ކުޅިވަރު
ވިނީސިއަސްއަކީ މިހާރު ބްރެޒިލްގެ ތަރިކަން އޭނާއަށް ސާބިތުކޮށްދެވިދާނެބާ؟
ބްރެޒިލްގެ ވިނީސިއަސް ޖޫނިއަރ އާއި މޭނާ ޖޫނިއަރ---
މިހާރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ކުރިޔަށްދާ ވޯލްޑް ކަޕްގައި އެންމެ ގިނަ ދިވެހިން ސަޕޯޓުކުރާ ބްރެޒިލްގެ ފުރަތަމަ މެޗު މިރޭ ކުޅޭނެއެވެ. އެ ޓީމަށް ގިނަ ބަޔަކު ސަޕޯޓު ކުރަނީ، އެއީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމަށް ވީތީއެވެ. ގިނަ ބަޔަކު އަނެއް ސަބަބަކީ، އެ ޓީމުގައި އަބަދުވެސް ދުނިޔޭގެ އެންމެ އުހުގައި ތިބޭ ތަރިން ހިމެނުމެވެ.
ނަމަވެސް މި ފަހަކަށް އައިސް ވޯލްޑް ކަޕްގައި ބްރެޒިލްއަށް ނެރެވޭ ނަތީޖާތައް އެހާ ރަނގަޅެއް ނޫނެވެ. 2002ގެ ފަހުން އެ ޓީމު ވޯލްޑް ކަޕްގެ ފައިނަލެއް ކުޅެފައެއް ނުވެއެވެ. އެ ޓީމު އެންމެ ފަހުން ސެމީފައިނަލެއް ވެސް ކުޅުނީ އަމިއްލަ ޤައުމުގައި ވޯލްޑް ކަޕް ބޭއްވި 2014 ވަނަ އަހަރެވެ. މީގެއިތުރުން 2006، 2010، 2018 އަދި 2022ގައި ވޯލްޑް ކަޕާ އަލްވަދާއު ކިޔާފައި ވަނީ ކުއާޓާ ފައިނަލުންނެވެ. މި ނަތީޖާތައް ބުނެދެނީ އެ ހަގީގަތެވެ. ތަފާތު ހުނަރުވެރި ކުޅުންތެރިން އެ ޓީމުގައި މިހާރު ނުހިމެނޭ ވާހަކައެވެ.
މިދިޔަ މޭ މަހުގެ ފަހުކޮޅު ޕެނަމާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ކުރިން ބްރެޒިލްގެ ކޯޗު، ކާލޯ އެންޗެލޮޓީ ބުނީ، ބްރެޒިލްގައި މިހާރު ތަރިއެއް ނެތޭ ބައެއް މީހުން ބުނަމުން އަންނަ ކަމަށެވެ. އަދި އެއީ ތެދަކަށް ވެދާނެކަން ގަބޫލުކުރާކަމަށް ވެސް އޭނާ ބުންޏެވެ.
އެންޗެލޮޓީ ބުނީ ބްރެޒިލްގައި މިހާރު ޕެލޭއެއް، ރޮމާރިއޯއެއް ނުވަތަ ރޮނާލްޑޯއެއް ނެތް ކަމަށާއި، ނަމަވެސް ޓީމުގެ ތެރޭގައި ވަރަށް ވަރުގަދަ ރޫހެއް އޮތްކަމަށެވެ. އެހެންކަމުން އެއީ ވޯލްޑް ކަޕްގައި ރަނގަޅު ހިސާބަކަށް އެ ޓީމު ގެންގޮސްދޭނެ ބާރަށް ވެދާނެކަމަށް ވެސް އެ ގުޅުން ސިފަކޮށްދެމުން އޭނާ ބުންޏެވެ.
އެގޮތުން ގިނަ ބައެއްގެ އުންމީދާ މިހާރު ގުޅިފައި ވަނީ ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއަރ ކަމަށާއި، އޭނާއަކީ މިހާރު ބްރެޒިލްގެ އެންމެ އަލިގަދަ ތަރިކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ އަތުން ބަލިވެ މުބާރާތުން ވަކިވިތާ ހަތަރު އަހަރު ވެގެންދާއިރު ވެސް، އުމުރުން 25 އަހަރުގެ މި ފޯވާޑާ މެދު ގިނަ ބައެއްގެ ހިތުގައި އޮތް ޝައްކުތަކެއް ނުފިލައެވެ.
އަދި މިދިޔަ މާރިޗު މަހު ފްރާންސް އަތުން ބްރެޒިލް 2-1 އިން ބަލިވި މެޗަށް ފަހު، ވިނީޝިއަސްއަށް އަދިވެސް ފުރަތަމަ އެގާރައިން ޖާގަ ހައްގުތޯ ގިނަ ބަޔަކު ސުވާލުކުރިއެވެ.
