ކުޅިވަރު

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިހާތަނަށް 50 ރަށް ބައިވެރިވެއްޖެ

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިހާތަނަށް 50 ރަށް ބައިވެރިވެއްޖެ

މިދިޔަ އަހަރު އޮތް ކްލަބް މޯލްޑިވްސް ކަޕްގެ ތަށި އާރުއާރުސީއިން އުފުލާލުން / ފޮޓޯ: ކްލަބް މޯލްޑިވްސް

15 ޖޫން 2026، 04:07

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މުޅިން އަލަށް ފަށާ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026ގައި މިހާތަނަށް 50 ޓީމު ބައިވެރިވެފައިވާކަމަށް، އެ މުބާރާތް ހިންގުމަށް ހަވާލުކޮށްފައިވާ ކްލަބް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

އެފްއޭއެމްއިން ވަނީ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު ވެސް އިތުރުކޮށްފައެވެ. އެގޮތުން މި މަހުގެ 21ވަނަ ދުވަހުގެ 23:59އާ ހަމައަށް ޓީމުތަކަށް ބައިވެރިވެވޭނެއެވެ. 

އެފްއޭއެމްއިން ހާމަކޮށްފައިވާގޮތުގައި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކުރީ، ކުރިން މުބާރާތުގައި ހުޅުވާލާފައި އޮތްގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ކައުންސިލްތަކުން އެންޑޯޒްކުރާ ޓީމަކަށްކަމަށް ކަނޑައަޅާފައި އޮތުމުން އެކަމުގައި އުނދަގޫ ކަންތައްތަކެއް ހުރުމުންނެވެ. އެގޮތުން ބައެއް ރަށްރަށުގެ ކައުންސިލްތަކުން ޓީމެއް އެންޑޯޒް ކުރަން ބޭނުން ނުވިނަމަވެސް އެ ރަށްރަށުން ޓީމުތައް ބައިވެރިކުރުމަށް އެދެމުން އަންނަ ކަމަށެވެ. އެހެންކަމުން މުއްދަތު އިތުރުކޮށް، މި މުއްދަތުގެ ތެރޭގައި އެފަދަ ޓީމުތަކަށް ވެސް ބައިވެރިވެވޭނެކަމަށް އެފްއޭއެމްއިން ހާމަކުރެއެވެ.

އެހެންކަމުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ރަށްތަކުން ބައިވެރިވުމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އީމެއިލް ކުރުމަށް ވަނީ އެދިފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 7،000 ރުފިޔާއެވެ.

މި މުބާރާތުގައި ފުރަތަމަ އޮންނާނީ އަތޮޅު މުބާރާތްތަކެވެ. އަދި އެއަށްފަހު އަތޮޅުގެ ޗެމްޕިއަނުންނާއި ރަނަރރަޕް ޓީމަށް ރީޖަނަލް ބުރުގެ ކޮލިފިކޭޝަނުން ޖާގަ ލިބޭނެއެވެ. ކޮލިފިކޭޝަން ބުރު ދެ ޒޯނަކަށް ބަހާލައިގެން ކުރިޔަށް ގެންދާއިރު، ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޓީމާއި ރަނަރރަޕް ޓީމަށް ރީޖަނަލް ލީގުން ޖާގަ ލިބޭނެއެވެ. އަދި ރީޖަނަލް ލީގު ކުރިޔަށް ދާނީ ހަތަރު ޓީމެއްގެ މެދުގައެވެ. 

އެއަށްފަހު ނޭޝަނަލް ލީގުން ޖާގަ ލިބޭނީ، ނުވަތަ އެ ލީގުގެ ޕްލޭ އޮފް ބުރުން ޖާގަ ލިބޭނީ ކޮންމެ ރީޖަންއެއްގެ ޗެމްޕިއަން ޓީމަށެވެ.

ރީޖަންތައް ބަހާލާފައިވާ ގޮތަށް ބަލާއިރު، ނޯރތު ރީޖަންގައި ހިމެނެނީ ހއ. ހދ. ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. އަދި ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ މާލެ ރީޖަންއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450