ކުޅިވަރު

އެންމެން ހައިރާންކޮށްލި އައްޔޫބު ހޯދުމަށް އާސެނަލް މަސައްކަތް ފަށައިފި

އެންމެން ހައިރާންކޮށްލި އައްޔޫބު ހޯދުމަށް އާސެނަލް މަސައްކަތް ފަށައިފި

މޮރޮކޯގެ ޒުވާން ތަރި އައްޔޫބް ބުއާދީ---

14 ޖޫން 2026، 05:39

ވޯލްޑް ކަޕްގައި ބްރެޒިލްއާ ދެކޮޅަށް ކުޅެ ވިދާލި މޮރޮކޯގެ ޒުވާން ތަރި އައްޔޫބް ބުއާދީ ހޯދުމަށް، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ޝައުގުވެރިކަން ފާޅުކޮށް، އެ ކުޅުންތެރިޔާ ހޯދުމުގެ މަސައްކަތް އެ ކްލަބުން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އާސެނަލްގެ މެދުތެރެ ވަރުގަދަކުރުމަށް އާޓޭޓާ އަމާޒު ހިފާފައިވާއިރު، ބްރެޒިލާ ދެކޮޅަށް ބުއާދީ ދެއްކި މޮޅު ކުޅުމާއެކު އޭނާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ސަމާލުކަން ލިބިފައިވާ އުމުރުން އެންމެ 18 އަހަރުގެ ބުއާދީއަކީ މިހާރު އާސެނަލްގެ އެންމެ މުހިންމު އެއް އަމާޒެވެ. ޚަބަރުތައް ބުނާގޮތުގައި، މި ކުޅުންތެރިޔާގެ ސޮއި ހޯދުމުގެ މަސައްކަތް އާސެނަލްއިން މިހާރު ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ.

"ސްކައި ސްޕޯޓްސް ސްވިޒަލޭންޑް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުއާދީ ހޯދުމަށް އާސެނަލްއިން މަސައްކަތްކުރާތާ މިހާރު މަސްތަކެއް ވެއްޖެއެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ކްލަބުން އަންނަނީ އޭނާގެ އޭޖެންޓުންނާ ގަވާއިދުން މުއާމަލާތް ކުރަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ ކުޅުން މޮނިޓަރ ކުރުމަށްފަހު، މިހާރު އާސެނަލްއިން ވަނީ އޭނާ ހޯދުމަށް ރަސްމީކޮށް މަސައްކަތް ފަށާފައެވެ.

އާޓެޓާ ގަބޫލުކުރާ ގޮތުގައި ބުއާދީއަކީ ފަންނީ ގޮތުން މޮޅު އަދި މެދުތެރޭގެ އެކި މަގާމުތަކަށް ކުޅުމުގެ ގާބިލުކަން ހުރި ކުޅުންތެރިއެކެވެ. އާސެނަލްއިން ބުއާދީއަށް ދީފައިވާ ޔަގީންކަމަކީ، އޭނާ އެ ކްލަބާ ގުޅިއްޖެނަމަ ވަގުތުން ފުރަތަމަ އެގާރައިން ޖާގަ ލިބޭނެ ކަމެވެ. 

އާސެނަލްގެ މި ހުށަހެޅުމާ މެދު ބުއާދީ ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، މިކަމުގައި މާލީ ގޮތުން ބޮޑު ގޮންޖެހުމެއް އެބައޮތެވެ. މޮރޮކޯގެ ގައުމީ ޓީމުގައި އޭނާ ދައްކަމުންދާ ކުޅުމުގެ ސަބަބުން، އޭނާ މިހާރު ކުޅެމުންދާ ލިލްއިން ބޭނުންވަނީ އޭނާ ވިއްކާލައިގެން ބޮޑު ފައިދާއެއް ހޯދާށެވެ. އެގޮތުން ލިލްއިން ވަނީ ބުއާދީގެ އަގަކީ 70 މިލިއަން ޔޫރޯ (60.4 މިލިއަން ޕައުންޑް) ކަމަށް ކަނޑައަޅާފައެވެ. ވޯލްޑް ކަޕް ނިމުމުން މިކަމާ ބެހޭ އިތުރު މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރޭގެ މެޗުގައި ބްރެޒިލާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި، ބުއާދީ ވަނީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. ޚާއްޞަކޮށް ބޯޅަ ކޮންޓްރޯލް ކުރުމުގަ އާއި މެޗުގެ ޓެމްޕޯ ހިފެހެއްޓުމުގައި އޭނާ ދެއްކި ހުނަރުވެރިކަމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450