ކުޅިވަރު
ރަޝިޔާ 2018: އައު ސްޕަރސްޓާރެއް ދުނިޔޭގެ ސަމާލުކަމަށް އައުމާއި ފަރަންސޭސިވިލާތުގެ ދެވަނަ ތަށި
ފަރަންސޭސިވިލާތުން ވޯލްޑް ކަޕް އުފުލާލުން / ފޮޓޯ: ގެޓީ އިމޭޖަސް
2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށިގެން ދިޔައީ ގިނަ ބައެއްގެ މެދުގައި ސުވާލުތަކެއް އުފެދިފައި ވަނިކޮށެވެ. ފުޓްބޯޅައިގެ ގަދަބާރުތަކުން މުބާރާތް ކޮންޓްރޯލް ކުރާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރި ނަމަވެސް، ރަޝިޔާގައި ބޭއްވި މި މުބާރާތުން ވެސް ވެގެންދިޔައީ ހައިރާންކުރުވަނިވި ނަތީޖާތަކާއި، ހަނދާނުން ފޮހެލަން ދަތި ލަނޑުތަކާއި، އަދި ދުނިޔޭގެ ފުޓްބޯޅައިގެ އައު ތަރިއަކު އުދަރެހުން ފެނިގެންދިޔަ މުބާރާތަކަށެވެ.
ކްރޮއޭޝިއާގެ ތާރީޚީ ކާމިޔާބީތަކުން ފެށިގެން، ކީލިއަން އެމްބައްޕޭ ފަދަ ޒުވާން ހުނަރުވެރިއަކު ދުނިޔެއަށް މަޝްހޫރުވެގެންދިއުމާ ހަމައަށް، މި މުބާރާތް ވެގެންދިޔައީ ބައިނަލްއަޤްވާމީ ފުޓްބޯޅައިގެ އައު ދައުރެއްގެ ފެށުމަށެވެ. މުބާރާތް ނިމިގެންދިޔައީ ފަރަންސޭސިވިލާތުން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްގެންނެވެ.
ރަޝިޔާގެ 11 ސިޓީއެއްގައި ބޭއްވި މި މުބާރާތް ފެށުނުއިރު، މީގެ ކުރީގެ މުބާރާތްތަކެކޭ އެއްފަދަ ފޯރިއެއް މި މުބާރާތުން ފެންނާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އެ ސުވާލުތަކަށް ޖަވާބު ލިބުނެވެ.
ގްރޫޕް ސްޓޭޖުގައި ފެނިގެންދިޔަ އެންމެ ބޮޑު ސިހުމަކީ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުވިލާތް މުބާރާތުން ކެޓުމެވެ. އަހަރުތަކެއް ވަންދެން ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަންކުރި ޖަރުމަނުވިލާތް، ދެކުނު ކޮރެއާ އަތުން 2-0 އިން ބަލިވެ، ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ޓީމަށް ގްރޫޕް ސްޓޭޖުން ވަކިވާން ޖެހުނެވެ. މިއީ ކުރީގެ ބާރުތައް ބަލިވެ، އައު ޖީލެއް އުފަންވަމުންދިޔަ ކަމުގެ ހެއްކެކެވެ.
ރަޝިޔާގެ ހުވަފެނީ ދަތުރު
2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި ރަޝިޔާއިން ކުރިމަތިލީ އެހާ ބޮޑު އުންމީދުތަކަކާ އެކުގައެއް ނޫނެވެ. ނަމަވެސް، އެ ގައުމުން ވަނީ މުޅި މުބާރާތުގައި ވެސް ހައިރާންކޮށްލަނިވި ފަދަ މޮޅު ނަތީޖާތަކެއް ދައްކާފައެވެ. ކޯޗު ސްޓެނިސްލާވް ޗެރްޗެޝޯވްގެ އިރުޝާދުގެ ދަށުން، އެ ގައުމުގެ ޓީމުން ދެއްކި ސާބިތުކަމާއި، ގުޅިގެން ކުރި ބުރަ މަސައްކަތުގެ ސަބަބުން، ކުޑަދުވަސްކޮޅެއްގެ ތެރޭގައި މުޅި ގައުމުގެ ފުރިހަމަ ސަޕޯޓާއި ލޯބި އެ ޓީމަށް ލިބުނެވެ.
