ކުޅިވަރު

ބްރެޒިލް 2014: ޖަރުމަނުން ކާމިޔާބީއަށް ކުރި ދަތުރުގައި ފުޓުބޯޅައިގެ ދުނިޔެއަށް ސިހުން ގެނުވި

ބްރެޒިލް 2014: ޖަރުމަނުން ކާމިޔާބީއަށް ކުރި ދަތުރުގައި ފުޓުބޯޅައިގެ ދުނިޔެއަށް ސިހުން ގެނުވި

ޖަރުމަނުން ވޯލްޑް ކަޕް ކާމިޔާބުކުރުން---

11 ޖޫން 2026، 08:00

2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ ބްރެޒިލްގެ ފުޓްބޯޅައިގެ ފޯރިގަދަ އީދަކަށް ވާނެ ކަމަށް މުޅި ދުނިޔެ އުންމީދު ކުރިއެވެ. ފުޓްބޯޅައިގެ ރޫހާ އެންމެ ބޮޑަށް ގުޅިފައިވާ ޤައުމުގައި ބޭއްވުނު މި މުބާރާތުގެ ތެރެއިން ފެނިގެންދިޔައީ ވޯލްޑް ކަޕްގެ ތާރީޚުން ފާހަގަކޮށްލެވޭ ކުލަގަދަ އަދި ހައިރާންކުރުވަނިވި ހާދިސާތަކެވެ.

ހިތްގައިމު ގޯލުތަކާއި، ހީނުކުރާ ފަދަ ނަތީޖާތަކުގެ އިތުރުން، ކުޅުންތެރިންގެ މޮޅު ހުނަރާއި ކުޅިވަރުގެ ތާރީޚު ދެކުނު އެންމެ ބޮޑު ސިހުން ގެނުވި ވަގުތުތަކާ އެކު، ބްރެޒިލް 2014 ވެގެންދިޔައީ ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެން ނުދާނެ ފަދަ ފުރިހަމަ މުބާރާތަކަށެވެ.

1950 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އަމިއްލަ ފަސްގަނޑުގައި އުރުގުއޭ އަތުން ބަލިވިފަހުން އެ ޤައުމުގައި ވޯލްޑް ކަޕެއް ބޭއްވުނީ އޭގެ 64 އަހަރު ފަހުން 2014 ގައެވެ. ބްރެޒިލްގެ އުންމީދަކީ ގިނަ އަހަރުތަކެއް ކުރިން ލިބުނު އެ ހިތްދަތި ހަނދާންތައް ފޮހެލައި، އަމިއްލަ ޤައުމުގައި ތަށި އުފުލާލުމެވެ.

އެ ދުވަސްވަރު މުޅި ބްރެޒިލް އޮތީ ފޯރިން ގުގުމާލާފައެވެ. ރިއޯ ޑި ޖެނީރޯއިން ފެށިގެން ސައޮ ޕައުލޯއާ ހަމައަށް، ކޮންމެ މަގަކުންނާއި، ކޮންމެ ޓީވީ ސްކްރީނަކުން އަދި ކޮންމެ ދެބަހެއްގެ ދޭތެރެއަކުން ފެނިގެންދިޔައީ ފުޓްބޯޅައިގެ ފޯރިއެވެ. ތާރީޚީ ކުޅިވަރުގެ މާހައުލަކަށް މުޅި ޤައުމު އޮތީ ތައްޔާރުވެފައެވެ.

ވޯލްޑް ކަޕެއްގައި އެންމެ ގިނަ ގޯލު ޖެހި މުބާރާތް

މީގެ ކުރީގެ ވޯލްޑް ކަޕްތަކާ ޚިލާފަށް، 2014 ވަނަ އަހަރުގެ މުބާރާތުން ފެނިގެންދިޔައީ ވަރަށް ބޮޑަށް އެޓޭކިން ކުޅުމެކެވެ. މުޅި މުބާރާތުގައި ޖުމްލަ 171 ގޯލު ޖަހާފައިވާއިރު، މިއީ އެ މުބާރާތުގެ ރެކޯޑު އަދަދެކެވެ.

