ކުޅިވަރު
ވިނީސިއަސްގެ ގޯލުން ބްރެޒިލް ސަލާމަތްވެއްޖެ
މޮރޮކޯ ކޮޅަށް ގޯލު ޖެހުމަށްފަހު ވިނީސިއަސް އުފާފާޅުކުރަނީ / ފޮޓޯ: ގެޓީއިމޭޖަސް
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ނިކުތް ބްރެޒިލްގެ ފަރާތުން އުއްމީދުކުރެވޭ ފެންވަރުގެ ކުޅުމެއް ނުދެއްކުނު ނަމަވެސް، ވިނީސިއަސް ޖޫނިއަރ ކާމިޔާބުކުރި ގޯލަކުން ބަލިނުވެ ސަލާމަތްވެއްޖެއެވެ. ނިއު ޖާޒީގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެނެވެ.
މި މެޗުގައި މޮރޮކޯއަށް ލިޑު ނަގައިދިނީ 21 ވަނަ މިނެޓުގައި، އިސްމާއީލް ސައިބާރީ ކާމިޔާބުކުރި ގޯލުންނެވެ. ނަމަވެސް، ވިނީސިއަސް ދެއްކި ހުނަރުވެރި ކުޅުމާއެކު ބްރެޒިލުން ނަތީޖާ ހަމަހަމަކޮށް، މެޗުން ޕޮއިންޓެއް ކަށަވަރުކުރިއެވެ.
ބްރެޒިލުން ހަވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލުމުގެ އަމާޒުގައި ނުކުމެފައިވާއިރު، އެންމެ ފަހުން އެ ޤައުމުން ތަށި ހޯދިތާ މިހާރު 24 އަހަރު ވެއްޖެއެވެ. އަދި ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުން ފެނިގެންދިޔައީ، ބްރެޒިލްގެ ޓީމު އިތުރަށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމެވެ. އެހެންނަމަވެސް، 48 ޓީމު ބައިވެރިވާ މި މުބާރާތުގައި ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ކުޅުމުގެ ޤާބިލުކަން ބްރެޒިލްގައި އެބަހުރި ކަމަށް އަންޗެލޮޓީ ދެކެއެވެ.
އަނިޔާގެ ސަބަބުން ބްރެޒިލްގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ނޭމާ މި މެޗުގައި ފެނިފައެއް ނުވެއެވެ. އޭނާ އަންނަނީ 2023 އިން ފެށިގެން ކުޑަކަޅުވާގެ އަނިޔާއަކަށް ފަރުވާކުރަމުންނެވެ.
މޮރޮކޯގެ ކޯޗު މުހައްމަދު އުވާބީ އޭނާގެ ކުޅުންތެރިންނަށް ދިން އިރުޝާދަކީ ބްރެޒިލް ދެކެ ބިރުނުގަތުމަށެވެ. އެއާއެކު 2022 ގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި ކުޅެފައިވާ މޮރޮކޯ މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. ބްރަހީމް ޑިއާޒްގެ މޮޅު ޕާހަކުން ސައިބާރީ ވަނީ ބްރެޒިލްގެ މާކީނިއޯސް އާއި ގަބްރިއެލް މަގަލްހާއީސް ނައްޓާލުމަށްފަހު ބޯޅަ ގޯލަށް ފޮނުވާލީ ގޯލްކީޕަރު އެލިސަން ބެކާގެ ބޯމަތިން ޗިޕްކޮށްލުމަށްފަހުއެވެ.
ބްރެޒިލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 11 މިނެޓު ފަހުން ވިނީސިއަސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭރިއާގެ ވާތްފަރާތުން ބްރޫނޯ ގިމަރޭސް ދިން ބޯޅައެއް ހޯދުމަށްފަހު، ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލިއިރު، މޮރޮކޯގެ ގޯލްކީޕަރު ޔާސީން ބޫނޫއަށް މި ބޯޅަ ހުއްޓުވޭ ގޮތެއް ނުވިއެވެ.
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މޮރޮކޯއަށް އަލުން ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އެގޮތުން އަލް އައިނައީ ދުރުން ފޮނުވާލި ބާރު ހަމަލާ ބްރެޒިލްގެ ކީޕަރު އެލިސަން ދިފާއުކުރިއިރު، ރީބައުންސްވި ބޯޅައިގައި ޝަމްސުއްދީން ތަލްބީ ފޮނުވާލި ހަމަލާވެސް އެލިސަން ވަނީ ހުޝިޔާރުކަމާއެކު ހުއްޓުވާފައެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ބްރެޒިލް ދެން ނުކުންނާނީ ހެއިޓީއާ ދެކޮޅަށެވެ. އަދި މޮރޮކޯ ބައްދަލުކުރާނީ ސްކޮޓްލޭންޑާއެވެ.