ގްރޫޕް ސްޓޭޖުގައި ދެއްކި ވަރުގަދަ ކުޅުމަށްފަހު، ގަދަ 16 ގެ ބުރުގައި 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ބަލިކޮށް، ރަޝިޔާއިން ވަނީ މުޅި ދުނިޔެ ސިއްސުވާލާފައެވެ. އެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ރަޝިޔާގެ ގޯލްކީޕަރު އިގޯ އަކިންފީވް ދިފާއުކުރި ދެ ޕެނަލްޓީއާއެކު، އޭނާ ވެގެންދިޔައީ ގައުމީ ބަތަލަކަށެވެ. އަދި މި ކާމިޔާބީއާއެކު ރަޝިޔާ ކުއާޓާ ފައިނަލަށް ދަތުރުކުރިއެވެ.
ރަޝިއާއިން ސައުދީ އަރަބިއްޔާ ބަލިކުރި މެޗުގެ ތެރެއިން / ފޮޓޯ: އޭޕީ
ރަޝިޔާގެ މި ދަތުރު ނިމުމަކަށް އައީ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެ، އަސަރުގަދަ ޕެނަލްޓީ ޝޫޓްއައުޓަކުން ބަލިވުމުންނެވެ. އެހެންނަމަވެސް، ރަޝިޔާއިން އެ މުބާރާތުގައި ދެއްކި ކުޅުމަކީ ތާރީޚީ ކާމިޔާބީއެކެވެ. އެމީހުން ދެއްކި ހިތްވަރުގަދަ ކުޅުމާއި، ހަނދާނުން ފޮހެލަން ދަތި މޮޅު ލަނޑުތަކުގެ ސަބަބުން، އަމިއްލަ ގައުމުގައި ބޭއްވި މި ވޯލްޑް ކަޕް ވެގެންދިޔައީ މުޅި ގައުމު އެއްބައިވަންތަކުރުވި އުފާވެރި ހަރަކާތަކަށެވެ.
މުބާރާތުގެ ތަށި ކާމިޔާބު ނުކުރެވުނު ކަމުގައި ވިޔަސް، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ރަޝިޔާގެ ފުޓްބޯޅަ ތާރީޚުގައި އެ ގައުމުން ކުރި އެންމެ ކާމިޔާބު އަދި ފާހަގަކޮށްލެވޭ އެއް ދަތުރެވެ.
ކީލިއަން އެމްބައްޕޭގެ ފެނިލުން
މުބާރާތް ފެށުނުއިރު އެމްބައްޕޭއަކީ ހުނަރުވެރި ކުޅުންތެރިއެއްކަން އެންމެން ދެނެތިއްބެވެ. ނަމަވެސް މުބާރާތް ނިމުނުއިރު އޭނާއަކީ ދުނިޔޭގެ ފެންވަރުގެ ސުޕަސްޓާރެކެވެ. އުމުރުން އެންމެ 19 އަހަރުގައި އެމްބައްޕޭ ވެގެންދިޔައީ ފަރަންސޭސިވިލާތުގެ އައު ޖީލުގެ މޫނު މައްޗަށެވެ.
ކީލިއަން އެމްބައްޕޭގެ ފުރަތަމަ ވޯލްޑް ކަޕް / ފޮޓޯ: ގެޓީ އިމޭޖަސް
އޭނާގެ ހުނަރު އެންމެ ބޮޑަށް ފެނިގެންދިޔައީ ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައި، އާޖެންޓީނާގެ ޑިފެންސަށް ބޮޑެތި ނުތަނަވަސްކަމެއް ކުރިމަތިކުރުވާފައެވެ. އެމްބާޕޭ ވެގެންގޮސްފައިވަނީ 1958 ވަނަ އަހަރު ޕެލޭއަށް ފަހު، ވޯލްޑް ކަޕް ފައިނަލެއްގައި ލަނޑު ޖެހި ފުރަތަމަ ޒުވާން ކުޅުންތެރިޔާއަށެވެ.
ބެލްޖިއަމްގެ ރަން ޖީލު
ބެލްޖިއަމުން މި މުބާރާތަށް ކުރިމަތިލީ އެ ޤައުމުގެ ތާރީޚުގައި އުފެދުނު އެންމެ ހުނަރުވެރި ސްކޮޑާއެކުގައެވެ. ކެވިން ޑި ބްރޭނާ އާއި އެޑެން ހަޒާޑް ފަދަ ކުޅުންތެރިންގެ އެހީގައި އެ ޓީމުން ވަނީ ރީތި ކުޅުމެއް ދައްކައި، މުބާރާތުގެ ތިންވަނަ ހޯދާފައެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި ވޯލްޑް ކަޕެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.
