ކުޅިވަރު

ފީފާ ވޯލްޑް ކަޕް 2002: ފުޓްބޯޅައިގެ ދުނިޔެ ސިއްސުވާލި މުބާރާތް

ފީފާ ވޯލްޑް ކަޕް  2002: ފުޓްބޯޅައިގެ ދުނިޔެ ސިއްސުވާލި މުބާރާތް

ފީފާ ވޯލްޑް ކަޕް 2002---

04 ޖޫން 2026، 11:34

ދެކުނު ކޮރެއާ އާއި ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަކީ، ކުރިން އަންދާޒާވެސް ކޮށްފައިނުވާ ތަފާތު ނަތީޖާތަކާއި، ތާރީޚީ ގިނަ ކަންތައްތަކެއް ފެނިގެން ދިޔަ ފުޓުބޯޅާ މުބާރާތެކެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ވޯލްޑް ކަޕްގެ މަންޒަރުތައް ބަލަމުން އަދި އަޑު އަހަމުން ދިޔަ އެންމެން މިކަމަށް ހެކިވާނެއެވެ. މިއީ އޭޝިއާ ބައްރުގައި ބޭއްވުނު ފުރަތަމަ ވޯލްޑް ކަޕްގެ އިތުރުން، ދެ ޤައުމަކުން ގުޅިގެން ބޭއްވި ފުރަތަމަ މުބާރާތްވެސް މެއެވެ. މި މުބާރާތް ވެގެންދިޔައީ ފުޓްބޯޅައިގެ ތާރީޚުގައި ދުވަހަކުވެސް ހަނދާނުން ފޮހެލަން ދަތި، ފޯރިގަދަ މުބާރާތަކަށެވެ.

ފުޓްބޯޅައިގެ ވަރުގަދަ ބާރުތައް ކަކޫމައްޗަށް ތިރިވެ، އައު ތަރިންތަކެއް އުފަންވި މި މުބާރާތަކީ، ބްރެޒިލްގެ ރޮނާލްޑޯ އޭނާގެ ކާމިޔާބީގެ ޞަފުޙާ އަލުން އިއާދަކޮށް، ބްރެޒިލްއަށް ފަސްވަނަ ފަހަރަށް ތަށި ހޯދައިދީ ދުނިޔޭގެ ސަމާލުކަން ހޯދި މުބާރާތެކެވެ.

މީގެއިތުރުން، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އޭޝިއާ ބައްރުގެ ޤައުމުތަކުގައި ބޭއްވުނު ފުރަތަމަ ބޮޑު މުބާރާތަށް ވުމުން، މިއީ ތާރީޚީ ގޮތުން ވަރަށް މުހިންމު މުބާރާތެކެވެ. ދަނޑުތަކުގެ ފުރިހަމަކަމާއި ސަޕޯޓަރުންގެ ފޯރީގެ ސަބަބުން، ކުރީގެ މުބާރާތްތަކާ މުޅިން ތަފާތު މާޙައުލެއް މި މުބާރާތުން ފެނިގެންދިޔައެވެ. ނަމަވެސް، މި މުބާރާތް އެންމެ ޚާއްޞަވެގެންދިޔައީ ދަނޑުމަތިން ފެނިގެންދިޔަ ހައިރާންކުރުވަނިވި ކުޅިވަރުގެ ހަރަކާތްތަކުންނެވެ.

 

ޗެމްޕިއަނުންގެ ނާކާމިޔާބީ

މި މުބާރާތް ފެށިގެން ދިޔައީ ވެސް މުޅި ދުނިޔެއަށް ގެނުވި ބޮޑު ސިހުމަކުންނެވެ. އެއީ މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި އޭރުގެ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިވުމެވެ. އޭރު ފްރާންސްއަކީ އެންމެ ފަހުގެ ޔޫރަޕިއަން ޗެމްޕިއަނުން ވެސް މެއެވެ. ނަމަވެސް ޒައިނުއްދީން ޒިދާން އާއި ތިއެރީ އޮންރީ އަދި ޕެޓްރިކް ވިއޭރާ ފަދަ މޮޅެތި ކުޅުންތެރިންނާއެކު ނިކުތް ފްރާންސްއަށް ޖެހުނީ އެންމެ ގޯލެއް ވެސް ކާމިޔާބު ނުކުރެވި، ގްރޫޕް ސްޓޭޖަށްފަހު މުބާރާތާ އަލްވަދާއު ކިޔާށެވެ.

މީގެއިތުރުން، އާޖެންޓީނާ ފަދަ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ޓީމުތަކަށްވެސް ޖެހުނީ މުބާރާތުގެ ކުރީކޮޅު ކަޓައިގެން އަނބުރާ ޤައުމަށް ދާށެވެ. މިއީ އެތައް އަހަރުތަކެއްގެ ތެރޭގައި ފުޓްބޯޅައިގެ ވަރުގަދަ ބާރުތައް ބަލިކަށިވެފައިވާކަން ހާމަވި ފުރަތަމަ ފަހަރެވެ.