މުބާރާތުގެ ފެށުމުން ފެށިގެން ސަޕޯޓަރުންނަށް ފެނިގެންދިޔައީ ހައިރާންކުރުވަނިވި މެޗުތަކެކެވެ. އެގޮތުން 2010 ވަނަ އަހަރުގެ ފައިނަލުގައި ލިބުނު ނާކާމިޔާބީގެ ބަދަލު ހިފުމުގެ ގޮތުން، ނެދަލޭންޑްސްއިން ވަނީ އޭރުގެ ޗެމްޕިއަން ސްޕެއިން 5-1 ގެ ބޮޑު ތަފާތަކުން ބަލިކޮށް ދުނިޔެ ސިއްސުވާލާފައެވެ. އަދި ރޮބިން ވެން ޕާސީ އުދުހިލާފައި ބޮލުން ފޮނުވާލި ހިތްގައިމު ގޯލު ވެގެންދިޔައީ އެ މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަންޒަރަށެވެ.

ރޮބިން ވެން ޕާސީ މައްޗަށް ފުއްމާލުމަށްފަހު ބޮލުން ބޯޅައިގައި ޖަހަނީ / ފޮޓޯ: އޭޕީ 

މީގެ އިތުރުން، ކޮސްޓަރިކާއިން ދެއްކި ކުޅުން ވެގެންދިޔައީ އެންމެން ހައިރާންކޮށްލި ކަމަކަށެވެ. އުރުގުއޭ، އިޓަލީ އަދި އިންގްލެންޑް ފަދަ ވަރުގަދަ ޓީމުތައް ހިމެނުނު ގްރޫޕުގެ އެއްވަނަ ހޯދައި، އެ ޓީމު ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. މިއީ މުބާރާތުގެ ވަރުގަދަ ޓީމުތަކަށް ކުޑަ ޓީމުތަކުން ދިން ވަރުގަދަ އިންޒާރެކެވެ.

ޖޭމްސް ރޮޑްރިގޭޒް: ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް

އެ މުބާރާތުން އެންމެ ބޮޑަށް ވިދާލި އެއް ކުޅުންތެރިއަކީ ކޮލަމްބިއާގެ މެދުތެރެއަށް ކުޅޭ ހުނަރުވެރި ކުޅުންތެރިޔާ ޖޭމްސް ރޮޑްރިގޭޒްއެވެ. މި ޒުވާން ކުޅުންތެރިޔާ ވަނީ މުބާރާތުގައި ހަ ގޯލު ޖަހައި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށްދޭ ރަން ބޫޓު ހާސިލްކޮށްފައެވެ. އަދި އޭނާގެ މޮޅު ކުޅުމާއެކު ކޮލަމްބިއާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެ ޤައުމު ހޯދި އެންމެ ބޮޑު ކާމިޔާބީއާ ހަމައަށް ގެންގޮސްދީފައެވެ.

އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ޖޭމްސް ރޮޑްރިގޭޒް ބޯޅަ ގޯލަށް ފޮނުވާލަނީ / ފޮޓޯ: ގެޓީ އިމޭޖަސް

ވަކިން ޚާއްސަކޮށް، ގަދަ 16 ގެ ބުރުގައި އުރުގުއާއީއާ ދެކޮޅަށް އޭނާ ކާމިޔާބުކުރި ގޯލަކީ ވޯލްޑް ކަޕް ތާރީޚުގައި ފެނިގެންދިޔަ އެންމެ މޮޅު އެއް ގޯލުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ދުނިޔޭގެ މަޝްހޫރު އެތައް ތަރިންނެއް ފެނިގެންދިޔަ އެ މުބާރާތުގައި، ޖޭމްސް ވަނީ އޭނާއަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ.

