ރިޕޯޓް
މިއަދަކީ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަސް
ފޮޓޯ: ފަރުދުން
ހުލާސާ
ޖޫން މަހުގެ 15 ވަނަ ދުވަހަކީ ކޮންމެ އަހަރަކު ވެސް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރެވިގެންދާ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަހެވެ. މިއީ އުމުރުން ދުވަސްވީ މީހުނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، އިހުމާލުވުމުގެ ސަބަބުން އެފަރާތްތަކަށް ލިބިގެންދާ އެކިކަހަލަ ގެއްލުންތަކާއި މެދު މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން ފާހަގަކުރެވިގެންދާ މުހިންމު ދުވަހެކެވެ.
އެގޮތުން މިހިނގާ 2026 ވަނަ އަހަރު މިދުވަސް ފާހަގަކުރުމުގެ ގޮތުން އެކުވެރި ދައުލަތްތަކުން (އދ.) ކަނޑައަޅާފައިވާ ޝިޢާރަކީ، "ހޭލުންތެރިކަމުގެ ބޭރުން: ދުވަސްވީ މީހުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އަމަލީ މަސައްކަތް ކުރުން" މިއެވެ. މިޝިޢާރުގެ ދަށުން، ހަމައެކަނި މީހުން ހޭލުންތެރިވުމަކުން ނުފުދޭނޭކަމާއި، އަނިޔާ ހުއްޓުވޭނީ އެކަމަށް ޓަކައި ހަރުދަނާ މުހިންމު އަމަލީ ފިޔަވަޅުތަކެއް އެޅިގެންކަން ފާހަގަކޮށްފައިވެއެވެ.
އުމުރުން ދުވަސްވެފައިވާ މީހުނަށް ލިބޭ އަނިޔާގެ ޝިކާރައަކަށް ވެފައިވާ އެތައް ބައެއްވާއިރު، މިއީ އިންސާނީ ހައްގުތަކާއި ގުޅިލާމެހުފައިވާ މައްސަލައެކެވެ. އެގޮތުން ޖިސްމާނީ، ނަފްސާނީ، މާލީ އަދި ޖިންސީ ގޮތުން ކުރާ އަނިޔާ އަދި އިހުމާލުވުގެ ސަބަބުން ލިބޭ އަނިޔާތައް ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުޖުތަމައުއަށް މިފަދަ މައްސަލަތައް ފޮރުވިފައި އޮތުމެވެ. އެހެންކަމުން، ދާއިމީ ހައްލެއް މިކަމަށް ހޯދައި، އުމުރުން ދުވަސްވީ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ޤާނޫނީ ރައްކާތެރިކަން ވަރުގަދަކުރުމާއި، މައްސަލަ ރިޕޯޓްކުރެވޭނެ ފަސޭހަ ގޮތްތަކެއް ބިނާކުރުމަކީ ކުރުން މުހިންމު ކަމެކެވެ.
ރާއްޖެއަށް ބަލާލި ކަމުގައިވީ ނަމަވެސް، އުމުރުން ދުވަސްވީ މީހުނަށް ކުރާ އަނިޔާގެ މައްސަތައް ރިޕޯޓް ކުރެވިގެންދާ މިންވަރު ނުހަނު ގިނައެވެ. މިދިޔަ އަހަރު އެކަނިވެސް އެހީތެރިކަމާއި ރައްކާތެރިކަމަށް އެދި ޖުމުލަ 34 މައްސަލައެއް ހުށައަޅާފައިވެއެވެ. އަދި އެކި ބާވަތުގެ އަނިޔާގެ ޖުމުލަ 58 މައްސަލައެއް ވަނީ ރިޕޯޓްކުރެވިފައެވެ.
އުމުރުން ދުވަސްވީ މީހުނަށް ލިބެ މިފަދަ ގެއްލުންތައް ވީހާވެސް މަދުކުރުމަކީ ކޮންމެ ރައްޔިތަކު ވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކެންޖެހޭ މައްސަލައެކެވެ. ތިމާ ދަންނަ މީހަކަށް މިފަދަ މައްސަލައެއް ދިމާވާކަން ޝައްކު ކުރެވޭނަމަ، އެކަމެއް ރިޕޯޓުކޮށް ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރުމުން އެކަންކަމަށް އަވަސް ހައްލެއް ލިބި، އުމުރުން ދުވަސްވީ މީހުންނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެއެވެ.