ކުޅިވަރު
ޑައިމަންޑް ޖުބިލީ: އަފްގާނިސްތާނުން ރާއްޖެ ބަލިކޮށް ތާވަލުގެ އެއްވަނައަށް
ރާއްޖޭގެ ފޯވާޑް އިލާން / ފޮޓޯ: ސިޑިބަރި
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި އަފްގާނިސްތާނުން ދިވެހިރާއްޖެ ބަލިކޮށް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ. އަފްގާނިސްތާނުން މި މެޗު ކާމިޔާބުކުރީ 1-0އިންނެވެ.
މި މެޗުން ލިބުނު މޮޅާއެކީ އަފްގާނިސްތާން ވަނީ 3 ޕޮއިންޓު ހޯދާފައެވެ. އަދި މިއަދު ހަވީރު ކުޅުން މެޗުން ޕާކިސްތާން އާއި ބަގުލަދޭޝް ވަނީ ޕޮއިންޓެއް ހޯދާފައެވެ.
އަފްގާނިސްތާންއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި ރާއްޖެއިން މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. ނަމަވެސް އަފްގާނިސްތާނުގެ ގޯލުގެ ދާގަނޑަށް ބޯޅަ ފޮނުވާނުލެވި އުޅެނިކޮށް، މެޗު ނިމެން 10 މިނެޓަށްވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރޯމަން ފާޒީ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ.
މި މެޗުގައި ރާއްޖޭގެ ކޯޗު، އިސްޓަވާން އުރްބާނީ ގެނައި ބަދަލުތައް ވެސް ފާހަގަކޮށްލެވުނެވެ. އެގޮތުން ފަހު ހާފުގައި ގެނައި ބަދަލުތަކާއެކީ ރާއްޖޭގެ ޓީމުން ކުޅުން ރަނގަޅުކުރިއެވެ.
މި މެޗަކީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ އަޝްފާޤު ޤައުމީ ޖާޒީގައި ކުޅުނު 100 ވަނަ މެޗު ވެސް މެއެވެ. އަޝްފާގަކީ މި ސަރަޙައްދުން މި އަދަދަށް ޤައުމީ ޓީމަށް މެޗު ކުޅެދިން 4ވަނަ ކުޅުންތެރިޔާއެވެ. މި ލިސްޓުގައި ސައުތު އޭޝިއާއިން ދެން ހިމެނެނީ ރާއްޖޭގެ މުޙައްމަދު އިމްރާން، އިންޑިއާގެ ސުނިލް ޗެތުރީ އަދި ހަމަ އެ ޤައުމުގެ ބައިޗުން ބުޓިޔާއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 0-0އިން އެއްވަރުވެގެނެވެ. އެ މެޗުގައި ބަނގުލަދޭޝްގެ މޮންޖުރުއް ރަޙްމާންއަށް ރަތް ކާޑު ދައްކާފައި ވެސް ވެއެވެ. ނަމަވެސް 10 ކުޅުންތެރިނާއެކު އެ ޓީމުން ވަނީ ޕާކިސްތާން ހިފަހައްޓާފައެވެ.
މި މުބާރާތުގެ މެޗުތައް ދެން އޮންނާނީ ޖޫން 4ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ދިވެހިރާއްޖެއާ ޕާކިސްތާން ބައްދަލުކުރާއިރު، އެ ރޭ ކުޅޭނީ އަފްގާނިސްތާންއާ ބަނގުލަދޭޝްއެވެ.