ކުޅިވަރު

ވޯލްޑް ކަޕުގައި މިހާތަނަށް ފެންނާނެ އެންމެ ކުޑަ ގައުމު މިރޭ ޖަރުމަނާ ދެކޮޅަށް

ވޯލްޑް ކަޕުގައި މިހާތަނަށް ފެންނާނެ އެންމެ ކުޑަ ގައުމު މިރޭ ޖަރުމަނާ ދެކޮޅަށް

ވޯލްޑް ކަޕަށް ކޮލިފައިވުމުން ކުރަސާއޯގެ ސަޕޯޓަރުން އުފާފާޅުކުރަނީ / ފޮޓޯ: އޭޕީ

14 ޖޫން 2026، 03:53

ފީފާ ވޯލްޑް ކަޕްގައި މިހާތަނަށް ވާދަކުރާ އެންމެ ކުޑަ ގައުމު، ކުރަސާއޯ، ޖަރުމަނާ ދެކޮޅަށް ފުރަތަމަ މެޗުގައި ނިކުމެ މިރޭ އެ ގައުމުގެ ތާރީހު ލިޔާނެއެވެ. 

ކުރަސާއޯއަކީ ކެރީބިއަންގައި އޮންނަ ކުޑަކުޑަ ޖަޒީރާ ގައުމެކެވެ. މި ގައުމުގެ އާބާދީގައި ގާތްގަނޑަކަށް 150,000 ތިބޭއިރު، ބޮޑުމިނުގައި ހުންނަނީ އެންމެ 443 އަކަ ކިލޯމީޓަރެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ހީވެސް ނުކުރާ ފަދަ ތާރީޚީ ކާމިޔާބީއަކާއެކު މުބާރާތުން ފުރުސަތު ހޯދުމަށްފަހު، އެ ގައުމުން އުތުރު އެމެރިކާއަށް ދަނީ މުބާރާތުގައި އަލަށް ވާދަކުރާ ހަތަރު ގައުމުގެ ތެރެއިން އެއް ގައުމުގެ ގޮތުގައެވެ. 

މުބާރާތުގައި އެ ޓީމަށް އެންމެ ފުރަތަމަ ވެސް އޮތީ ބޮޑު އިމްތިހާނެކެވެ. އެއީ ހަތަރު ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖަރުމަނާ ދެކޮޅަށް ކުޅެން ޖެހުމެވެ. ނަމަވެސް، ނެދަލޭންޑްސްގައި ދިރިއުޅޭ އެ ގައުމުގެ ކުޅުންތެރިންގެ މައްޗަށް ބޮޑަށް ބަރޯސާވާ ކުރަސާއޯއިން ތިބީ ރަނގަޅު ނަތީޖާއެއް ނެރުމުގެ ފޮނި އުންމީދުގައެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ކުރަސާއޯގެ ކޯޗު، ޑިކް އެޑްވޮކާޓް ބުނީ، ޖަރުމަނާ އަޅާބަލާއިރު ކުރަސާއޯއަކީ ކުޑަ ގައުމެއް ނަމަވެސް އެ ޓީމު ބަލިކުރަން ޖަރުމަނަށް އުނދަގޫވާނެ ކަމަށެވެ. 

އޭނާ އިތުރަށް ބުނި ގޮތުގައި، މި މެޗުން ގެއްލޭނެ އެއްވެސް އެއްޗެއް ކުރަސާއޯއަކަށް ނެތެވެ. އަދި ޓީމުގެ ނަތީޖާތަކާ ދޭތެރޭ އެ ގައުމުގެ ރައްޔިތުންގެ އުއްމީދުތައް އެހާމަތިނޫން ނަމަވެސް، އެ ޓީމަށް މުޅި ދުނިޔެ ހައިރާންކޮށްލެވިދާނެ ކަމަށް ގަބޫލުކުރާކަން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވެސް ކުޅުންތެރިންނާއި ގައުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، އަދި ދެން އޮތީ ކުރަސާއޯއަކީ ކޮން ފެންވަރެއްގެ ޓީމެއްކަން ދުނިޔެއަށް ދައްކައިދިނުމުގެ ބުރަ މަސައްކަތްކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކުރަސާއޯއާއެކު، އެޑްވޮކާޓް ވެސް ތާރީޚީ ރެކޯޑެއް ގާއިމުކުރާނެއެވެ. އެއީ އުމުރުން 78 އަހަރުގައި، ވޯލްޑް ކަޕްގެ ތާރީޚުގައި ޓީމަކަށް އިރުޝާދުދޭ އެންމެ ދުވަސްވީ ކޯޗުގެ ޝަރަފެވެ.

ވޯލްޑް ކަޕަށް ނެގި ކުރަސާއޯގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެ ގައުމަށް އުފަންވެފައި ވަނީ އެންމެ ކުޅުންތެރިއެކެވެ. ބާކީ ތިބި 25 ކުޅުންތެރިންނަކީ ނެދަލޭންޑްސްއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. މި ސްކޮޑުގައި ހިމެނޭ 18 ކުޅުންތެރިއަކު މީގެ ކުރިން ނެދަލޭންޑްސްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅެފައިވާއިރު، ދެ ކުޅުންތެރިއަކު ނެދަލޭންޑްސްގެ ސީނިއާ ގައުމީ ޓީމަށް ވެސް ވަނީ ކުޅެފައެވެ.

ކުރަސާއޯގެ ގައުމީ ޓީމުގައި ކުރިން ހިމެނުނު އެ ގައުމުގެ އަމިއްލަ ކުޅުންތެރިންގެ ބަދަލުގައި، ބޭރު ގައުމުތަކުގައި ދިރިއުޅޭ ކުޅުންތެރިން ހިމަނަން ފެށީ 2015 ވަނަ އަހަރު ޕެޓްރިކް ކްލައިވަޓް ފަދަ ނެދަލޭންޑްސްގެ މަޝްހޫރު ކޯޗުން އެ ޓީމާ ހަވާލުވި ހިސާބުންނެވެ. އެހެން ގައުމުތަކުގައި، އެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިން ޓީމަށް ނުނެގުމަކީ ބޮޑު މައްސަލައަކަށް ވެދާނެއެވެ. ނަމަވެސް، ކުރަސާއޯގެ އާބާދީއާ ގާތްކުރާ އަދަދަކަށް އެ ގައުމުގެ މީހުން ނެދަލޭންޑްސްގައި ދިރިއުޅޭތީ، ގައުމުން ބޭރުގައި އުޅޭ އެ ގައުމުގެ ރައްޔިތުންނަށް ދޭ އަހައްމިއްޔަތުގެ ސަބަބުން މި ހާލަތު ތަފާތެވެ.

އަދި ކުރަސާއޯ ބެލެވެނީ ފުރިހަމަ މިނިވަން ދައުލަތަކަށް ނުވެ، ވޯލްޑް ކަޕަށް ކޮލިފައިވި މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމުގެ ގޮތުގައެވެ. އެއީ އަރޫބާ އާއި ސިންޓް މާޓެން ފަދައިން، އެ ގައުމަކީ އަދިވެސް ނެދަލޭންޑްސްގެ ރަސްކަމުގެ ބައެއްގެ ގޮތުގައި އޮންނަ ތަނަކަށް ވާތީއެވެ. މިފަދަ އެހެން ގައުމުތަކަކީ އިނގިރޭސިވިލާތުގެ (ޔޫކޭ) ބައެއްގެ ގޮތުގައި އޮންނަ އިންގްލެންޑް، ވޭލްސް، ސްކޮޓްލޭންޑް އަދި ނޮދަން އަޔަލޭންޑްގެ އިތުރުން 1938 ވަނަ އަހަރު ކޮލިފައިވި ޑަޗް އީސްޓް އިންޑީޒް (މިހާރުގެ އިންޑޮނޭޝިއާ) އެވެ.

ކުރަސާއޯގެ ރައްޔިތުން ގެންގުޅެނީ ނެދަލޭންޑްސްގެ ޕާސްޕޯޓެވެ. އަދި 2010 ވަނަ އަހަރާ ހަމައަށް އެ ގައުމު އޮތީ ކެރީބިއަންގެ ރަށްތަކެއްގެ މައްޗަށް އެކުލެވޭ 'ނެދަލޭންޑްސް އެންޓިލްސް' ގެ ބައެއްގެ ގޮތުގައެވެ. ކުރަސާއޯގެ އަމިއްލަ ގައުމީ ޓީމެއް އުފެދުނީ އޭގެ ފަހުން ކަމަށް ވިޔަސް، އެ ޓީމު ބެލެވެނީ ކުރީގެ ނެދަލޭންޑްސް އެންޓިލްސް ޓީމުގެ ކުރިއެރުމެއްގެ ގޮތުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450