ކުޅިވަރު / ދުނިޔެ
ކުލަގަދަ ރަސްމިއްޔާތަކާއެކު ވޯލްޑް ކަޕް ފެށިއިރު ދަނޑު ބޭރުގައި މުޒާހަރާތަކެއް
ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު / ފޮޓޯ: ބީބީސީ
ކުލަގަދަ ރަސްމިއްޔާތަކަށްފަހު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މެކްސިކޯ ސިޓީގައި ފަށައިފިއެވެ. ތަފާތު ހަރަކާތްތަކުން ފުރިގެންދިޔަ މި ރަސްމިއްޔާތުގައި، ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ފޯރިގަދަ ހުށަހެޅުންތަކެއް ވަނީ ފެނިގެން ގޮސްފައެވެ.
ކުޅިވަރުގެ މި ޢީދަށް މަރުހަބާ ކިޔުމަށް މެކްސިކޯގެ ތާރީޚީ އަޒްޓެކާ ސްޓޭޑިއަމަށް އެތައް ހާސް ސަޕޯޓަރުންނެއް ޖަމާވީ، 40 އަހަރުގެ މެދުކެނޑުމަކަށްފަހު އަމިއްލަ ފަސްގަނޑުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕްގެ ފުރަތަމަ ހަރަކާތްތައް ހަމަލޮލުން ބަލާލުމަށެވެ. ނަމަވެސް، ސްޓޭޑިއަމްގެ ބޭރުގައި މުބާރާތުގެ ކަންކަމަށް ހުރަސްއެޅުމަށް އިހުތިޖާޖު ކުރަމުން ދިއުމާ ގުޅިގެން، ސަލާމަތީ ބާރުތަކުން އޮތީ އެކަން ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.
ވޯލްޑް ކަޕް ފެށުމަށް މެކްސިކޯގައި ބޭއްވި ރަސްމިއްޔާތުގައި ޝަކީރާ---
މި ހުރިހާ ކަމަކާއެކުވެސް، މުޅި މާހައުލުގައި އޮތީ ފުޓްބޯޅައިގެ ފޯރިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި 2-0އިން ސައުތު އެފްރިކާ ބަލިކޮށް، މެކްސިކޯއިން ވަނީ ސަޕޯޓަރުންނަށް ބޮޑު އުފާވެރިކަމެއް ގެނެސްދީފައެވެ.
އަށްޑިހަ ދެހާސް މީހުންގެ ޖާގަ އޮންނަ ސްޓޭޑިއަމް ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވީ ނަމަވެސް، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ސަބަބުން ކައިރީގައި ހުރި މެޓްރޯ ސްޓޭޝަންތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނެވެ.
މެކްސިކޯގެ އޮފިޝަލުން ހާމަކުރި ގޮތުގައި، މޫނު ނިވާކޮށްގެން ތިބި ގާތްގަނޑަކަށް 200 އެއްހާ މީހުން، މުޒާހަރާގެ ބައިވެރިންގެ ތެރެއިން ވަކިވެ ފުލުހުންނާ ކުރިމަތިލާފައިވެއެވެ. ނަމަވެސް، ފުލުހުން ވަނީ އެ ސަރަހައްދުގެ މަސްލަހަތު އަލުން ގާއިމުކޮށް، ހާލަތު ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ.
މި މުޒާހަރާތަކަކީ، މިއީ މުޅި ދުނިޔޭގެ ސަމާލުކަން މެކްސިކޯއަށް ހުއްޓިފައިވާ ވަގުތަކަށް ވުމާއެކު، އެ ގައުމުގެ މަސްތުވާތަކެތީގެ ހަނގުރާމައިގައި ގެއްލިފައިވާ މީހުންގެ އާއިލާތަކާއި މުދައްރިސުން އެކުވެގެން ސަރުކާރާ ދެކޮޅަށް އެމީހުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ބާއްވާ މުޒާހަރާތަކެކެވެ.
2026 ވަނަ އަހަރުގެ މުބާރާތަކީ އެމެރިކާ އާއި ކެނެޑާއާ މެކްސިކޯ ގުޅިގެން ބާއްވާ މުބާރާތެކެވެ. އެމެރިކާ އާއި ކެނެޑާގައި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުތައް އޮންނާނީ ހުކުރު ދުވަހުއެވެ.