ކުޅިވަރު

ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާތީ ވޯލްޑް ކަޕަށްދިޔަ ޕާޓޭއަށް ކެނެޑާއަށް އެތެރެއެއް ނުވެވުނު

ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާތީ ވޯލްޑް ކަޕަށްދިޔަ ޕާޓޭއަށް ކެނެޑާއަށް އެތެރެއެއް ނުވެވުނު

ގާނާގެ ތޯމަސް ޕާޓޭ---

13 ޖޫން 2026، 05:54

ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށްފައިވާތީ ވޯލްޑް ކަޕަށްދިޔަ ގާނާގެ މިޑްފީލްޑަރ، ތޯމަށް ޕާޓޭއަށް ކެނެޑާއަށް އެތެރެއެއް ނުވެވުނެވެ.

ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދަ ނުދިނީ، އިނގިރޭސިވިލާތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއްގެ ޝަރީއަތް ކުރިއަށްދާތީއެވެ. އެހެންކަމުން ވޯލްޑް ކަޕްގައި އޭނާގެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ބައިވެރިނުވެވޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

ފީފާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 32 އަހަރުގެ ޕާޓޭއަށް އެމެރިކާގެ ރޯޑް އައިލެންޑްގައި އޮތް ގާނާ ޓީމުގެ ކޭމްޕުން ފުރައިގެން، އަންނަ ބުދަ ދުވަހު ޓޮރޮންޓޯގައި ޕެނަމާއާ ދެކޮޅަށް ކުޅޭ މެޗަށް ދަތުރުކުރެވޭ ގޮތް ނުވި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކެނެޑާގެ އިމިގްރޭޝަން، ރެފިއުޖީސް އެންޑް ސިޓިޒަންޝިޕް (އައި.އާރު.ސީ.ސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމަށް އެތެރެވާން އެދޭ ކޮންމެ މީހަކަށް ވިސާ ދިނުމުގައި ބަލަނީ، އެ މީހެއްގެ މައުލޫމާތާއި ގާނޫނީ އުސޫލުތަކަށް ރިއާޔަތްކޮށް ވަކިވަކި މައްސަލަތަކެއްގެ ގޮތުގައި ކަމަށެވެ.

ވިސާ ނުލިބުމާ ގުޅިގެން ޕާޓޭ މިހާރު ވަނީ އަނބުރާ ރޯޑް އައިލެންޑްގައިވާ ޓީމުގެ ކޭމްޕަށް ގޮސްފައެވެ. ނަމަވެސް، ޖޫން 23 ގައި މަސަޗޫސެޓްސްގެ ފޮކްސްބަރާގައި އިންގްލެންޑާ ދެކޮޅަށް ގާނާ ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭނެއެވެ. ގާނާގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު އޮންނާނީ ޖޫން 27 ގައި ފިލަޑެލްފިއާގައި ކްރޮއޭޝިއާއާ ދެކޮޅަށެވެ.

2020 އިން 2025 އަށް އިނގިރޭސި ކްލަބް އާސެނަލްއަށް ޕާޓޭ ކުޅުނު ދުވަސްވަރު ހިނގި ކަމަށް ބުނާ މި ހާދިސާތަކުގެ ޝަރީއަތް އަންނަ ނޮވެމްބަރު މަހު ނުވަތަ އެއަށްވުރެ ފަހުން ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. މިހާރު ސްޕެއިންގެ ވިޔަރެއާލަށް ކުޅެމުންދާ ޕާޓޭ ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450