ކުޅިވަރު

ޖަރުމަނު 2006: ޒިދާންގެ ވަދާއީ މެޗާއި އިޓަލީން ދުނިޔޭގެ ރަސްކަމަށް ކުރި ތާރީޚީ ދަތުރު

ޖަރުމަނު 2006: ޒިދާންގެ ވަދާއީ މެޗާއި އިޓަލީން ދުނިޔޭގެ ރަސްކަމަށް ކުރި ތާރީޚީ ދަތުރު

އިޓަލީން ވޯލްޑް ކަޕް ތަށި އުފުލާލުން

07 ޖޫން 2026، 08:45

2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ ފުޓްބޯޅަ ސަޕޯޓަރުން އުންމީދުކުރާނެ ހުރިހާ ކަމެއް ފެނިގެންދިޔަ ފޯރިގަދަ މުބާރާތެކެވެ. އާދަޔާޚިލާފު ގޯލުތަކާއި، ހީނުކުރާ ފަދަ ނަތީޖާތަކުން މެޗުތަކުގެ އޮއިވަރު ބަދަލުވެގެން ދިޔައިރު، ކުޅިވަރުގެ ތާރީޚުގައި ދުވަހަކުވެސް ފޮހެވިގެން ނުދާނެ ފަދަ ހާދިސާތައް މި ވޯލްޑް ކަޕުން ވެސް ފެނިގެންދިޔައެވެ.

ޖަރުމަނުވިލާތުގައި ބޭއްވި މި މުބާރާތުގެ ތަށި ހަތަރުވަނަ ފަހަރަށް އިޓަލީން އުފުލާލި ނަމަވެސް، މި މުބާރާތް އަބަދުވެސް ހަނދާނަށް ގެނުވަނީ ފުޓްބޯޅައިގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ކުޅިވަރު ހަޔާތުގެ ފަހު ޞަފުޙާއާއެވެ.

އަދި މުބާރާތް ފެށުނީއްސުރެ ނިމެންދެން ޖަރުމަނުވިލާތުން މި މުބާރާތަށް މަރުޚަބާ ކިޔާފައިވަނީ އާދަޔާޚިލާފު ފޯރިއަކާއެކުގައެވެ. ސިޓީތަކުގެ މައި މަރުކަޒުތަކުގައި ސަޕޯޓަރުންނަށް ޚާއްޞަ ސަރަޙައްދުތައް ހަދައި، ބޮޑެތި ސްކްރީންތަކުން މެޗުތައް ބެލުމަށް އެތައް މިލިއަން ބަޔަކު ޖަމާވިއެވެ. މިއާއެކު، އެފެދިގެންގޮސްފައި ވަނީ އެކުވެރި އަދި ފޯރިގަދަ މާހައުލެކެވެ.

ދަނޑުމައްޗަށް ބަލާއިރު، މުބާރާތް ބާއްވާ ޤައުމުގެ ހައިސިއްޔުން ޖަރުމަނަކީ އެންމެ މޮޅު އެއް ޓީމުގެ ގޮތުގައި ފާހަގަވިއެވެ. ކޯޗު ޔާގެން ކްލިންސްމަންގެ އިރުޝާދުގެ ދަށުން، ފިލިޕް ލާމް، ބަސްޓިއަން ޝްވައިންސްޓައިގާ އަދި ލޫކަސް ޕޮޑޮލްސްކީ ފަދަ ޒުވާން ތަރިންނާއެކު ޖަރުމަނު ޓީމުން ވަނީ މުޅި ދުނިޔޭގެ ފުޓުބޯޅަ ސަޕޯޓަރުންގެ ހިތްތައް އަތުލާފައެވެ.

 

އައު ޖީލެއްގެ ކުރިއެރުން

2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކޮސްޓަރިކާގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައި، ޖަރުމަނުވިލާތުން މުބާރާތަށް ނިކުތީ ވަރުގަދަ ޓީމެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިނެވެ. އަދި އެ ޓީމުން މުބާރާތުގައި ކުޅުނު އެޓޭކިން ފުޓުބޯޅައަކީ އިދިކޮޅު ޓީމުތަކަށް އޮތް ބޮޑު ނުރައްކަލެއްކަން ސާބިތުކޮށްދިނެވެ. 

