ރިޕޯޓް

1447 ވަނަ އަހަރުގެ ޙައްޖު: ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ އަދި އިންތިޒާމުތައް ވަރުގަދަ އަހަރެއް

1447 ވަނަ އަހަރުގެ ޙައްޖު: ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ އަދި އިންތިޒާމުތައް ވަރުގަދަ އަހަރެއް

1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރެއިން ފޮޓޯ: ޙައްޖު ކޯޕަރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖޫން 2026، 05:05

10 ޖޫން 2026، 05:05

1447 ވަނަ އަހަރުގެ ޙައްޖު މޫސުމަކީ ދިވެހިރާއްޖޭގެ ޙައްޖު އިންތިޒާމްތަކުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ އަދި އިންތިޒާމުތައް ވަރުގަދަ އަހަރެކެވެ. މި އަހަރުގެ ޙައްޖު އޮޕަރޭޝަނަކީ ދިވެހި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތައް ގުޅިގެން، ދިވެހި ޙައްޖުވެރިންނަށް އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ އެހެން ޤައުމުތަކާ، ޚާއްޞަކޮށް ސައުދީ އަރަބިއްޔާއާ އޮންނަ ގުޅުން ބަދަހިކުރުމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ނިންމައިލެވިފައި ވަނީ އެއްވެސް ދަތިކަމެއްނެތް، އަމާން އަދި ހިތްހަމަޖެހުން ބޮޑު މާޙައުލެއްގައެވެ.

ނުސުކް ކާޑު: ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް

ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ފުރާ ޙައްޖުވެރިންނަށް މިއަހަރަކީ ތަފާތު އަދި އުންމީދީ އަހަރެކެވެ. ސައުދީ ސަރުކާރުން ޙައްޖުވެރިންނަށް ދޫކުރާ ރަސްމީ "ނުސުކް ކާޑު"، އަމިއްލަ ޤައުމުގައި ތިބެގެން ބަހާ ހަމައެކަނި ޤައުމަކަށް ދިވެހިރާއްޖެ ވެގެންދިޔުމަކީ ދިވެހި ޙާއްޖީންނަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ލުއިފަސޭހައެކެވެ. މި އިންތިޒާމަކީ ދިވެހި ޙައްޖުވެރިން ޙައްޖަށް ފުރުމުގެ ކުރިން އެ ކާޑު ލިބޭނެ ގޮތް ހެދުމަށްޓަކައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިސްނަގައިގެން، ސައުދީ އެޖެންޓު "ރަވާފް މިނާ" މެދުވެރިކޮށް ހަމަޖެއްސިލް އިންތިޒާމެކެވެ. މި މަސައްކަތް އިފްތިތާޙު ކުރުމަށާއި، ނުސުކް ކާޑު ބެހުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ރަވާފް މިނާގެ ވައިސް ޕްރެސިޑެންޓް އިހްސާން ކަތިބު ރާއްޖެ ވަޑައިގެންނެވިއެވެ. ނުސުކް ނިޒާމަކީ ޤަވާއިދާ ޚިލާފަށް ޙައްޖުގެ އަޅުކަން އަދާކުރާ މީހުން މަދުކޮށް، ޙާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ ސަރުކާރުން ތައާރަފްކޮށްފައިވާ ޚާއްޞަ ޕްލެޓްފޯމެކެވެ. މި ކާޑަކީ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާއިރު ޙާޖީންގެ އަތުގައި އޮތުން މަޖުބޫރު ރަސްމީ ފާހަކަށްވާއިރު، ރާއްޖޭގައި ތިބެ މި ކާޑު ލިބުމަކީ ދިވެހި ޙައްޖުވެރިންނަށް ލިބުނު ބޮޑު ލުޔެކެވެ.

ވީއައިއޭގައި "މައްކާ ރޫޓް": ދަތުރުގެ ތަކުލީފުތަކަށް ނިމުމެއް

1447 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް ފުރާ ޙައްޖުވެރިންނަށް ލިބުނު އެންމެ ބޮޑު ލުއިފަސޭހައަކީ މިދިޔައަހަރެކޭ އެއްފަދައިން "މައްކާ ރޫޓް އިނިޝިއޭޓިވް" އެވެ. މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސައުދީ ޢަރަބިއްޔާގެ އޮޕަރޭޝަންސް މެނޭޖަރ ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު އިސްކޮށް ހުންނަވައިގެން 18 ބޭފުޅުންގެ ޚާއްސަ ޓީމެއް ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ބޭނުންވާ ސެޓަޕްތައް ގާއިމުކުރެއްވިއެވެ. މި އިނިޝިއޭޓިވްގެ ދަށުން، ސައުދީ އަރަބިއްޔާގެ އިމިގްރޭޝަން ކަންކަން ފުރިހަމަ ކުރެވުނީ ރާއްޖޭގެ އެއަރޕޯޓުންނެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއަރޕޯޓަށް ފައިބައިގެން އިމިގްރޭޝަން ކިއޫގައި މަޑުކުރަން ނުޖެހި، ސީދާ ބަހަށް އަރައިގެން ހޮޓަލަށް ދިއުމުގެ ފުރުސަތު ލިބުނެވެ. އަދި ޙައްޖުވެރިންގެ ފޮށިތައް ސައުދީ ޕޯސްޓުގެ "ސުބުލް އޮތޯރިޓީ" އިން ސީދާ އެމީހަކު ހުންނަ ހޮޓަލަކަށް ފޯރުކޮށްދިނުމަކީ ލަގެޖް ހޯދުމުގެ ތަކުލީފަށް ލިބުނު ދާއިމީ ހައްލެކެވެ.

ދަތުރުފަތުރާއި ޗެކިންގެ ހަރުދަނާ އިންތިޒާމްތައް

ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ފުރަން އޮންނަ ދުވަހުގެ ކުރިން ފޮށިތައް ނަގައި ދުރާލާ ޗެކިން ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ނިންމާލިއެވެ. އެއާޕޯޓަށް ދިއުމަށް ޚާއްސަ ބަސް ދަތުރުތައް ފްލައިޓު ފުރާ ގަޑީގެ 5 ގަޑިއިރު ކުރިން ބޭއްވުނެވެ. މިއަހަރު 1,000 ޙައްޖުވެރިން ސައުދީއަށް ގެންދިއުމަށް ޖުމްލަ 4 ފްލައިޓެއް ބޭނުންކުރިއެވެ. އެއީ ސައުދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ. ފުރަތަމަ ފްލައިޓުގައި އެކަނިވެސް 235 ޙައްޖުވެރިން ވަނީ ފުރާފައެވެ.

ހުރިހާ އިންތިޒާމެއްވެސް ވަރަށް ފުރިހަމަ، އެއްވެސް ގޮތަކަށް ބޭބެއަށް ކަންބޮޑުވާކަށް ނުޖެހުނު 

      ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ފަރާތެއް

ހޮޓަލުގެ އިންތިޒާމާއި މައްކާ ތެރޭގެ ދަތުރު ފަތުރު 

ފާއިތުވި އަހަރުތަކުގެ ތަޖުރިބާއަށް ބަލައި، މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ފުރާ ފަރާތްތަކަށް މައްކާގައި ހަމަޖެހިފައިވާ ހޮޓާތަކުގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނެސް، ހޮޓާތަކުގެ ހިދުމަތްތައް ކުރީ އަހަރަށްވުރެ ފުރިހަމަކުރެވުނެވެ. އެގޮތުން ހައްޖުވެރިންތިބޭ ހޮޓާ އާބާތުރަ ފިލުވުމުގެ  މަސައްކަތްތަކާއި، ފަރުނީޗަރުތައް އާކުރުމުގެ އިތުރުން، ކާޕެޓާއި މުށިތައް ބަދަލުކޮށް ހޮޓަލުގެ ފެންވަރު ވަނީ ރަނގަޅުކޮށްފައެވެ. ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މި އަހަރު ވަނީ އިތުރު ދޮންނަ މެޝިނު ވެސް ބަހައްޓައިފައެވެ.ޙައްޖުވެރިން ތިބޭ ހޮޓަލާ ޙަރަމްފުޅާ ދެމެދު ހިނގާފައި 15 ވަރަކަށް މިނެޓް ތެރޭގައި ދެވޭއިރު ޙަރަމްފުޅަށް ދިޔަ މަގުމަތީގައި މަގު ދެއްކުމަާއި، ހަރަމްފުލުން ހޮޓަލަށް އަންނަންވީ ގޮތުގެ މަޢުލޫމާތުވެސް ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ވަނީ ޙައްޖާޖީންނާ ހިއްސާކޮށްފައެވެ.