ރެއާލް މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ، އަދި ވިނީޝިއަސްގެ ކެރިއަރުގައި އޭނާއަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވި ކޯޗު އަންޗެލޮޓީ ގައުމީ ޓީމާ ހަވާލުވުމުން ވެސް، ވިނީޝިއަސްއާ މެދު ކުރެވޭ އެންމެ ބޮޑު ސުވާލަކީ، މެޑްރިޑްގައި ވިނީޝިއަސް ދައްކާ ކުޅުން ގައުމީ ޓީމުގައި ނުދެއްކެނީ ކީއްވެގެންތޯ ކުރެވޭ ސުވާލެވެ.
ތަފާސްހިސާބުތައް ބުނާގޮތުން، ބްރެޒިލް ސްކޮޑުގައި މިހާރު ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނައިން ގޯލުޖެހުމުގައި ޝާމިލުވެފައި ވަނީ ވިނީސިއަސްއެވެ. އޭނޭ 28 މެޗުން ހަތް ލަނޑު ޖަހައި ހަ އެސިސްޓުކޮށްފައިވާއިރު، މިއީ އޭނާގެ ފެންވަރަށް ބަލާއިރު އެކަށޭނަ އަދަދެއް ނޫންކަން ގިނަ ބަޔަކު ސިފަކުރެއެވެ.
2018 އާއި 2022 ގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ކްލެބާ ޒޭވިއާ ބީ.ބީ.ސީ ސްޕޯޓްސްއަށް ދިން އިންތަވިއުއެއްގައި ބުނީ، ކްލަބުގައި ދައްކާ ފެންވަރުގެ ކުޅުމެއް ގައުމީ ޓީމުގައި ދެއްކުމަކީ އުނދަގޫ ކަމެއްކަމަށެވެ. އޭނާ ބުނިގޮތުގައި ކްލަބާއެކު މޮޅަށް ކުޅެން ފަސޭހަ ވަނީ ކްލަބުގައި ތަމްރީނުތަކާއި، ކުޅޭ ގޮތާއި، ޓީމުގެ ކުޅުންތެރިން ތަފާތުވުމާއި، ކްލަބުގެ ސްކޮޑާއެކު ކޮންމެ ދުވަހަކު އެކުގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ކަންކަން ކުރިއަރައި ތަރައްޤީވުމުގެ ފުރުސަތު ބޮޑެވުމެވެ.
އެހެންކަމުން ބްރެޒިލްގެ ސަޕޯޓަރުންގެ ކުރިމަތީގައި އަދިވެސް އެންމެ މަޤުބޫލީ ނޭމާ ޖޫނިއަރއެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީ.ބީ.އެފް) އިން އަންނަނީ ވިނީޝިއަސްއަކީ ގައުމީ ޓީމުގައި ހުރި އެންމެ އިތުބާރުކުރެވޭ ކުޅުންތެރިޔާއަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.
މާރިޗު މަހު ރޮޑްރީގޯއަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވޯލްޑް ކަޕުން ވަކިވާން ޖެހުމުން، ވިނީޝިއަސްއަށް މަޝްހޫރު ނަމްބަރު 10 ޖާޒީ ދީ، ފްރާންސް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ ފޮނުވިއެވެ. މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ވިނީޝިއަސްއަށް ލިބުނު ފުރުސަތެއް ނޫނެވެ.
ނަމަވެސް ނޭމާ ހީނުކުރާ ފަދަ ގޮތަކަށް ޤައުމީ ޓީމަށް އެނބުރި އައުމާއެކު، ނަމްބަރު 10 ޖާޒީ އަނެއްކާވެސް ވަނީ އުމުރުން 34 އަހަރުގެ އެ ކުޅުންތެރިޔާއަށް ދީފައެވެ.
އެހެންނަމަވެސް، ފަހަކަށް އައިސް ނޭމާއަށް ކުރިމަތިވަމުންދާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން، އޭނާއާ މެދު ކުރިން އޮތް ފަދަ ބޮޑު އުންމީދެއް މިހާރު ނެތެވެ.
ބްރެޒިލުން އެ ޤައުމުގެ ހަވަނަ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އަޒުމުގައި ނުކުންނައިރު، ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި ވަނީ ވިނީޝިއަސްއަށެވެ. އެއީ އޭނާއާ މެދު އުފެދިފައިވާ ޝައްކުތައް ފިލުވާލައި، އޭނާގެ ހަގީގީ ފެންވަރު ސާބިތުކޮށްދޭ މަންޒަރު ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.