 

ސެނެގާލުން ދުނިޔޭގެ ސަމާލުކަން ހޯދުން

މުބާރާތުގެ ފުރަތަމަ މެޗު ވެގެންދިޔައީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ފެނިގެންދިޔަ އެންމެ ބޮޑު ހައިރާންކަމެއް ލިބުނު އެއް މެޗަށެވެ. ވޯލްޑް ކަޕްގައި އަލަށް ވާދަކުރި ސެނެގާލުން ވަނީ، އޭރުގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް 1-0 އިން ކުރިހޯދައި މުޅި ދުނިޔެ ސިއްސުވާލާފައެވެ. މި ތާރީޚީ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަޝްހޫރު ކުޅުންތެރިޔާ ޕާޕާ ބޫބާ ޑިއޮޕްއެވެ.

މިއީ ހަމައެކަނި ނަސީބަކުން ލިބުނު މޮޅެއް ނޫންކަން ސާބިތުކޮށްދެމުން، ސެނެގާލުން ވަނީ އެ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތައް އަތުލާފައެވެ. އެ ޓީމުން ދެއްކި މޮޅު ކުޅުމާއެކު، އެފްރިކާގެ ފުޓްބޯޅައަކީ ދުނިޔޭގެ ފެންވަރުގައި ބާރުގަދަ ބައެއްކަން މުޅި ދުނިޔެއަށް ހާމަވެގެންދިޔައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ފްރާންސް ކޮޅަށް ގޯލު ޖެހުމަށްފަހު ސެނެގާލްގެ ބޯޕާ ޑިއޮޕްދުއްވައިގަންނަނީ---

ދެކުނު ކޮރެއާގެ ހައިރާންކުރުވަނިވި ކާމިޔާބީ

މުބާރާތް ބޭއްވި އެއް ޤައުމު ކަމަށްވާ ދެކުނު ކޮރެއާއަށް އެ މުބާރާތަކީ ދުވަހަކު ވެސް ހަނދާނުން ނައްތާލެވޭނެ މުބާރާތެއް ނޫނެވެ. ވަކިވަކި މެޗުތަކުގެ ހުރިހާ ހިނދުކޮޅުތަކެއް ވެސް އެ ޤައުމުގެ ރައްޔިތުންގެ ހިތުގައި ބިންވަޅު ނަގާފައި ވާނެކަން ޔަޤީނެވެ. އަމިއްލަ ޤައުމުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ވަރުގަދަ ހިތްވަރާއި، ގެނުވި ޖޯޝާއި ފޯރިއާއެކު، ޑަޗް ކޯޗު ގޫސް ހިޑިންކްގެ އިރުޝާދުގެ ދަށުން، ދެކުނު ކޮރެއާއިން ވަނީ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ބަލިކުރުމަށްފަހު، ނޮކްއައުޓް ބުރުގެ ފޯރިގަދަ މެޗުތަކެއްގައި އިޓަލީ އާއި ސްޕެއިން މުބާރާތުން ކަޓުވާލާފައެވެ.

އެ ޓީމުން ސެމީ ފައިނަލާ ހަމައަށްކުރި ދަތުރަކީ މިއަދާ ހަމައަށްވެސް އޭޝިއާގެ ގައުމަކުން ވޯލްޑް ކަޕެއްގައި ހޯދާފައިވާ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެވެ. ނޮކްއައުޓް މެޗުތަކުގައި ރެފްރީން ނިންމި ބައެއް ނިންމުންތަކާ މެދު ޚިޔާލުތަފާތުވުންތަކެއް އުފެދުނު ނަމަވެސް، ދެކުނު ކޮރެއާގެ ކުޅުންތެރިން ދެއްކި ފޯރިއާއި، ފުޓްބޯޅައިގެ ތާރީޚުން އެ ޓީމު ހޯދި ޖާގައަކީ އެކަކަށްވެސް އިންކާރު ކުރެވޭނޭ ހަޤީގަތެއް ނޫނެވެ.