މިފަހަރު އިތުރު ދޮންނަ މެޝިންތައް ވަނީ އިތުކޮށްފައި. އަދި ބަގީގެ ޚިދުމަތް ފުޅާކޮށް، މިހާރު 6 ބަގީ ބޭނުންކުރާނެ ޙަރަމާއި ހޮޓަލާ ދެމެދު ޙާޖީން ދަތުރުކުރުމަށް

      ޙައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް 

ޙައްޖުވެރިން ހޮޓަލަށް ދިޔައީ ސަޢުދީޢަރަބިއްޔާގެ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ ބަސްތަކެއްގައެވެ. ޙައްޖުވެރިން ހޮޓަލަށް ދިއުމުން ރަތް ދޫލައިގެ މަރުޙަބާއެއް ދިވެހި ޙައްޖު މިޝަނުގެ ފަރާތުން ކިޔާފައިވެއެވެ. އެއަށްފަހު ޙައްޖުވެރިންގެ ޝަރަފުގައި ރޭގަނޑުގެ ކެއުން ކުރިއަަށް ގެނދިޔައެވެ. ރޭގަނޑުގެ ކެއުމަށް ތައްޔާރުކޮށްފައިވަނީ ދިވެހި ރަހަތައް އެކުލެވޭ ކެއުމެވެ.

މުއައްސަސާތަކުގެ ދައުރާއި ގުޅިފައިވާ މަސައްކަތްތައް

މި އަހަރުގެ ޙައްޖު އޮޕަރޭޝަންގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ އިތުރުން ދިވެހި ޙައްޖު މިޝަނެވެ. ޙައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން 1,000 އަށްވުރެ ގިނަ ޙައްޖުވެރިންގެ ކަންކަން އިންތިޒާމު ކުރެވުނުއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ސީދާ އިރުޝާދުގެ ދަށުން ހުރިހާ އިންތިޒާމުތަކެއް ކުރިއަށްދިޔައީ ނުހަނު ރޭވުންތެރިކަމާ އެކުގައެވެ.

ދިވެހި ޙައްޖު މިޝަނުން ސައުދީ އަރަބިއްޔާގައި ތިބެގެން ޙައްޖުވެރިންގެ ބޭނުންތަކާއި، ކެއިންބުއިމުގެ އިތުރުން ޞިއްޙީ ކަންކަން ވަރަށް ގާތުން އައީ ބަލަހައްޓަމުންނެވެ. ވަކިން ޚާއްޞަކޮށް، މިނާ އާއި ޢަރަފާތުގައި ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސައުދީގެ "ރަވާފް މީނާ" ކުންފުންޏާއެކު ގާއިމުކުރެވުނު  އެއްބަސްވުމަކީ  ހޯދުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގައި ސައުދީ އަރަބިއްޔާގެ ލީޑަޝިޕާއި، ސަރުކާރުން އަދި ރައްޔިތުން ކުރައްވާ ބުރަ މަސައްކަތަކީ ނަމޫނާ މަސައްކަތްތަކެކެވެ. އެ ގައުމުން ފޯރުކޮށްދޭ ފެންވަރުގަދަ ވަސީލަތްތަކާއި، ފުރިހަމަ އިންތިޒާމުތަކުގެ ސަބަބުން ޙައްޖުވެރިންނަށް އަޅުކަމުގެ ކަންކަން ފުރިހަމަކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދެއެވެ.

މީގެ އިތުރުން، 1447 ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ބައިވެރިވާ ދިވެހި ޙައްޖުވެރިންނަށް "މައްކާ ރޫޓް އިނިޝިއޭޓިވް" މެދުވެރިކޮށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި، ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގެންނެވިއެވެ. މިފަދުގެ އެންމެ އިސް އޮފިޝަލް، އޮޕަރޭޝަންސް މެނޭޖަރު ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު ގެ އިތުރުން އިތުރު 18 ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

ހީވެސް ނުކުރާހާ ލުއިކޮށް އިރާދަކުރެއްވިއްޔާ މިފަހަރު އަޅުކަން ނިންމާލެވިއްޖެ، އިންތިޒާމުތައް ވަރަށް ވަރަށް ފުރިހަމަ، ވަރަށް ބޮޑަށް ޝުކުރު އަދާކުރުން މިހާ ރަނގަޅަށް މިކަން ހަމަޖެއްސުމުގައި ބުރަކޮށް އުޅުއްވި ހުރިޙާ ބޭފުޅުންނަށް

     ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ފަރާތެއް

މިނާ އާއި ޢަރަފާތުގައި ގެނެވުނު އިންގިލާބީ ބަދަލުތައް

ދިވެހި ޙައްޖުވެރިން، ޙައްޖުގެ މަޝާޢިރުތަކުގައި ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ރައީސްގެ ލަފާފުޅާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރަކީ ދިވެހި ޙައްޖުވެރިންނަށް މިނާއާއި ޢަރަފާތުގައި މީގެ ކުރިން ނުލިބޭ ފަދަ ފުރިހަމަ ޚިދުމަތްތަކެއް ލިބިގެންދިޔަ އަހަރެކެވެ. މި އަހަރުގެ ޙައްޖުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޙައްޖުގެ އެންމެ އުނދަގޫ ދުވަސްތައް ހޭދަކުރާ މިނާ އާއި ޢަރަފާތުގެ ފެންވަރު މަތިކުރުމަށެވެ.