ސެމީ ފައިނަލުގައި އިޓަލީ އަތުން ބަލިވި ނަމަވެސް، ޖަރުމަނުގެ ޒުވާން ސްކޮޑުން ކުރިއަށް އޮތް ކާމިޔާބީތަކަށް ވަރުގަދަ ބިންގަލެއް އެޅިއެވެ. ނަތީޖާއެއްގެ ގޮތުން، އޭގެ އަށް އަހަރު ފަހުން ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ތަށި އެ ޤައުމުން އުފުލާލިއެވެ.

ޖަރުމަނުގެ ލޫކަސް ޕޮޑޮލްސްކީ އާއި މިރޯސްލާވް ކްލޯޒާ  ފޮޓޯ: ގެޓީއިމޭޖަސް

 

އާޖެންޓީނާ އަދި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ ގޯލު

2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފުން ހަނދާންތަކާ ގުޅިފައިވާ ޚާއްޞަ އެއް ވަގުތުކޮޅަކީ، ސާބިއާ އެންޑް މޮންޓެނީގްރޯއާ ދެކޮޅަށް އާޖެންޓީނާއިން ކާމިޔާބުކުރި ހިތްގައިމު ގޯލެވެ. އެއީ ދުނިޔޭގެ ސަމާލުކަން ހުއްޓުނު ފާހަގަކޮށްލެވޭ ގޯލެކެވެ.

މުޅި ޓީމުގެ ގާތްގަނޑަކަށް ހުރިހާ ކުޅުންތެރިން ބައިވެރިވެގެން ކުޅުނު ރީތި ޕާސްތަކަކަށްފަހު، އެސްޓެބަން ކެމްބިއާސޯ ގޯލަށް ފޮނުވާލި ބޯޅައަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ފުރިހަމަ އެއް ގޯލެވެ. އެ ގޯލުގެ އެންމެ ޚާއްޞަ ކަމަކީ އެ ގޯލު ޖެހުމުގައި މުޅި ޓީމުގެ ޝާމިލްވުން ފެނުމެވެ.

ތާރީޙީ ގޯލަށްފަހު ކެމްބިއާސޯ އުފާފާޅުކުރަނީ /  ފޮޓޯ: ގެޓީއިމޭޖަސް

ޓީމެއްގެ ގޮތުގައި ދެއްކި މޮޅު ކުޅުމަށްފަހު އެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރީ އާޖެންޓީނާއެވެ. ނަމަވެސް ކުއާޓާ ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޝޫޓްއައުޓްގައި ބަލިވުމުން އެ ޓީމަށް ޖެހުނީ ހިތްދަތި ގޮތަކަށް މުބާރާތާ ވަކިވާށެވެ.

 

ނުތަނަވަސްކަމުގެ ތެރެއިން އިޓަލީ ހޯދި ކާމިޔާބީ

އިޓަލީން ޖަރުމަނަށް ދަތުރުކުރީ އެ ޤައުމުގެ ފުޓްބޯޅައަށް އޮތް އިތުބާރު ކުޑަވެ، ނުތަނަވަސްކަމެއްގެ ތެރެއިންނެވެ. އެ ދުވަސްވަރު އިޓަލީގެ ފުޓްބޯޅަ އޮތީ "ކަލްޗިއޮޕޮލީ" އޭ ކިޔުނު ބޮޑު ކޮރަޕްޝަނުގެ މައްސަލައެއްގެ ތެރޭގައެވެ. މިއީ މެޗް ފިކްސިންނާއި، ކުލަބުތަކުން ހިންގާފައިވާ ނޭދެވޭ އަމަލުތަކެއް ފަޅާއެރުމާ ގުޅިގެން ކުރިމަތިވި ބޮޑު ހަމަނުޖެހުންގަނޑެކެވެ.

ޤައުމުގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ މި ހާސްކަމުގެ ތެރޭގައިވެސް، އިޓަލީގެ ޤައުމީ ޓީމުން ދެއްކީ މޮޅު ކުޅުމެކެވެ.