އިޓަލީ ކަޓުވާލި ގޯލްޑަން ގޯލް ކާމިޔާބުކުރުމަށްފަހު ކޮރެއާގެ ފޯވާޑް އުފާފާޅުކުރަނީ---

ބްރެޒިލްގެ ކާމިޔާބީގެ ދަތުރު

ބްރެޒިލް މި މުބާރާތާ ކުރިމަތިލީ އެ ޓީމުގެ ފެންވަރާ މެދު ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދިފައި ވަނިކޮށެވެ. ނަމަވެސް، މުބާރާތް ނިމުނުއިރު އެ ހުރިހާ ސުވާލުތަކަކަށް އެ ޓީމުން ވަނީ އަމަލީ ގޮތުން ރަނގަޅު ރައްދެއް ދީފައެވެ. ރޮނާލްޑޯ، ރިވާލްޑޯ އަދި ރޮނާލްޑީނިއޯ ހިމެނޭ ވަރުގަދަ ފޯވާޑް ލައިނަކާއެކު، ބްރެޒިލުން ވަނީ މުޅި މުބާރާތުގައި ވެސް އެންމެ ފޯރިގަދަ އަދި ހިތްގައިމު ކުޅުން ދައްކުވައިދީފައެވެ. އެ ޓީމުގެ ކާމިޔާބީގައި އެންމެ ފާހަގަކޮށްލެވޭ އެއް ވަގުތަކީ، އޭރު ދުނިޔޭގެ މަޤުބޫލުކަން ހޯދަމުން އައި ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ، ކުއާޓާ ފައިނަލުގައި އިންގްލެންޑުގެ ކޮޅަށް ދުރުން ވައްދާލި ހިލޭ ޖެހުމެވެ. މި ގޯލާއެކު ބްރެޒިލުން 2-1 އިން މޮޅުވެ، މުބާރާތުގެ ފައިނަލާ ހަމައަށް ދަތުރުކުރިއެވެ. އަދި ޔޮކޮހާމާގައި ކުޅުނު ފައިނަލް މެޗުގައި ޖަރުމަނު 2-0 އިން ބަލިކޮށް ބްރެޒިލުން ތަށި އުފުލާލިއެވެ.

 

ފައިނަލް މެޗު: ބްރެޒިލް އަދި ޖަރުމަނު

ފައިނަލް މެޗުގައި ބައްދަލުކުރީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެ ޤައުމެވެ. މެޗުގެ ފުރަތަމަ 67 މިނެޓުގައި ޖަރުމަނުގެ ގޯލްކީޕަރު އޮލިވާ ހާން ހުރީ ވަރަށް ވަރުގަދަ ޖޯޝެއްގައެވެ. ނަމަވެސް، އޭނާއަށް ހެދުނު މަދު ގޯސްތަކެއްގެ ފައިދާ ނަގައި ރޮނާލްޑޯ ބްރެޒިލަށް ލީޑު ނަގައިދިނެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ ވަނީ ދެވަނަ ގޯލެއް ޖަހައި ބްރެޒިލްގެ ކާމިޔާބީ ކަށަވަރުކޮށްދީފައެވެ. މި ކާމިޔާބީއާއެކު ބްރެޒިލުން ފަސްވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށް، މިއަދާ ހަމައަށްވެސް އެހެން އެއްވެސް ޤައުމަކަށް މުގުރާނުލެވޭ ރެކޯޑެއް ޤާއިމުކުރިއެވެ.

ފައިނަލް މެޗުގައި ގޯލް ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ---

2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ހަނދާންތައް

2002 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ އަދި ނަތީޖާތައް އަންދާޒާކުރަން އެންމެ އުނދަގޫވި އެއް މުބާރާތެވެ. މި މުބާރާތުން ފުޓްބޯޅައިގެ ގަދަބާރުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއިރު، އޭޝިޔާ ސަރަޙައްދުގައި މި ކުޅިވަރު ކުރިއަރަމުންދާ މިންވަރު މުޅި ދުނިޔެއަށް ހާމަވެގެންދިޔައެވެ. މީގެ އިތުރުން، މިއީ ބްރެޒިލްގެ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ކުރިމަތިވި ބޮޑެތި އަނިޔާތަކުން ސަލާމަތްވެ، ކާމިޔާބީގެ އާ އުސްމިންތަކަކަށް ވާސިލުވި ތާރީޚީ މުބާރާތްވެސް މެއެވެ.

މި ހަނދާންތަކަށް 20 އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވީ ނަމަވެސް، ސެނެގާލުން ދެއްކި ހައިރާންކުރުވަނިވި ކުޅުމާއި، ދެކުނު ކޮރެއާއިން ހޯދި ތާރީޚީ ކާމިޔާބީތަކާއި، ރޮނާލްޑީނިއޯ ފޮނުވާލި ހިތްގައިމު ހިލޭ ޖެހުމުގެ އިތުރުން، އުނދަގޫ ހާލަތްތަކުން އަރައިގަނެ ރޮނާލްޑޯ ތަށި އުފުލާލި މަންޒަރަކީ މިއަދުވެސް ސަޕޯޓަރުންގެ ހަނދާނުން ފޮހެވިގެންނުދާނެ ކަންކަމެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450