ކުޅިވަރު

ކޮންޓްރެކްޓް އައުނުކޮށް، ލިވަޕޫލް ދޫކޮށްލަން ކޮނާޓޭ ނިންމައިފި

ކޮންޓްރެކްޓް އައުނުކޮށް، ލިވަޕޫލް ދޫކޮށްލަން ކޮނާޓޭ ނިންމައިފި

އިބްރާހިމާ ކޮނާޓޭ ލިވަޕޫލްއާ ގުޅުނީ 2021ގައި---

01 ޖޫން 2026، 06:35

ލިވަޕޫލްގެ އެންމެ ފަހަތަށް ކުޅެމުންއަންނަ ފްރާންސްގެ އިބްރާހިމާ ކޮނާޓޭ އޭނާގެ ކޮންޓްރެކްޓު އައުނުކޮށް އެ ޓީމު ދޫކޮށްލަން ނިންމާފައިވާކަމަށް އިޢުލާންކޮށްފިއެވެ. 

މިކަން ހާމަކުރަމުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ކޮނާޓޭ ބުނީ، ނިމުނު ސީޒަންގެ ފަހު މެޗު ކުޅުނުއިރު، އެއީ ލިވަޕޫލްއަށް ކުޅޭނެ އެންމެ ފަހު މެޗުކަން އޭނާއަށް ނޭންގޭ ކަމަށެވެ. އަދި މީގެ ފަސް އަހަރު ކުރިން ލިވަޕޫލްއާ ގުޅުނީ، ގިނަ ހުވަފެންތަކެއް ދެކެމުން އައި ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ނަމަވެސް، މިއަދު އެ ކްލަބު ދޫކޮށް އެ ދަނީ ގިނަ ހަނދާންތަކާއެކުގައިކަން ފާހަގަކޮށްފައިވެއެވެ.

ކޮނާޓޭއަކީ ލިވަޕޫލްގެ ކުރީގެ ކޯޗު، ޔާގެން ކްލޮޕް ލިވަޕޫލްއާ ހަވާލުވެހުރިއިރު ގެނައި ކުޅުންތެރިއެކެވެ. އޭނާ ލިވަޕޫލްއާ ގުޅުނީ 2021ވަނަ އަހަރުގެ ޖުލައި މަހު، ޖަރުމަނުގެ ލެޕްޒިގްއިންނެވެ.  

ކޮނާޓޭ ވަނީ ލިވަޕޫލްއާއެކު ޕްރިމިއަރ ލީގާއި، އެފްއޭ ކަޕާއި، ދެ ކަރަބޯ ކަޕާއި ކޮމިއުނިޓީ ޝީލްޑެއް ކާމިޔާބުކޮށްފައެވެ. އަދި ލިވަޕޫލްއަށް އޭނާ ކުޅެދިން 183 މެޗުގައި 7 ގޯލު ކާމިޔާބުކޮށްފައިވާއިރު، ލިވަޕޫލްގެ އެންމެ ފަހަތުގައި ވަރޖިލް ވެން ޑައިކްއާއިއެކު 114 މެޗު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.

ކޮނާޓޭގެ މެސެޖުގައި އޭނާ ވަނީ، ލިވަޕޫލްއާއެކު ހޭދަކުރި މުއްދަތުގައި އޭނާއަށް ތަޖުރިބާކުރެވުނު ގިނަ ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން ޖޯޓާގެ ވަކިވެ ދިއުމަކީ ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި ސިފަކުރިއެވެ.

މީގެއިތުރުން މިދިޔަ އަހަރު އޭނާގެ ބައްޕަ ވަކިވެދިޔުމުން ލިބުނު ހިތާމައިގެ ތެރެއިން ވެސް، އެއްވެސް އުނިކަމެއް ނެތި ލިވަޕޫލްގެ ޖާޒީގައި ދަނޑުމަތީގައި ހިތްވަރާއެކު މަސައްކަތްކޮށްފައިވާނެކަން ވަނީ ހާމަކޮށްފައެވެ.

ކޮނާޓޭ ލިވަޕޫލްދޫކޮށްލަން ނިންމިކަން އިޢުލާންކޮށްފައިވާއިރު، މި ސީޒަނަށްފަހު އެ ކްލަބަށް ކުޅެފައިވާ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ސަލާޙް އާއި ކޯޗު އާރނޭ ސްލޮޓު ވެސް މިއަންނަ ސީޒަންގައި އެ ކްލަބުން ނުފެންނާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450