ކޯޗު މާސެލޯ ލިއްޕީގެ އިރުޝާދުގެ ދަށުން، އިޓަލީން ދައްކުވައިދިނީ އެއީ މޮޅަށް ޑިފެންސްކުރަން އެނގޭ އަދި އެޓޭކު ކުރުމުގައި ވެސް ކުޅަދާނަ ޓީމެއްކަމެވެ. ފަބިއޯ ކަނަވާރޯއަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ވަރުގަދަ ޑިފެންޑަރުކަން ސާބިތުކޮށްދިންއިރު، އެންޑްރިއާ ޕިރްލޯ ވަނީ ހިތްގައިމު މޮޅު ޓަޗުތަކުން މެޗުތައް ކޮންޓްރޯލްކޮށްފައެވެ. މުޅި މުބާރާތުގައިވެސް އިޓަލީ ކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ. އެއީ ބައިކޮޅަށް ވަން ގޯލަކާއި ޕެނަލްޓީއެކެވެ.

 

ގްރޯސޯގެ ތާރީޚީ ވަގުތުކޮޅު

ޖަރުމަނާއި އިޓަލީ ބައްދަލުކުރި ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ފަހު މިނެޓާ ހަމައަށް ދިޔައިރުވެސް ބެލެވުނީ މެޗުގެ ނަތީޖާ ނެރޭނީ ޕެނަލްޓީން ކަމަށެވެ.

ނަމަވެސް، 119 ވަނަ މިނެޓުގައި ފަބިއޯ ގްރޯސޯ ކާމިޔާބުކުރި ހިތްގައިމު ގޯލާއެކު މުޅި ޖަރުމަން ހައިރާންކޮށްލިއެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން އަލެސަންދްރޯ ޑެލް ޕިއޭރޯ ޖަހައިދިން ދެވަނަ ލަނޑާއެކު 2-0 އިން މެޗު ކާމިޔާބުކޮށް، އިޓަލީ ފައިނަލަށް ދަތުރުކުރިއެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް ވަގުތުކޮޅެވެ.

ގްރޯސޯގެ ގޯލަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީއިމޭޖަސް


ފައިނަލް މެޗު: ޝަރަފާއި ހިތްދަތި ނިމުން

ބާލިންގައި ކުޅެވުނު ފައިނަލް މެޗަކީ ޔޫރަޕުގެ ފުޓްބޯޅައިގެ ދެ ގަދަބާރު ބައްދަލުކުރި ފޯރިގަދަ ކުރިމަތިލުމެކެވެ.

މެޗުގެ ކުރީކޮޅު ފްރާންސަށް ކުރިހޯދައިދިނީ ޒައިނުއްދީން ޒިދާން ކާމިޔާބުކޮށްދިން "ޕެނަންކާ" އަކުންނެވެ. މި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ގޯލުގެ ރޮނގު ހުރަސްކުރިއިރު، އޭގެ މާގިނައިރުތަކެއް ނުވެ އިޓަލީގެ މާކޯ މަޓެރާޒީ ބޮލުން ޖަހައި ފޮނުވާލި ބާރު ހަމަލާއަކުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނުއިރުވެސް ދެ ޓީމު އެއްވަރުވެފައި އޮތް ނަމަވެސް، މުޅި ފުޓްބޯޅަ ދުނިޔެ ސިއްސުވާލި ހާދިސާއެއް އެ ވަގުތުގެ ތެރެއިން ފެނިގެންދިޔައެވެ.

އެއީ މަޓެރާޒީއާ ދެމެދު ހިނގި ބަހުގެ ހަމަލާތަކަކަށްފަހު، ކުއްލިއަކަށް ޒިދާން އެނބުރި މަޓެރާޒީގެ މޭގައި ބޮލުން ޖެހުމެވެ. މިއާއެކު ފްރާންސްގެ ކެޕްޓަނަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި ވަގުތަކީ، އޭނާގެ ސަޕޯޓަރުން ރޮއްވާލި ވަގުތުކޮޅެކެވެ. އަދި އެއީ ހިތްދަތި ގޮތަކަށް އޭނާގެ ފުޓްބޯޅަ ކެރިއަރު ނިމިގެންދިޔަ ވަގުތުކޮޅު ވެސް މެއެވެ.

ބަހުގެ ހަމަލާތަކަކުން އަސަރުކޮށް މަޓެރާޒީގެ މޭ މަތީގައި ބޮލުން ޖެހުން---


ދަނޑުން ފައިބައިގެން ދިޔައިރު ވޯލްޑް ކަޕް ތަށީގެ ކައިރިން ޒިދާން ހިނގާފައި ދިޔަ މަންޒަރު ނަގާފައިވާ ފޮޓޯއަކީ ފުޓްބޯޅައިގެ ތާރީޚުގައި ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ތާރީޚީ ފޮޓޯއަކަށް ވެގެންދިޔައެވެ.