ބެލްޖިއަމްއިން ގޯލެއް ޖެހުމަށްފަހު އުފާފާޅުކުރަނީ---
ކްރޮއޭޝިއާގެ ތާރީޚީ ކާމިޔާބީ
2018ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކްރޮއޭޝިއާއިން ދެއްކި ކުޅުމަކީ ފުޓްބޯޅައިގެ ތާރީޚުގައި ލިޔެވިގެންދިޔަ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އެންމެ ހަތަރު މިލިއަނެއްހާ އާބާދީއެއް އޮތް އެ ކުޑަ ގައުމުން، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރީ، ހިތްވަރާއި ހުނަރުގެ އިތުރުން އެކުވެރިކަމުގެ ނަމޫނާއެއް ދައްކުވައިދީ، ގިނަ ބައެއްގެ އުންމީދުތައް އާކޮށްދެމުންނެވެ.
ލޫކާ މޮޑްރިޗް، އިވާން ރަކިޓިޗް، އިވާން ޕެރިސިޗް އަދި މާރިއޯ މަންޒުކިޗް ފަދަ ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ މި ޓީމުން ވަނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެފައެވެ. މީގެ ތެރޭގައި އާޖެންޓީނާ އަތުން 3-0 އިން ހޯދި ތާރީޚީ މޮޅު ފާހަގަކޮށްލެވެއެވެ. ނޮކްއައުޓް ބުރުތަކުގައި ޑެންމާކާއި ރަޝިއާގެ މައްޗަށް ޕެނަލްޓީން ކުރިހޯދުމަށްފަހު، ސެމީ ފައިނަލުގައި އިނގިރޭސިވިލާތް ބަލިކޮށް ފައިނަލަށް ދަތުރުކުރީ އިތުރު ވަގުތު ކުޅެގެންނެވެ.
ކޮރްއޭޝިއާއަށް ގޯލެއް ކާމިޔާބުކުރުމަށްފަހު މޮޑްރިކް އުފާފާޅުކުރަނީ---
މުޅި މުބާރާތުގައި މޮޑްރިޗް ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުވަތަ 'ގޯލްޑަން ބޯލް' ލިބިފައެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ކްރޮއޭޝިއާއިން ދެއްކި ކުޅުމަކީ އެ ގައުމުގެ ރަންޖީލުގެ ވަރުގަދަކަން ހާމަކޮށްދިން ރަމްޒެކެވެ.
ފައިނަލް މެޗުގައި 4-2 އިން ފްރާންސް އަތުން ބަލިވި ނަމަވެސް، ކްރޮއޭޝިއާއިން ހޯދި ކާމިޔާބީއަކީ ހަމައެކަނި ތަށްޓަކަށްވުރެ މާ މާނަފުން ކަމެކެވެ. އެ ގައުމުން ދުނިޔެއަށް ސާބިތުކޮށްދިނީ، ކިތަންމެ ކުޑަ ގައުމަކަށްވީ ނަމަވެސް، ސާބިތުކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްފިނަމަ ދުނިޔޭގެ އެންމެ އުސްމިނަށް ވާސިލްވެވިދާނެ ކަމެވެ.
ފައިނަލް މެޗު: ފަރަންސޭސިވިލާތް 4 - 2 ކްރޮއޭޝިއާ
މޮސްކޯގައި ކުޅުނު ފައިނަލް މެޗަކީ ފޯރިގަދަ މެޗެކެވެ. ފަރަންސޭސިވިލާތުން މެޗު ކޮންޓްރޯލް ކުރިއިރު، އެމްބައްޕޭ އާއި ޕޮގްބާ އަދި ގްރީޒްމަންގެ ލަނޑުތަކާއެކު 4-2 އިން މެޗު ކާމިޔާބުކުރިއެވެ. މިއީ 20 އަހަރުގެ މެދުކެނޑުމަކަށްފަހު ފަރަންސޭސިވިލާތުން ދުނިޔޭގެ ތަށި އުފުލާލި ފަހަރެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ އައު ބާބެއްގެ ފެށުމެވެ. ޖަރުމަނުގެ ނިމުމާއި، ކްރޮއޭޝިއާގެ އުފެދުމާއި، އަދި އެމްބާޕޭ ފަދަ އައު ތަރިންގެ ފެނިލުމުން ދޭހަކޮށްދިނީ ފުޓްބޯޅަ ބަދަލުވަމުންދާ ކަމެވެ. މި މުބާރާތް އަބަދުވެސް ހަނދާން ހުންނާނީ ފަރަންސޭސިވިލާތުގެ ދެވަނަ ކާމިޔާބީ އާއި ދުނިޔޭގެ އައު ސުޕަސްޓާރެއް އުފަންވި މުބާރާތުގެ ގޮތުގައެވެ.