ޖަރުމަނުން ބްރެޒިލްއަށް ގެންދިޔައީ ތަފާތު މޮޅު ޓީމެއް 

ޖަރުމަނު ވިލާތުން އެ މުބާރާތާ ކުރިމަތިލީ ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރު ވަންދެން ވަރަށް ބޮޑަށް ރާވައިގެން ބިނާކޮށްފައިވާ ވަރުގަދަ ޓީމަކާއެކުގައެވެ. ކީޕަރު މެނުއަލް ނޯޔާ ވަނީ އޭނާގެ ތަފާތު "ސްވީޕިންގ" ސްޓައިލާއެކު ގޯލްކީޕަރެއްގެ ދައުރު މުޅިން އާ ހަރުފަތަކަށް ގެންގޮސްދީފައެވެ. ފިލިޕް ލާމްގެ ކެޕްޓަންކަމުގެ ދަށުން، ޓޯނީ ކްރޫޒް، ތޯމަސް މުލާ، މެސުޓް އޮޒިލް އަދި ބަސްޓިއަން ޝްވައިންސްޓައިގާ ފަދަ ކުޅުންތެރިން ވެގެންދިޔައީ އެ ޓީމުގެ މައިބަދައަށެވެ. އެ ކުޅުންތެރިން ވަނީ ޓީމަށް ފަންނީ ހުނަރާއި ހަލުވިކަމެއް މުޅި ޓީމަށް ގެނެސްދީފައެވެ.

މުބާރާތުގެ ނޮކްއައުޓް ބުރުތައް ކުރިއަށްދިޔަ ވަރަކަށް، ޖަރުމަނަކީ ހުއްޓުވޭނެ ބައެއް ނޫންކަން ދިޔައީ ހާމަވަމުންނެވެ. ނަމަވެސް، ބެލޯ ހޮރިޒޮންޓޭގައި ހިނގާން އުޅޭ ކަންތައްތަކަކީ އެއްވެސް މީހަކަށް އޭރު އަންދާޒާވެސް ކޮށްލަން ނޭނގޭ ފަދަ ހައިރާންކުރުވަނިވި ކަންތައްތަކެކެވެ.

ފުޓުބޯޅައިގެ ތާރީޚު ބަދަލުކޮށްލި ރޭ

2014 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހަކީ ފުޓުބޯޅައިގެ ދުނިޔެ ސިއްސުވާލި ދުވަހެކެވެ. އެއީ ވޯލްޑް ކަޕް ސެމީ ފައިނަލްގައި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ބްރެޒިލް އާއި ޖަރުމަނުވިލާތް ބައްދަލުކުރި ތާރީޚީ މެޗު ކުޅެވުނު ރެއެވެ.

މެޗަށް ނިކުތްއިރުވެސް ބްރެޒިލް އޮތީ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެ ޤައުމުގެ ތަރި ނޭމާ އަށް ލިބުނު އަނިޔާ އާއި ކެޕްޓަން ތިއާގޯ ސިލްވާ ސަސްޕެންޝަނުގައި ހުރުމުގެ ސަބަބުން ޓީމަށް އޮތީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. އެހެންނަމަވެސް، އެރޭ ކުރިމަތިލާންޖެހޭނެ ބޮޑު ނާކާމިޔާބީގެ މިންވަރު އެކަކުގެ ހިތަށްވެސް އަރުވާލަން ނޭނގޭހާ ބޮޑެވެ.

މެޗު ފެށިގެން ފުރަތަމަ 29 މިނެޓުގެ ތެރޭގައި ޖަރުމަނުން ފުލުފުލުގައި ފަސް ލަނޑު ޖަހައި ބްރެޒިލް ސިއްސުވާލިއެވެ.

ޖަރުމަނުގެ ހަލުވި އަދި ތަރުތީބު ކުޅުމުގެ ކުރިމަތީގައި ބްރެޒިލްގެ ދިފާއީލައިން މުޅިން ރޫޅިގެން ދިޔައެވެ. ފުރަތަމަ ހާފު ނިމުނުއިރު 5-0 އިން ޖަރުމަނު ކުރީގައި އޮތްއިރު، މެޗު ނިމިގެންދިޔައީ 7-1 ގެ ހައިރާންކުރުވަނި ނަތީޖާއަކުންނެވެ.

