ޚަބަރު
ޕޭޕަލްއާއި އެމްފައިސާ ގުޅުވާލުން: ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީއަށް އެޅުނު މުހިންމު ފިޔަވަޅެއް
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޝާދީ ޤަވަސްމީ
ޕޭޕަލްއާއި އުރީދޫ އެމްފައިސާ ގުޅުވާލުމަކީ ރާއްޖެއިން ޑިޖިޓަލް އިކޮނޮމީއަކާ ދިމާއަށް ކުރަމުންދާ ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ޤަވަސްމީ ވިދާޅުވެއްޖެއެވެ.
ޝާދީ މިގޮތަށް ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ރަސްމީކޮށް ތައާރަފުކުރުމަށްޓަކައި މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތަކީ ރާއްޖޭގެ މާލީ ނިޒާމަށް އައި އިންގިލާބީ ބަދަލެއް ފާހަގަކުރުމަށް ބޭއްވުނު ހަފުލާއެކެވެ.
އުރީދޫގެ ސީއީއޯ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ ރައްޔިތުންނާ އެއްފަދައިން ބައިނަލްއަގުވާމީ މާލީ ފުރުސަތުތައް ފަހިކޮށްދިނުމަކީ އުރީދޫއާއި ސަރުކާރާއި ގުޅިގެން ކުރެވުނު މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ.
"ރާއްޖެ ޑިޖިޓަލް އިކޮނޮމީއަކާ ދިމާއަށް މިސްރާބު ހިފާފައި ވާއިރު، އުރީދޫގެ އަމާޒަކީ ދިވެހިންނަށް ބައިނަލްއަގުވާމީ ބާޒާރުތަކުގައި ބައިވެރިވެ، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދައިދިނުން،" ޝާދީ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއަދު ފެނިގެން މިދިޔަ ކާމިޔާބީއަކީ ހަމައެކަނި އާ ޚިދުމަތެއް ފެށުން ނޫން ކަމަށާއި، މިއީ ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ގުޅިގެން މެދުނުކެނޑި ކުރަމުންދިޔަ ބުރަ މަސައްކަތްތަކުގެ ފޮނި ނަތީޖާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ޑިޖިޓަލް ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މި ޚިދުމަތް ތައާރަފުވުމަކީ ދިވެހި ވިޔަފާރިވެރިންނަށާއި އަމިއްލަ ފަރުދުންނަށް ލިބުނު ބޮޑު ލުޔެކެވެ.
2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޚިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެމުންދާ ކުންފުންޏެކެވެ. ޕޭޕަލްއާއި އެމްފައިސާ ގުޅުވާލެވުމާއެކު، ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރުމުގައާއި، އޮންލައިންކޮށް ފައިސާ ދެއްކުމުގައި މިހާރު ހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއްކަމަށް ސަރުކާރުން ދެކެއެވެ.
މި ޚިދުމަތް ރާއްޖެއަށް ތައާރަފުވުމަކީ ރާއްޖޭގެ ޒުވާން އުފެއްދުންތެރިންނަށާއި، ފްރީލާންސް މަސައްކަތްތެރިންނަށް ދުނިޔޭގެ ބާޒާރުން އާމްދަނީ ހޯދުމަށް ހުޅުވިގެންދިޔަ ރަނުގެ ފުރުސަތެކެވެ.