއިޒް މުހަންމަދު ސުއާދް އަދި ޒިވާ މޫސާ ޝަފީޢު ވަނީ ރާއްޖެ ތަމްސީލްކޮށްފައެވެ.

އޭޝިއަން އެތްލެޓިކްސް އެސޯސިއޭޝަން (އޭއޭއޭ)އިން އިންތިޒާމުކުރާ މި މުބާރާތަކީ އޭޝިއާގެ އެންމެ މޮޅެތި އެތުލީޓުން ވާދަކުރާ މުބާރާތެކެވެ. އަދި 20 އަހަރުންދަށުގެ އުމުރުފުރާތަކަށް ޚާއްސަ، މި މުބާރާތް ބާއްވާތާ މިއީ 22 ވަނަ އަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450