ބޮޑު ބައްޔަށްފަހު ބްރެޒިލްގެ ޑޭވިޑް ލުއިޒް ހިތާމަ ކުރަނީ / ފޮޓޯ: ރޮއިޓާސް

މި ނަތީޖާއަކީ މުޅި ފުޓުބޯޅަ ދުނިޔެއަށް ލިބުނު ބޮޑު ސިހުމެކެވެ. މިނޭރާއޯ ސްޓޭޑިއަމްގައި ތިބި ބްރެޒިލްގެ ސަޕޯޓަރުން ކަރުނައަޅަމުން ދިޔައިރު، މުޅި ދުނިޔޭގެ ޓީވީ ބެލުންތެރިން ތިބީ ޤަބޫލުކުރަން ދަތި ހާލަތެއްގައެވެ. މިއީ ބްރެޒިލްގެ ވޯލްޑް ކަޕް ތާރީޚުގައި އެ ޤައުމު ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މި މެޗަކީ ފުޓުބޯޅައިގެ ތާރީޚުގައި މިހާތަނަށް ކުޅެވުނު އެންމެ މަޝްހޫރު އެއް މެޗަށް ވެގެންދިޔައެވެ. އަދި ގިނަ ބައެއްގެ ނަޒަރުގައި މިއީ ފުޓުބޯޅައިގެ ތާރީޚު ދުށް އެންމެ ހައިރާންކުރުވަނިވި ނަތީޖާއެވެ.

އާޖެންޓީނާ ފައިނަލަށް ދަތުރުކުރި ގޮތް

މުބާރާތުގެ އެއް ފަޅިން ޖަރުމަނު ބޮޑު ކުރިއެރުމެއް ހޯދަމުން ދިޔައިރު، އާޖެންޓީނާ ފައިނަލާ ހަމައަށް ދަތުރުކުރީ މާ ބޮޑު ގަދަބަހެއް ނެތި، ނަތީޖާ ނެރެމުންނެވެ. އެ ޓީމުގެ އުއްމީދުތަކާއި ގުޅިފައި ހުރ، ކާމިޔާބު ކެރިއަރުގައި މަދުވާ ހަމައެކަނި ޝަރަފުވެރި ތަށި ހޯދުމުގެ އަޒުމުގައި ނުކުތް ލިއޮނަލް މެސީއެވެ. ސްވިޒަލޭންޑާއި، ބެލްޖިއަމް އަދި ނެދަލޭންޑްސްގެ މައްޗަށް ކުރިހޯދައި، އެ ޓީމު ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއެވެ. މިއީ 1990 ވަނަ އަހަރަށްފަހު، ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ ތަށި ހޯދުމަށް އާޖެންޓީނާއަށް ލިބުނު ފުރަތަމަ ފުރުސަތެވެ.

ފައިނަލް މެޗު: ޖަރުމަނާއި އާޖެންޓީނާ

މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް މެޗުގައި ބައްދަލުކުރީ ފުޓްބޯޅައިގެ އެންމެ ބޮޑު ދެ ވާދަވެރިންނެވެ. އާޖެންޓީނާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މީގެ ތެރޭގައި ގޮންޒާލޯ ހިގުއައިންއަށް ލިބުނު ރަން ފުރުސަތު ފާހަގަކޮށްލެވެއެވެ. ނަމަވެސް، ޖަރުމަނުން ދިޔައީ މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދައި ބޯޅަ ހިފަހައްޓައިގެން ކުޅެމުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުން ކުރިއަށް ދިޔައިރު، މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހިދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް، މެޗުގެ ނަތީޖާ ބަދަލުކޮށްލި ވަގުތުކޮޅު އައިސް ޖެހުނެވެ. މެޗުގެ 113 ވަނަ މިނެޓުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަންދްރޭ ޝާލާ ނެގި ހުރަހެއް، މާރިއޯ ގޮޓްޒޭ މޭމަތިން ކޮންޓްރޯލް ކުރުމަށްފަހު، ސާޖިއޯ ރޮމޭރޯއަށް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ.

ފައިނަލުން މޮޅުވި ގޯލު މާރިއޯ ގޮޓްޒޭ ކާމިޔާބުކުރަނީ---

އެއީ ވޯލްޑް ކަޕެއް ކާމިޔާބު ކުރުމަށް ހައްގު ފަދަ ހިތްގައިމު ގޯލެކެވެ. ޖަރުމަނުން މި ނަތީޖާ ހިފަހައްޓައި، 1-0 އިން މެޗު ކާމިޔާބުކުރިއެވެ. މިއާއެކު ޖަރުމަނު ވެގެންދިޔައީ ދެކުނު އެމެރިކާގެ ބިމެއްގައި ވޯލްޑް ކަޕް ކާމިޔާބުކުރި ޔޫރަޕްގެ ފުރަތަމަ ޤައުމަށެވެ.

