ކުޅިވަރު
އެމެރިކާއިން ބުނީ ރެފްރީއަށް ހުއްދަ ނުދިނީ ޓެރަރިސްޓުންނާ ގުޅުން އޮތުމުންކަމަށް
ެެއެމެރިކާއަށް އެތެރެނުކުރި އޮމަރު އާރޓަން---
ވޯލްޑް ކަޕުގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ސޮމާލިއާއިން ފުރަތަމަ ފުރުސަތު ލިބުނު އޮމަރު އާރޓަންއަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދީ އޭނާ އަނބުރާ ފޮނުވާލީ އޭނާއަކީ ޓެރަރިސްޓުންނާ ގުޅުން އޮންނަ ފަރާތެއްކަމަށް ތުހުމަތު ކުރެވޭތީކަމަށް އެމެރިކާއިން ބުނެފިއެވެ.
އެފްރިކާއިން ހޮވާ އެންމެ މޮޅު ރެފްރީގެ މަޤާމު 2025ވަނަ އަހަރު ލިބުނު އާރޓަން އެތެރެވުމަށް ޙުއްދަ ނުދިނީ މަޔާމީ އިންޓަނޭޝަނަލް އެއާރޕޯޓުން، އޭނާއާ 11 ގަޑިއިރު ސުވާލުކުރުމަށްފަހުއެވެ. އަދި މިއީ ވޯލްޑް ކަޕްގެ ތާރީޙްގައި ރެފްރީއަކަށް މިގޮތަށް ކަންތައް ވެގެންދިޔަ ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ވެރިކާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމެރިކާއަށް އެތެރެވެވެނޭ ގައުމުތަކުގެ ލިސްޓެއް އެކުލަވާލާފައި ވެއެވެ. އަދި އެ ލިސްޓުގައި އެމެރިކާއަށް އެތެރެ ނުވެވޭނެކަމަށް އިއުލާން ކޮށްފައިވާ 12 ޤައުމުގެ ތެރޭގައި ސޯމާލިއާ ހިމެނެއެވެ. ނަމަވެސް އާރޓަން އެމެރިކާއަށް ދަތުރުކޮށްފައި ވަނީ ޑިޕްލޮމެޓިކް ޕާސްޕޯޓުގައި ކަންވެސް ފާހަގަކޮށްލެވެއެވެ.
ނިއު ޔޯކް ޓައިމްސްއަށް އުމަރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އެމެރިކާގެ ބޯޑަރ ކޮންޓްރޯލް އޮފިޝަލުން ވަނީ އޭނާ އާއި ސޯމާލިޔާގެ މިލިޓަރީ ގްރޫޕެއް ކަމުގައިވާ އަލް ޝަބާބް އާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.
އެމެރިކާއިން މި ނިންމި ނިންމުމާ ގުޅިގެން މެކްސިކޯ ނޫނީ ކެނެޑާގައި ކުޅޭ މެޗެއްގައި ވެސް އާރޓަންއަށް ރެފްރީއެއްގެ ގޮތުގައި މަސައްކަތެއް ނުކުރެވޭނެއެވެ. ސަބަބަކީ ވޯލްޑް ކަޕްގައި ރެފްރީންގެ ގޮތުގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ 52 އޮފިޝަލަކާއި 88 އެސިސްޓެންޓް ރެފްރީންނަށް ރެފްރީންގެ ޗީފް، ޕިއަރލުއިޖީ ކޮލީނާ ހިންގި ޚާއްޞަ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުމެވެ.