ކުޅިވަރު
ޕްރިމިއަރ ލީގުގައި 24 އަހަރު ކުޅުމަށްފަހު މިލްނަރ ރިޓަޔަރކޮށްފި
ޖޭމްސް މިލްނަރ / ފޮޓޯ: ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއަރ ލީގުގައި 24 އަހަރު ކުޅުމަށްފަހު ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ޖޭމްސް މިލްނަރ ނިންމައިފިއެވެ.
އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅެފައިވާ އުމުރުން 40 އަހަރުގެ މިލްނާ އެންމެ ފަހުން ކުޅެފައި ވަނީ ބްރައިޓަން އެންޑް ހޯވްސްއަށެވެ. އަދި އޭނާ ކުޅުން ހުއްޓާލުމަށް ނިންމީ އެ ކްލަބާއެކު ހަދާފައިވާ 3 އަހަރުގެ ކޮންޓްރެކްޓް ހަމަވުމުންނެވެ.
މިލްނަރ ވަނީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި އިނގިރޭސި ލީގުގެ ޖުމްލަ 6 ކްލަބަކަށް ކުޅެފައެވެ. އަދި ޕްރިމިއަރ ލީގުގައި އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާގެ ރެކޯޑު އޭނާ މުގުރާލީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ލީޑްސް ޔުނައިޓެޑުން ޕްރިމިއަރ ލީގުގެ ކެރިއަރު ފެށި މިލްނަރ ވަނީ ތިން ފަހަރު ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ. އެއީ މެންޗެސްޓަރ ސިޓީއާއެކު ދެ ތައްޓާއި އަދި ލިވަޕޫލްއާއެކު އެއް ތައްޓެވެ. މީގެ އިތުރުން ލިވަޕޫލްއާއެކު 2019ވަނަ އަހަރު އޭނާ ވަނީ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.
އިނގިރޭސި ޤައުމީ ޓީމަށް އޭނާ އެންމެ ފުރަތަމަ ކުޅުނީ 2009 ވަނަ އަހަރުއެވެ. އޭރު އޭނާ ކުޅެމުން ދިޔައީ އެސްޓަން ވިލާއަށެވެ. އަދި އޭނާ ވަނީ އިނގިރޭސި ޤައުމީ ޖާރޒީގައި 61 މެޗު ކުޅެފައެވެ.
ލީޑް ޔުނައިޓެޑުގެ ޖާރޒީގައި ޕްރިމިއަރ ލީގުގައި މިލްނަރ އެންމެ ފުރަތަމަ ކުޅުނީ 16 ނޮވެންބަރު 2002ގައެވެ. އޭރު އޭނާއަކީ ޕްރިމިއަރ ލީގު ކުޅުނު އެންމެ ޒުވާން ދެވަނަ ކުޅުންތެރިޔާއެވެ. އަދި ޖެހިގެން އައި މަހު ލީޑްސްއަށް ކާމިޔާބުކޮށްދިން ގޯލާއެކު، ޕްރިމިއަރ ލީގުގައި ގޯލުޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު އޭނާ ހޯދިއެވެ. ނަމަވެސް އެ ލިސްޓުގައި މިހާރު އޭނާ އޮތީ ތިންވަނައިގައެވެ.
ނިމުނު ސީޒަންގައި ބްރައިޓަންއަށް ކުޅުނު އެންމެ ފަހު މެޗާއެކު މިލްނަރ ވަނީ ލީގުގައި ޖުމްލަ 658 މެޗު ކުޅެފައެވެ.