މިނާގައި ދިވެހިން ތިބޭ ސަރަހައްދުގެ ކެޓަގަރީ މަތިކޮށް، ދިވެހިންނަށް ޚާއްސަ 60 އަށްވުރެ ގިނަ އައު ފާޚާނާ (ކުރިއަށްވުރެ 5 ގުނަ އިތުރު) ވަނީ އިމާރާތްކޮށްފައެވެ.މިނާގެ ފޭލިގެތަކުގައި ކޮންމެ ޙާޖީއަކަށް ސޯފާ ބެޑަކާއި ބާލިސް އަދި ބެޑްޝީޓް ހުރި އިރު، ހުރިހާ ޓެންޓްތަކެއް ހުރީ އޭސީކޮށްފައެވެ. އަދި ކޮންމެ މީހަކަށް މުސައްލަ، ކުޑަ، ފެންފުޅި، އަދި ރީތިވާ ސާމާނު ހިމެނޭ ޕެކޭޖެއް ދެވުނެވެ. ކެއިންބުއިމަށް ޚާއްސަ ބުފޭ ސަރަޙައްދުތައް ވަކިން ހުރި އިރު، ހިލޭ ފިނި ބުއިންތައް ލިބޭނެ ފްރިޖްތައްވެސް ބެހެއްޓިފައި ހުއްޓެވެ. ޢަރަފާތު ބިމުގައި ދިވެހިން ތިބޭ ސަރަޙައްދު ވަށައިގެން ފެންސް ޖަހައި، ހަމައެކަނި ދިވެހިންނަށް ވަދެވޭގޮތަށް ޚާއްޞަކުރުމަކީ ޙާޖީންނަށް ލިބުނު ބޮޑު އަމާންކަމެކެވެ.

މިނާގެ ފާހަނާތައް މަދުވުމުގެ ޝަކުވާ މިދިޔަ ފަހަރު ލިބުނު. އެކަމަށް ރިޢާޔަތްކޮށް ސަޢުދީ ސަރުކާރުގެ ކަމާގުޅޭ މުވައްސަސާތަކާއެކު މަޝްވަރާކޮށް، އަޅުގަނޑުމެން އެދުނު ގޮތަށް ފާހަނައިގެ އަދަދު 4 ނުވަތަ 5 ގުނަ އިތުރުކޮށްފަވަނީ.

      ޙައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް 

އަމީރުލް ޙައްޖުގެ ދައުރާއި ޞިއްޙީ އެހީތެރިކަން

މިއަހަރުގެ އަމީރުލް ޙައްޖު، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވަކިވަކިން ޙާޖީންނާ ބައްދަލުކުރައްވައި ޙާލު އޮޅުންފިލުއްވާފައެވެ. ވަޒީރު ވަނީ ހޮޓަލުގެ އިންތިޒާމްތަކާއި، ސިއްޙީ ޚިދުމަތްތައް ރޭވިފައިވާ ގޮތާއި މެޑިކަލް ޓީމުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.ޞިއްޙީ ގޮތުން ފާހަގަކޮށްލެވުނު އެންމެ އިންސާނީ ޢަމަލަކީ، މީނާގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ބަލި މީހަކު، ޙައްޖު މިޝަނުގެ އެހީތެރިކަމާއެކު ޢަރަފާތަށް ގެންގޮސް ޙައްޖުގެ މުހިންމު ރުކުން ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުވައްޒަފުން ވަނީ ނަމޫނާ ދައްކާފައެވެ.