ޖަރުމަނުވިލާތް ފުޓްބޯޅައިގެ އެންމެ އުހަށް

މި ކާމިޔާބީއަކީ 2000 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި ޖަރުމަނަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، އެ ޤައުމުގެ ފުޓްބޯޅަ އަލުން ބިނާކުރުމަށް ފެށި ދިހަ އަހަރުވީ ދިގު މަޝްރޫއުގެ ފޮނި މޭވާއަށެވެ.

ޖަރުމަނުގެ މި ކާމިޔާބީ ބިނާވެފައިވަނީ ވަކި ސުޕަސްޓާރެއްގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި މިއީ ޒުވާން ކުޅުންތެރިންނާއި، ތަޖުރިބާކާރުންގެ ހުނަރާއި، ރޭވުންތެރިކަމުގެ އިތުރުން ފަންނީ މޮޅުކަން އެކުލެވިގެން ނެރުނު ވަރުގަދަ ޓީމުވޯކެއްގެ ނަތީޖާއެވެ.

މި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ ލަގަބު ނުވަތަ "ގޯލްޑަން ގްލޯވް" މެނުއަލް ނޯޔާ ހޯދިއިރު، ޖަރުމަނުގެ މި ކާމިޔާބީއަކީ މި ފަހުގެ ތާރީޚެއްގައި ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުތަކުގެ ތެރެއިން އެންމެ ހައްގު ކާމިޔާބީގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވެއެވެ.

2014 ވަނަ އަހަރުގެ ބްރެޒިލް ވޯލްޑް ކަޕްގެ ހަނދާންތައް

2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ ހުރިހާ ފޯރިއެއް ފެނިގެންދިޔަ މުބާރާތެކެވެ. ގިނަ ގޯލްތަކާއި، ހިތްދަތި ކަމާއި، ކާމިޔާބީގެ އުފަލާއި، އަދި ދުވަހަކުވެސް ހަނދާނުން ފޮހެލަން ދަތި މަންޒަރުތައް މި މުބާރާތުން ފެނުނެވެ.

މި މުބާރާތުގެ ތެރެއިން ޖޭމްސް ރޮޑްރިގޭޒް ފަދަ އުންމީދީ ތަރިން ދުނިޔެއަށް ތައާރަފުވެގެންދިޔައިރު، ޖަރުމަނު ޓީމުގެ އެންމެ ވަރުގަދަ ކުޅުން ވެސް ފެނިގެންދިޔައެވެ. އަދި މިއީ މި ޒަމާނުގައި ފެނުނު އެންމެ ފޯރިގަދަ ފައިނަލްތަކުގެ ތެރެއިން އެއް ފައިނަލެވެ.

އެހެންނަމަވެސް، 2014 ގެ ވޯލްޑް ކަޕް އެންމެ ބޮޑަށް ފާހަގަވެގެންދާނީ ބެލޯ ހޮރިޒޯންޓޭގައި ކުޅެވުނު އާދަޔާޚިލާފު މެޗުންނެވެ. އެއީ މުޅި ދުނިޔެ ހައިރާންކޮށްލުމަށްފަހު 7-1 ގެ ބޮޑު ތަފާތަކުން ޖަރުމަނުން ބްރެޒިލް ބަލިކުރި ތާރީޚީ ރެއެވެ.

އެއީ ފުޓްބޯޅައިގެ ދުނިޔެ ހައިރާންކަމެއްގެ ތެރޭގައި ހުއްޓުމަކަށް އައި ރެއެކެވެ. އަދި އެއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް އަބަދުގެ އަބަދަށް މީހުންގެ ހަނދާނުގައި ބަހައްޓައިދިން އެންމެ މުހިންމު ސަބަބުވެސްމެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450