 

ޕެނަލްޓީން އިޓަލީއަށް ކާމިޔާބީ

މެޗުގެ ނަތީޖާ އެންމެ ފަހުން ނެރުނީ ޕެނަލްޓީ ޝޫޓްއައުޓުންނެވެ.

އިޓަލީން ފޮނުވާލި ފަސް ޕެނަލްޓީވެސް ކާމިޔާބުކުރިއިރު، ފްރާންސްގެ ޑޭވިޑް ޓްރެޒެގޭ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ފަބިއޯ ގްރޯސޯ ކާމިޔާބުކުރި ފަހު ޕެނަލްޓީއާއެކު، އިޓަލީގެ ކުޅުންތެރިންނާއި ސަޕޯޓަރުން އުފާފާޅުކުރަން ފެށިއެވެ.

ެިޓަލީން ތަށި އުފުލާލުމަށް ތައްޔާރުވަނީ---


މިއީ ގިނަ ގޮންޖެހުންތަކާއި ހަލަބޮލި މާހައުލެއްގެ ތެރެއިން އިޓަލީން ހޯދި ބޮޑު ކާމިޔާބެވެ. ވޯލްޑް ކަޕް ތާރީޚުގައި ފެނުނު އެންމެ ވަރުގަދަ ޓީމުތަކާ ވާދަކޮށް، އެ ޤައުމުގެ ހަތަރުވަނަ ވޯލްޑް ކަޕް ތަށި ކާމިޔާބުކުރި ވަގުތު ކޮޅެވެ.

 

އެ ވޯލްޑް ކަޕުން ދޫކޮށްލީ ފުން ހަނދާންތަކެއް

2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއެކު ފުޓްބޯޅައިގެ އައު ތަރިންތަކެއް އުދަރެހަށް އަރައިގެން ދިޔައިރު، ހަނދާނުން ފޮހެލަން އުނދަގޫ ފޯރިގަދަ މެޗުތަކެއް ވެސް ފެނިގެންދިޔައެވެ. އަދި މުބާރާތް ހުޅުވި މެޗުން ފެށިގެން ގޮސް، ފައިނަލް މެޗުގެ ނަތީޖާ ކަނޑައެޅި ޕެނަލްޓީއާ ހަމައަށް ވެސް ފެނިގެންދިޔައީ އިހުސާސްތަކުން ފުރިގެންވީ އަސަރުގަދަ ދަތުރުތަކެކެވެ.

އިޓަލީއަށް މި ކާމިޔާބީއަކީ އެ ޤައުމުގެ ކުޅުންތެރިންގެ ކެތްތެރިކަމާއި، ގުޅިގެން ކުރި ބުރަ މަސައްކަތުގެ އިތުރުން، ޑިފެންސްލައިންގައި ދެއްކި މޮޅު ކުޅުމުގެ ފޮނި ނަތީޖާއެކެވެ. ޒިދާނަށް ބަލާއިރު، މިއީ އޭނާގެ ފާހަގަކޮށްލެވޭ ކެރިއަރު ނިންމާލި ފަޚުރުވެރި ވަގުތުކޮޅުގެ އިތުރުން، އިންސާނީ ބަލިކަށިކަން ވެސް ހާމަވެގެންދިޔަ ހިތާމަވެރި ހަނދާނެކެވެ.

ގާތްގަނޑަކަށް ވިހި އަހަރު ފަހުން މިއަދުވެސް، 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވުނު ވޯލްޑް ކަޕަކީ ފޯރިއާއި، ހައިރާންކުރުވަނިވި ކަންތައްތަކާއި، ހަނދާނުން ފޮހެލަން އުނދަގޫ ވަގުތުތަކުން ފުރިގެންވާ މުބާރާތެއްގެ ގޮތުގައި ދެމިއޮންނާނެއެވެ. އެއީ ފުޓްބޯޅައިގެ އެންމެ ބޮޑު މައިދާނުގައި، އެއްވެސް މީހަކަށް ކުރިން އަންދާޒާކުރަން ނޭނގޭ ފަދަ ތަފާތު ވާހަކައެއް ދުނިޔެއަށް ދޫކޮށްލި މުބާރާތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450