ޢަރަފާތް ދުވަހުގެ ޚުޠުބާ: އުއްމަތަށް ދިން މެސެޖު
މިއަހަރުގެ ޙައްޖު ޚުޠުބާ ދެއްވީ މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް އަލީ ބިން އަބްދުލްރަޙްމާން އަލް-ޙުޛައިފީއެވެ. ދުނިޔޭގެ 35 ބަހަކުން ތަރުޖަމާކުރެވުނު މި ޚުޠުބާގައި، މާތް ﷲއަށް ތަޤުވާވެރިވުމަށާއި، އިސްލާމްދީނުގެ ތައުޙީދުގެ މަތީގައި ސާބިތުވެ ތިބުމަށް ގޮވާލެއްވިއެވެ. އަދި ކެތްތެރިކަން އިސްކުރުމަށާއި، އަނިޔާ ލިބެމުންދާ މުސްލިމުންނަށް ނަޞްރު ދެއްވުން އެދި ދުޢާކުރެއްވިއެވެ. ދިވެހިން ތިބި ފޭލިގެތަކުގައި ޙުތުބާ ވިދާޅުވެދެއްވީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިންއެވެ.

ސައުދީ ސަރުކާރުގެ އެއްބާރުލުމާއި ޚާއްޞަ ފުރުޞަތުތައް

ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިސްނެންގެވުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 10 ބޭފުޅަކަށް ސައުދީ ސަރުކާރުގެ ޚަރަދުގައި ޙައްޖުގެ ފުރުޞަތު ލިބުނެވެ. އެ ބޭފުޅުން ތިބި "ހޮލިޑޭ އިން" ހޮޓަލުގައި 24 ގަޑިއިރު ބަހުގެ ޚިދުމަތާއި، މެޑިކަލް ޓީމުގެ ޚިދުމަތް ވަނީ ހަމަޖައްސާފައެވެ.ޙައްޖުގެ އަޅުކަމަށްފަހު އެނބުރި އަންނަ ޙައްޖުވެރިންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްޞަ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ޙައްޖުގެ އަޅުކަން ނިންމާފައި އަންނަ ފަރާތްތަކަށް ޙާއްސަ ފުލޫ ކްލިނިކެއް

ޙައްޖުގެ އަޅުކަން ނިންމާފައި އަންނަ ފަރާތްތަކުގެ ޞިއްޙަތަށް އިސްކަންދީގެން، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްޞަ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހުޅުމާލޭގައި ފުލޫ ކްލިނިކެއް ގާއިމުކޮށްފައިވާއިރު، އައިޖީއެމްއެޗްގެ އީއާރުގައި ޙައްޖުވެރިންނަށް ކިއޫގައި މަޑުކުރަން ނުޖެހި އަވަހަށް ޑޮކްޓަރަށް ދެއްކޭނެ "ފާސްޓް ޓްރެކް" ނިޒާމެއް ވަނީ އެކުލަވާލާފައެވެ.

1447 ވަނަ އަހަރުގެ ޙައްޖު އޮޕަރޭޝަނަކީ  ދިވެހި މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި ގުޅުމާއި، ކުރިއާލާ ރޭވުނު ހަރުދަނާ މަސައްކަތްތަކުގެ ފޮނި ނަތީޖާއެވެ. އިސްލާމިކް މިނިސްޓްރީ، ޙައްޖު ކޯޕަރޭޝަން އަދި ޙައްޖު މިޝަނުން ދެއްކި ހިތްވަރާއި، ސައުދީ ސަރުކާރުން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުން، މިއީ މިހާތަނަށް ދިވެހި ޙައްޖުވެރިންނަށް އެންމެ ފުރިހަމަ އަދި އެންމެ ފެންވަރު މަތީ ޚިދުމަތްތަކެއް ފޯރުކޮށްދެވުނު އެއް އަހަރެވެ.މިއީ ކުރިއަށް އޮތް އަހަރުތަކަށް ނަމޫނާއަކަށް ވެގެންދާނެ ފުރިހަމަ އޮޕަރޭޝަނެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ އެހެން ޤައުމުތަކާ، ޚާއްޞަކޮށް ސައުދީ އަރަބިއްޔާއާ އޮންނަ ގުޅުން ބަދަހިކުރުމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން، "މައްކާ ރޫޓް" ފަދަ ތާރީޚީ ލުއިފަސޭހަތައް ދިވެހި ޙައްޖުވެރިންނަށް ވަނީ ހޯދައިދީފައެވެ. މިއީ ރާއްޖޭގެ ޙައްޖުވެރިންގެ ފަސޭހައަށްޓަކައި އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. ޖުމްލަކޮށް ބަލާއިރު، 1447 ވަނަ އަހަރުގެ ޙައްޖު މޫސުމަކީ އިންތިޒާމްތަކުގެ ފުރިހަމަކަމާއި، ޚިދުމަތްތަކުގެ އަވަސްކަމާއި، އަދި ޙައްޖުވެރިންގެ ހިތްހަމަޖެހުމަށް ބަލާއިރު ނަމޫނާ އަހަރެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450